ކުޅުދުއްފުށި ބޮޑުތަނުން ނަގާނީ ނަޝީދު: ޑެޕިއުޓީ މޭޔަރު

އަންނަ މަހުގެ 12ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ހދ. ކުޅުދުއްފުށި ބޮޑު ތަނުން ނަގާނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ކުޅުދުއްފުށީގެ ޑެޕިއުޓީ މޭޔަރު އަހުމަދު އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އެނގުން މުހިންމު - އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ނަޝީދުގެ އިތުރުން ދެން ވާދަވެރި ކެންޑިޑޭޓަކަށް ހުންނެވީ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. އެ ގޮތުން:
ނަޝީދުގެ ފެކްޝަނުން މިހާރު މަސައްކަތްކުރައްވަނީ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާ އެކު
މީކާއިލަށް ތާއީދުކުރަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނުންނާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ފެކްޝަނުން
ނަމަވެސް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެތެރޭގެ އިންތިހާބުތަކުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުކޮށް ކެމްޕެއިން ނުކުރައްވާނެ ކަމަށް ޝާހިދު އިއުލާންކުރައްވާފައިވޭ
ތަފްސީލް - ޗެއާޕާސަންގެ އިންތިހާބުގެ ފޯރިގަދަވަމުންދާ ދަނޑިވަޅެއްގައި، ކުޅުދުއްފުށީގެ ޑެޕިއުޓީ މޭޔަރު އަހުމަދު އަބްދުﷲ (ރޯޒޭ) އާއި ކައުންސިލަރު ރިލްވާން މުހައްމަދު (ރިލޭ) ވެސް ވަނީ ނަޝީދަށް ތާއީދުކުރައްވާކަން ފޭސްބުކްގައި ޕޯސްޓްކުރައްވައިފަ އެވެ.
އަހުމަދު އަބްދުﷲ ކުރެއްވި ޕޯސްޓްގައި ވިދާޅުވީ މިއީ ނަޝީދު އެމްޑީޕީގެ ޗެއާޕާޝަންއެއްގެ ގޮތުގައި ހިދުމަތް ކުރުމަށް ތައްޔާރަށް ހުއްޓައި އެހެން ފަރާތަކަށް ފުރުސަތު ދޭން ޖެހޭ ދަނޑިވަޅެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ ޕާޓީގެ އިތުރުން ގައުމަށް ވެސް ބޮޑު ބަދަލެއް އަންނަން ޖެހޭކަމަކީ އެންމެނަށް ވެސް ގަބޫލުކުރެވޭ ހަގީގަތެއް ކަމަށެވެ. އެފަދަ ބޮޑު ބަދަލެއް ގެނައުމަށް ބޭނުންވަނީ ތަޖުރިބާހުރި ހިތްވަރުގަދަ ލީޑަރެއް ކަމަށް ވެސް ވިދާޅުވި އެވެ.
"ކުޅުދުއްފުއްޓާއި ބޮޑުތިލަދުންމަތި އަދި މުޅި އުތުރަށް އެންމެ މޮޅު ގޮތަކީ މި ބަދަލު ގެނައުމަށް ޗެއާޕާސަން އިންތިހާބުގައި ރައީސް ނަޝީދަށް ތާއީދުކުރުން. މާތް ﷲގެ ހެޔޮރަހުމަތާއެކު، އެކުގައި ކުރާ މަސައްކަތުން ކުޅުދުއްފުށި ސިޓީ ބޮޑު ތަނުން ރައީސް ނަޝީދު ނަގާނެ،" އަހުމަދު އަބްދުﷲ ލިއުއްވާފައިވެ އެވެ.
ކައުންސިލަރު ރިލްވާންގެ ތާއީދު ނަޝީދަށް އޮތްކަން ހާމަކުރެއްވުމުގެ ގޮތުން ކުރެއްވި ޕޯސްޓްގައި ލިއުއްވީ، އެންމެ ފަހުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ނަޝީދުގެ ރަސްމީ ކެމްޕެއިން ލަވައިގެ ކަނޑިއެކެވެ.
ޗެއާޕާސަން އިންތިހާބުގައި ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފްގެ ތާއީދު އޮތް ގޮތެއް އަދި މުޅީން ސާފެއް ނޫނެވެ. ނަމަވެސް އަހުމަދު އަބްދުﷲ އާއި ރިލްވާނަކީ ވެސް މޭޔަރު އާތިފްގެ ވަރަށް އަރިސް ދެ ބޭފުޅުންނެވެ.
އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވެސް މި ބޭފުޅުން ތާއީދުކުރެއްވީ ނަޝީދަށެވެ. އަދި ނަޝީދު އެމްޑީޕީ ދޫކުރަައްވައި ނަޝީދު އޭރު އުފެއްދެވި ޑިމޮކްރެޓްސްއަށް ސޮއިކުރެއްވުމަށް ފަހު ވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކުރިން އެމްޑީޕީއަށް އަލުން ގުޅިވަޑައިގަތެވެ.
ފާހަގަކޮށްލެވޭ - ސިޓީގެ ލަގަބު ދީފައިވާ ރަށްތަކުގެ ތެރެއިން އައްޑޫގެ މޭޔަރު އަލީ ނިޒާރާއި ތިނަދޫ މޭޔަރު ސައުދު އަލީގެ ތާއީދު ވެސް އޮތީ ނަޝީދަށެވެ. މާލޭގެ މޭޔަރު އާދަމް އާޒިމްގެ ތާއީދު މީކާއިލަށް އޮތް އިރު ފުވައްމުލަކުގެ މޭޔަރު އިސްމާއިލް ރަފީގު އަދި ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ