އަންނަ މަހު އާއްމުންނަށް ބޫސްޓަރ ޝޮޓް ދޭން ފަށަނީ

ކޯވިޑްއިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ބޫސްޓަރ ޑޯޒް އަންނަ މަހުގެ މެދުތެރޭގައި އާއްމުންނަށް ޖަހަން ފަށާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ވެކްސިންގެ ބޫސްޓަރ ޑޯޒްއަކަށް ޖަހަމުން އަންނަނީ ފައިޒަރ ވެކްސިންއެވެ.
މިހާރު ފެނިފައިވާ ކޯވިޑްގެ އައު ވޭރިއަންޓް "އޮމިކްރޯން" އަކީ ރާއްޖެއަށް ވަރަށް ބޮޑު ކަންބޮޑުވުމެއްކަން ފާހަގަކުރައްވާ ކުރެއްވި ޓްވީޓެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ ބޫސްޓަރ ޑޯޒް ޖަހަން ފަށާފައިވާކަމަށެވެ. މިގޮތުން އުމުރުން 50 އަހަރުން މަތީގެ މީހުންނަށް މިހާރު ބޫސްޓަރ ދޯޒް ދެމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ.
ރާއްޖެއިން ގިނަ އަދަދެއްގެ ބަޔަކުވަނީ ކޯވިޑްގެ 2 ޑޯޒް ފުރިހަމަކޮށްފައެވެ. މި ފެށޭ ހަފްތާގައި ޞިއްޙީ ދާއިރާއާއި، ފަތުރުވެރިކަމުގެ ދާޢިރާގެ އިތުރުން، އެއަޕޯޓްތަކުގައި ފްރަންޓްލައިންގައި ހަރަކާތްތެރިވާ މުއްވައްޒަފުންނަށް ބޫސްޓަރ ޑޯޒްދޭން ފަށާނެކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އަންނަ މަހުގެ މެދު ތެރޭގައި އާންމު ރައްޔިތުންނަށް ބޫސްޓަރ ޑޯޒް ޖެހުމުގެ މަސައްކަތް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.
އެޗްޕީއޭއިން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން 9000އަށް ވުރެ ގިނަ މީހުން ވަނީ ބޫސްޓަރ ޑޯޒް ޖަހަފައެވެ. މިވަގުތު މާލެ ސަރަޙައްދުގައި ބޫސްޓަރ ޑޯޒް ޖަހައިދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން ވިލިމާލެ ހޮސްޕިޓަލުންނެވެ. އަދި އަތޮޅުތެރޭގެ ސެންޓަރުތަކުންވެސް އަންނަނީ ބޫސްޓަރ ޑޯޒް ޖަހާ ދެމުންނެވެ.
ރާއްޖެއިން ކޯވިޑްގެ ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު ވަނީ 363،150 މައްޗަށް އަރާފައެވެ.
ކޯވިޑްގެ އައު ވޭރިއަންޓެއް ފެނި އަނެއްކާވެސް ކޯވިޑްގެ ނުރައްކާތެރިކަން މި ވަނީ ބޮޑުވެފައެވެ. މިގޮތުން ބައެއް ސަރަހައްދަުތަކުން އަނެއްކާވެސް އަންނަނީ އެ ޤައުމުގެ ބޯޑަރުތައް ބަންދުކޮށް ބައެއް ސަރަހައްދުތައް ފުރަ ބަންދުކުރަމުންނެވެ. "އޮމިކްރޯން"ގެ ނަން ދީފައިވާ ކޯވިޑްގެ އައު ވޭރިއަންޓް ފެނިފައިވަނީ އެފްރިކާގެ ސަރަހައްދުންނެވެ. އެ ސަރަހައްދުގެ ބައެއް ޤައުމުތަކުގައި މި ވޭރިއަންޓް އަންނަނީ ހަލުވިކަމާއި އެކު ފެތުރެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ