4،000 ފްލެޓުގެ އެއްބަސްވުންތަކުގައި މާދަމާ ސޮއިކުރަން ފަށަނީ

4000 ހައުސިންގ ޔުނިޓްގެ މަޝްރޫޢުގެ ފްލެޓް ލިބޭ މީހުން އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ހޯމަދުވަހު ފަށާނެކަމަށް ފަހި ދިއުޅުން ކޯޕަރޭޝަން، އެފްޑީސީން ބުނެފި އެވެ. ސޮއިކުރުމުގެ ކަންކަން ކުރިއަށްގެންދާނީ ހައުސިން މިނިސްޓްރީން، ފްލެޓް ލިބޭކަން ކަށަވަރުކުރަމުންދާ މީހުންގެ ލިސްޓަށެވެ.އެފްޑީސީން ނެރުނު ބަޔާނެއްގައި ބުނީ މާދަމާ އިންފެށިގެން އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ސޮއިކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އާ ދެމެދުގެ ވަގުތުތަކުގައި، ހުޅުމާލޭ ސިންތެޓިކް ޓްރެކްގެ ކަނޑައެޅިފައިވާ ސަރަހައްދުތަކެއްގައި ކަމަށެވެ. އެ ސަރަހައްދުތައް ކަނޑައެޅުމަށްފަހު އެފްޑީސީގެ ރަސްމީ ޗެނަލްތަކުގައި އާންމުކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ޔުނިޓުތަކުގެ މަސައްކަތް ނިމި ހަވާލުކުރުމަށް ތައްޔާރު ކުރެވިފައިވާ ޓަވަރުތަކަށް އިސްކަންދީގެން ކަމަށާއި ޔުނިޓު ލިބޭ ފަރާތްތަކަށް، އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާން ޖެހޭ ދުވަހާއި ގަޑި އެފްޑީސީގެ "ފަހި ޕޯޓަލް" މެދުވެރިކޮށް ޝެޑިއުލްކޮށް، އެ ފަރާތްތަކަށް އެންގޭނެ ކަމަށް އެފްޑީސީން ބުންޏެވެ.އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާ އިރު، ގެންދަންޖެހޭ ލިޔެކިޔުންތައް:– ކުއްޔަށް ހިފާ ފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީއެއް– ކޯ-އެޕްލިކަންޓުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީއެއް– ހެކިވެރިޔާގެ އައިޑީކާޑުގެ އަސްލު އަދި ކޮޕީއެއް– ޒިންމާ އަދާކުރާ ފަރާތުން ސޮއިކޮށްފައިވާ ފޯމުގެ އަސްލު– އެހެނިހެން ގުޅުންހުރި ލިޔެކިޔުންތައްއެފްޑީސީން ބުނީ، އެ ކޯޕަރޭޝަނުން ފްލެޓުތައް ތަރައްގީކޮށްފައިވާއިރު، ފްލެޓުތައް ހަވާލުކުރަން ހަމަޖެހިފައިވަނީ ފިނިޝިން މަސައްކަތްތައް ނިންމުމަށް ފަހު ކަމަށާއި، އެގޮތުން ފަންކާ އާއި ކުޑަދޮރާއި ފްލެޓަށް ވަންނަ ދޮރާއި ފާހާނާތައްޓާއި މޫނު ދޮންނަ ތަށި ހަރުކޮށްފައި ހުންނާނެ ކަމަށާއި، ތަޅުންގަނޑުގައި މުށި ޖަހައި، ފްލެޓްތަކުގައި ކުލަ ވެސް ލާފައި ހުންނާނެ ކަމަށެވެ.ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ފްލެޓު ލިސްޓު ނެރުނީ ނޮވެމްބަރު 4، 2023 ގައެވެ. އެ ލިސްޓާ މެދު ގިނަ ބަޔަކު ޝަކުވާ ކުރުމުން، ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އެ މަހުގެ 15ވަނަ ދުވަހު ނެރުނެވެ. އެހެންނަމަވެސް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނީ އެ ލިސްޓު އެކުލަވާލައިފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށެވެ.އެއަށްފަހު މި ސަރުކާރުގެ ހައުސިން މިނިސްޓްރީން ލިސްޓު ބެލުމަށްފަހު މިދިޔަ ފެބްރުއަރީ މަހު އިއުލާނުކުރީ، 4،000 ފުލެޓުގެ ހައްގުވެރިންނަކީ 1،820 މީހުން ކަމަށާއި ކުރީގެ ލިސްޓުން 53 ޕަސެންޓު މީހުންނަށް ދިން ޕޮއިންޓް ސައްހަ ނޫން ކަމަށެވެ.މި ސަރުކާރުން ފުލެޓު ދޭ ފައިނަލް ލިސްޓުގެ ގޮތުގައި ބަލާނީ ނޮވެމްބަރު 15، 2023ގައި ނެރެފައިވާ ލިސްޓު ކަމަށާއި، އޭގެ އިތުރު ލިސްޓެއް ނުނެރޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، ފްލެޓު ލިސްޓާ ގުޅޭ ގޮތުން ސަރުކާރަށް ގިނަ ބަޔެއްގެ ނުރުހުން އަމާޒުވެފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ