ފިލިޕީންސްގެ މިންޑަނާއޯއަށް އައި ބާރުގަދަ ބިންހެލުމުގައި އެތައް ބަޔަކު ނިޔާވެ އަދި ބޮޑެތި ގެއްލުންތަކެއް ލިބުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފިލިޕީންސްގެ ރައީސް ފާޑިނަންޑް ރޮމޮއަލްޑަސް މާކޯސްއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސުގައި ވިދާޅުވީ، ހޯމަ ދުވަހު ފިލިޕީންސްގެ ރަށަކަށް އައި ބާރުގަދަ ބިންހެލުމުގައި އެތައް ރައްޔިތުންނެއްގެ ފުރާނަ ގެއްލި އެތައް ބަޔަކަށް އަނިޔާވި ޚަބަރު އެއްސެވީ ނުހަނު ފުން ހިތާމައާއެކުގައިކަމަށެވެ. ރައީސުލްޖުމްހޫރިއްޔާވަނީ ދިވެހި ސަރުކާރާއި، ދިވެހި ރައްޔިތުންގެ ނަމުގައި ފިލިޕީންސްގެ ރައީސަށާއި އެޤައުމުގެ ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި މިހާދިސާގައި ފުރާނަ ގެއްލުނު ފަރާތްތަކުގެ ޢާއިލާތަކަށް އެމަނިކުފާނުވަނީ ހަމްދަރުދީ ފޮނުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހަމްދަރުދީގެ މެސެޖު ނިންމަވާލެއްވީ، މިދަތި ދަނޑިވަޅުން އަރައިގަތުމަށް ފިލިޕީންސްގެ ސަރުކާރާއި ރައްޔިތުންކުރަމުންދާ މަސައްކަތަށް ކާމިޔާބީއަށް އެދިވަޑައިގަންނަވަމުންނެވެ.
ފިލިޕީންސްގެ އައްސޭރިފަށުގެ ރަށެއްކަމަށްވާ މިންޑަނާއޯއަށް ރިކްޓަރ މިންގަނޑުން 7.8ގެ ބާރުމިނުގައި އައި މި ބިންހެލުމާއި ގުޅިގެންވަނީ ސުނާމީގެ އިންޒާރުވެސް ނެރެފައެވެ. ބިންހެލުމާއި ގުޅިގެން ޢިމާރާތްތަކުގެ ދަށުވުމުގެ އެކި ޙާދިސާތަކުގައި 30 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ފިލިޕީންސްގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ހަމްދަރުދީ ފޮނުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ