ރޯލެކްސް ގަޑިއަކާއި، ކެމެރާ ލެންސެއް ވަގަށްނެގި ޒުވާން އަންހެނެއްގެ ބަންދަށް 10 ދުވަސް
ރޯލެކްސް ގަޑިއަކާއި، އަގުބޮޑު ކެމެރާ ލެންސެއްގެ އިތުރުން އެހެނިހެން ތަކެތި ވަގަށް ނެގި ޒުވާން އަންހެނަކު 10 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ. ޕެރީވިންކްލް، އުމުރުން 26 އަހަރުގެ، މައިޝާ މުޙައްމަދެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާ ހައްޔަރުކުރީ، ފުލުހުން މާލެ ތެރޭ ޕެޓްރޯލް ކުރަމުން ދަނިކޮށް، މަޖީދީ މަގު ސިޓީ ޝޫޒް ކުރިމަތީ ޕާކްތެރޭ އިން މީހާ ފުލުހުން ފެނުމުން އޭނާ އަޅުވައިގެން އިން ކަޅުކުލައިގެ ދަބަހާއި ކެމެރޭ ލެންސް ދަބަސް ފޮރުވަން އުޅުމުން ސުވާލުކޮށް ބަލައިފާސްކުރުމުގައި ވައްކަންކުރުމުގެ ތުހުމަތުކުރެވިގެންނެވެ. ކޯޓު އަމުުރުން އެނގޭ ގޮތުގައި އޭނާގެ އަތުގައި އޮތް ދަބހުގެ އަރިމަތީ ބައިން ރޯލެކްސް ގަޑިއެއް ފެނުނެވެ. އަދި މާފަންނު ޕޮލިސް ސްޓޭޝަނަށް ގެންގޮސް އޭނާގެ ބޮޑީ ޗެކްކުރިއިރު އޭނާ އަޅައިގެން ހުރި ކަޅު ދަބަހުގެ ތެރެއިން އެއް ރޮލެކްސް ގަޑިއާއި، އެއް އެޕަލް އައިފޯނު އެކްސާއި، ދެ ސޭންޑިސްކް އެކްސްޓާނަލް ހާޑާއި، އެއް ހީޓު ސިނގިރެޓު ފެނިފައިވެއެވެ. އަދި އެއް މެގްނެޓިކް ކާޑު ހޯލްޑަރާއި، ހަތަރު ޗާޖަރާއި، އެއް ޕަވާބޭންކް އޮތް ކަމަށް ވެސް އަމުރުން އެނގެއެވެ. މީގެ އިތުރުން ކެމެރާ ލެންސް ދަބަހުގައި އެއް ނިކޯން ކެމެރާ ލެންސް ވެސް އޮތެވެ. ކުރިން ވެސް ކުށުގެ ރެކޯޑު އޮތް މައިޝާ ވަނީ އޭނާގެ އަތުން ފެެނުނު ތަކެއްޗަކީ އެހެން މީހެއްގެ އެއްޗެހި ކަމަށް އެއްބަސް ވެފައެވެ. އެއާއެކު ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހައިފައެވެ. ވައްކަމުގެ މައްސަލަތައް މާލޭގައި ވަރަށް އާންމެވެ. ފުލުހުން އަންނަނީ އެފަދަ ކަންކަމަށް ސަމާލުވެ މުދާލާއި، އަމިއްލަ ގޭގެ ސަލާމަތް ކަށަވަރުކުރުމަށް އިލްތިމާސްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ