އިންޑިއާގެ ގޯއާގައި މާދަމާ ފަށާ ސާފް ވިމެންސް ޗެމްޕިއަންޝިޕާ ކުރިމަތިލާއިރު، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާ އެކު، އޭނާގެ އަމާޒު ހުރީ ކުޅުންތެރިން އަމިއްލަ އަށް އިތުބާރުކޮށްގެން ވިސްނުން ރަނގަޅުކޮށް، ކުރިއަށް ވުރެން ރަނގަޅު ކުޅުމެއް ދެއްކުމަށް ކަމަށް އަންހެން ގައުމީ ފުޓްބޯޅަ ޓީމާ ވަގުތީ ގޮތުން ހަވާލުވެހުރި، ކޯޗު، ސޮބާހު މުހައްމަދު (ސޮބާ) ބުނެފި އެވެ
މާދަމާ ފަށާ މުބާރާތުގައި ރާއްޖެ ހިމެނެނީ ސަރަަހައްދުގެ ގަދަ ދެ ބާރު ކަމަށްވާ އިންޑިއާ އާއި ބަންގްލަދޭޝާ އެކު ގްރޫޕް ބީގަ އެވެ. އަނެއް ގްރޫޕްގައި ހިމެނެނީ، ބޫޓާން، ނޭޕާލް އަދި ސްރީ ލަންކާ އެވެ. ޕާކިސްތާނުން އިންޑިއާގައި ކުޅޭތީ މި މުބާރާތުގައި ވާދަނުކުރެ އެވެ.
މުބާރާތުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސޮބާ ބުނީ، ސާފް ވިމެންސް ޗެމްޕިއަންޝިޕަށް ތައްޔާރުވި ގޮތުގެ ވާހަކަ އެހާ ބޮޑަށް ދެއްކެން ނެތް ކަމަށާއި ލިބުނީ މަދު ވަގުތެއް ކަމަށެވެ.
އަންނަ މަހު ފަށަން ތާވަލުކޮށްފައިވާ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ އަދި ބަންގްލަދޭޝް، އެއް ގްރޫޕެއްގައި ވަނީ ލައްވާލައިފައި. މުބާރާތް ކުރިއަށްދާނީ އަންނަ މަހުގެ 25 އިން ޖޫން މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް
ސޮބާ ބުނީ، އޭނާ އަކީ ހަގީގަތުގައި 17 އަހަރުން ދަށުގެ ޓީމުގެ ކޯޗު ކަމަށާއި އަންހެން ޓީމާ ހަވާލުވާން ޖެހުނީ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެދިގެން ކަމަށެވެ.
"ތައްޔާރީތަކަށް ލިބުނު ވަގުތަށް ބަލާފައި މާ ބޮޑު ވާހަކަތަކެއް ދެއްކެން ނެތް. އެކަމަކު، ކުރެވުނު މަަސައްކަތްތަކުގެ އަލީގައި މި ބަލަނީ ކުޅެން މި ޖެހޭ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރަނގަޅަށް ކުޅެވޭނެ ކަމަށް ވަރަށް ބޮޑު އިހުތިރާމެއް އެބައޮތް އިންޑިއާ އާއި ބަންގްލަދޭޝް އަށް، އެ މީހުންގެ ވަރުގަދަ ކަންކަން އެނގޭ، ހަމަ އެ ގޮތަށް އަހަރެމެންނަށް ކުރަންޖެހޭ ކަންކަން ވެސް ވިސްނޭ، އެކަންކަމަށް ބަލާފައި ކަންކަން ބަދަލުކުރެވޭތޯ މަސައްކަތްކުރާނަން،" ސޮބާ ބުންޏެވެ.
އިންޑިއާގެ ނޫސްވެރިން ކުރި ސުވާލުތަކަށް ދިން ޖަވާބުގައި ސޮބާ ބުނީ، ރާއްޖޭ އަންހެން ގައުމީ ޓީމުން ކުރިއެކޭ ސީދާސީދާކޮށް އެއްގޮތް ނުވާނެ ކަމަށެވެ. އަދި، އެ ޓީމުގެ ވިސްނުން ހަމައެކަނި އޮންނާނީ މެޗުގެ "ސްކޯ މާޖިން" އަށް ބަލައިގެން ކުރާ ކަމެއް އެކަނި ނޫން ކަމަށް ވެސް ސޮބާގެ ވާހަކައިގައި ފާހަަގަކުރި އެވެ.
" ކޯޗެއްގެ ގޮތުގައި އަހަރެމެން މަސައްކަތް އެބަކުރަންޖެހޭ ޑިވެލޮޕްކުރެވޭނެ ކަންކަމަށް ވެސް، ކޮންފިޑެންސާއި މޯޓިވޭޝަނާއި މި ކަންކަމުގެ އިތުރުން ހާސިލްކުރެވޭނެ ކަންކަން، ވަރަށް ފަރަގު ބޮޑުކޮށް މިދިޔަ އަހަރު ބަލިވީ (އިންޑިއާ އަތުން އެކުވެރިކަމުގެ މެޗުގައި). މި ބަލަނީ ފަރަގު ކުޑަކުރަން ނޫނީ ސްމާޓް ގޭމެއް ކުޅެން. ޔަގީންކަމެއް ފަސޭހަ ނުވާނެ މި މެޗު،" ސޮބާ ބުންޏެވެ.
ސޮބާ ބުނީ، ގައުމީ އަންހެން ފުޓްބޯޅަ ޓީމުގައި އޭނާ އަށް މަސައްކަތްކުރެވުނު ކުރު މުއްދަތުގެ ތެރޭގައި ވެސް ކުޅުންތެރިން ކުރާ ހިތްވަރު ފެނިގެންދިޔަ ކަމަށެވެ. އަދި، ހުރި ގޮންޖެހުންތަކާ އެކު ވެސް މަޑުމަޑުން ނަމަވެސް އޭނާ ބޭނުންވާ ގޮތަށް ކުޅެން މަސައްކަތްކުރާކަން ސޮބާ ފާހަގަކުރި އެވެ.
ކުރު މުއްދަތެއްގައި ޓީމުގައި ހުރެ ޖާދުލެއް ނުހެދޭނެ ކަމަށާއި އަދި އެއް ރެއިން ހުރިހާ ކަމެއް ބަދަލުކުރަން ވެސް އުނދަގޫވާނެ ކަމަށް ވެސް ސޮބާ ވަނީ ބުނެފަ އެވެ. އަދި، އަންހެން ފުޓްބޯޅަ ގްރާސް ރޫޓުން ފަށައިގެން ކުރިއަރުވަން ފަށައިގެން ރަނގަޅަށް މަސައްކަތްކުރެވިއްޖެނަމަ އޭގެ ނަތީޖާ ވެސް ފެންނާނެ ކަމަށް ސޮބާ ބުނެފައިވެ އެވެ.
"ޑިވެލޮޕްމަންޓަކީ ވަރަށް ދިގު މުއްދަތެއްގައި މަސައްކަތްކޮށްގެން ވަރަށް ގިނަ މެޗުތައް އަދި މުބާރާތްތައް ކުޅެގެން ރަނގަށް ގެންދެވޭނެ ކަމެއް. އެ ގޮތުން، ފިޓްނަސް ޑިވެލޮޕްކުރަން ގިނަ މެޗު ވެސް ބޭނުންވާނެ. ޓެކްނިކަލް ކަންކަން ރަނގަޅުކުރަން ވެސް ވަގުތު ނަގާނެ،" ކޯޗިންގައި މުހިންމު ތަޖުރިބާތަކެއް މިހާތަނަށް ވެސް ހާސިލްކޮށްފައިވާ ސޮބާ ބުންޏެވެ.
ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި، ރާއްޖެ ހިމެނޭ ގްރޫޕްގައި އޮތް ބަންގްލަދޭޝް އަކީ އެންމެ ފަހުން ބޭއްވި ސާފް ވިމެންސް ޗެމްޕިއަންޝިޕްގެ ޗެމްޕިއަން އެވެ. އަދި، މި ގްރޫޕްގައި ދެން އޮތް އިންޑިއާ އިން ވަނީ ފަސް ފަހަރު މި މުބާރާތުގެ ތަށި ހޯދައިފަ އެވެ.
ރާއްޖޭން ފުރަތަމަ މެޗުގައި މާދަމާ ކުޅޭނީ އިންޑިއާއާ އެވެ. ގައުމީ އަންހެން ފުޓްބޯޅަ ޓީމުން މިދިޔަ އަހަރުގެ ކުރީކޮޅުގައި ވަނީ އިންޑިއާއާ ދެކޮޅަށް އެ ގައުމުގައި އެކުވެރިކަމުގެ ދެ މެޗެއް ކުޅެފަ އެެވެ. ފުރަތަމަ މެޗުން ރާއްޖެ 14-0 އިން ބަލިވިއިރު، ދެ ވަނަ މެޗުން ބަލިވީ 11-1 އިންނެވެ.
ސޮބާ ބުނީ މިދިޔަ އަހަރު އިންޑިއާއާ ކުޅުނު މެޗުތައް ދިރާސާކޮށްފައިވާނެ ކަމަށެވެ.
"އަހަރެމެންނަށް އެނގޭ އެ މީހުން ޕްރެސްކޮށްގެން ކުޅޭނެކަން. އެ އަށް ވިސްނައިގެން އަހަރެމެން ވެސް ވިސްނާނީ ކޮން ގަޑިއެއްގައިތޯ އަހަރެމެންނަށް އެ މީހުން ކައިރިން އެޓޭކްކުރަން ފުރުސަތު ލިބޭނީ. ވިސްނުމެއް ނެތި ހަމައެކަނި ކުޅެލާކަށް ނޫން މި ބަލަނީ، އައިޑިއާއެއް އޮވެގެން ކުރިއަށްދާން ބޭނުމީ. ޔަގީންކަމެއް ޑިފެންސަށް އިސްކަންދީގެން އަހަރެމެންނަށް ކުޅެވޭނީ. ވަރަށް ޓަފް މެޗަކަށް މި މެޗު ވާނީ ވާނީ،" ސޮބާ ބުންޏެވެ.
އޭނާ ބުނީ، ރާއްޖޭން މުބާރާތުގައި އިންޑިއާ އާއި ބަންގްލަދޭޝް އަތުން މޮޅުވާނެ ކަމަށް ބުނެ ވާހަކަ ދެއްކުމުގެ ބަދަލުގައި އޭނާ ކުޅުންތެރިންނަށް ވިސްނައިދޭން ބޭނުންވަނީ ކޮންފިޑެންސާ އެކު ވަރުގަދަ ޓީމުތަކާ އެކު ވެސް ކުޅުން މުހިންމުކަން ކަމަށެވެ.
ގޯއާގެ ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގައި މާދަމާރޭ ކުޅޭ މެޗުގައި އިންޑިއާއާ ދެކޮޅަށް ރާއްޖޭން 90 މިިނިޓް އެއްކޮށް ޑިފެންސްކުރަން ނުވިސްނާނެ ކަމަށާއި ރޭވުމަކާ އެކު ނުކުމެ އެޓޭކަށް ދެވޭ ބޯޅަތަކުގައި އެކަން ކުރަން ވެސް އިސްކަން ދޭނެ ކަމަށް ސޮބާ ވަނީ ބުނެފަ އެވެ.
ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ސޮބާ ބޭނުމީ ޓީމުގެ ވިސްނުމާއި ކުޅުން ރަނގަޅުކުރަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ