ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުމަށް ސީއެންއެންއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއިން ސީއެންއެން އިންޓަނޭޝަނަލް ކޮމާޝަލް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމްއެމްޕީއާރުސީ އޮފީހުގައި ހޯމަދުވަހު އޮތް ރަސްމިއްޔާތެއްގައެވެ. އެމްއެމްޕީއާރުސީގެ ފަރާތުން މި އެއްބަސްވުމުގަ ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ތޮއްޔިބް މުހައްމަދެވެ. އަދި ސީއެންއެންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ އޮފް ސޭލްސް އަބީޖީތް ދާރްއެވެ.
މި އެއްބަސްވުމުގެ މަޤްސަދަކީ ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުންކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
މި ރަސްމިއްޔާތުގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ ތޮއްޔިބް މުހައްމަދު ވަނީ މީގެކުރިން ސީއެންއެންއާއެކު ވިޒިޓް މޯލްޑިވްސްއިން ކާމިޔާބު ކެންޕެއިންތަކެއް ކުރިޔަށް ގެންގޮސްފައިވާކަން ފާހަގަކުރައްވާ ކުރީގެ ތަޖުރިބާއަށް ބަލައި، މިފަހަރުގެ ޕާޓްނަޝިޕް މެދުވެރިކޮށްވެސް ކާމިޔާބު ހަރަކާތްތަކެއް ކުރިޔަށް ގެންދެވޭނެކަމަށް އުންމީދު ކުރައްވާކަން ފާހަގަކުރައްވާފައެވެ.
ތައްޔިބް ވިދާޅުވީ އެމްއެމްޕީއާރުސީގެ މާކެޓިން ސްޓްރެޓަޖީތަށް ބިނާވެފައިވަނީ ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި، ފުރިހަމަ ހިދުމަތްތަކެއް ލިބޭ ތަނެއްގެ ގޮތުގައި ޕްރޮމޯޓުކުރުމަށް ކަމަށެވެ. އަދި ސީއެންއެންއާއިއެކު ސޮއިކުރެވުނު މި އެއްބަސްވުމުގެ ސަބަބުން އެމްއެމްޕީއާރުސީއިން ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބޭނެކަމަށް ދެކިވަޑައިގަންނަވާކަމަށް ތޮއްޔިބު ވިދާޅުވިއެވެ.
ސީއެންއެންގެ ޑިރެކްޓަރ އޮފް ސޭލްސް އަބީޖީތް ދާރް ވިދާޅުވީ ރާއްޖޭއަކީ ފަތުރުވެރިންނަށް އެ މަންޒިލެއްގައި ކުރެވޭނެ ގިނަ ތަޖުރިބާތަކާއި، ބެލުންތެރިންނާ ހަމައަށް ގެނެސްދެވޭނެ ގިނަ ވާހަކަތަކެއް އެކުލެވޭ ފަތުރުވެރިކަމުގެ ގޮތުން މުއްސަނދި މަންޒިލެއްކަމަށެވެ.
އަދި މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ރީތި މަންޒިލްގެ އެކިވާހަކަތައް ސީއެންއެންގެ އެކި ޕްލެޓްފޯމްތަށް މެދުވެރިކޮށް ބައިނަލްއަޤްވާމީ ފެންވަރުގައި އިޝްތިހާރުކުރެވޭނެ ކަމަށް އޭނަ ވިދާޅުވިއެެވެ.
އެއްބަސްވުމުގެ ދަށުން ކުރެވޭ މަސައްކަތްތަށް ކުރިއަށް ދާނީ ސެޕްޓެންބަރު މަހުން ޑިސެންބަރުގެ ނިޔަލަށެވެ. މި މަސައްކަތްތަކުގެ ދަށުން ރާއްޖެއަކީ ފަތުރުވެރިންނަށް އެންމެ ރައްކާތެރި، ފުރިހަމަ ހިދުމަތްތަކެއް ލިބޭ މަންޒިލްގެ ގޮތުގައި ޕްރޮމޯޓު ކުރެވޭނެކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.
މީގެއިތުރުން ރާއްޖޭގެ ވަކިވަކި ޕްރޮޑަކްޓަކާއި، ލިބެން ހުންނަ ތަޖުރިބާތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ވާހަކަތައްވެސް ސީއެންއެން ޓްރެވަލްގައި ޕަބްލިޝް ކުރާނެކަމަށް އެމްއެމްޕީއާރުސީން މައުލޫމާތު ދެއެވެ. މިގޮތުން ވީޑިއޯ، ރިޕޯޓް އަދި އިޝްތިހާރުގެ ޒަރިއްޔާއިންވެސް ރާއްޖެ އިޝްތިހާރު ކުރެވިގެންދާނެއެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ