އިދިކޮޅު އެމްޑީޕީއަށް ކެމްޕެއިން ކޮށްދީގެން އަދި ހައްގުތައް ހޯދަން ވަކާލާތުކުރާ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރާތީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ފައްޔާޒް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) ގެ ކެމްޕެއިނުގައި ހަރަކާތްތެރިވި މުވައްޒަފެއް ވަޒީފާއިން ވަކިކޮށް، ވެމްކޯއިން ޕެންޝަން ފައިސާ ޖަމާނުކުރާތީ އިހުތިޖާޖުކުރި ދެ މުވައްޒަފަކު އެ ކުންފުނިން ވަކިކޮށްފައިވާތީ ކަންބޮޑުވާ ކަމަށެވެ.
"ޑިމޮކްރަސީ ގަބޫލުނުކުރާ މުއިއްޒުގެ ސަރުކާރުން ސޯބެ ކެމްޕޭނުގައި އުޅުނު މުވައްޒަފުން ވަކިކުރުމަކީ ކަންބޮޑުވުމެއް. އަދި ވެމްކޯއިން ޕެންޝަން ފައިސާ ޖަމާނުކުރާތީ ހައްގުުތައް ހޯދުމަށް އަޑުއުފުލި ދެ މުވައްޒަފަކު ވެސް ވަނީ މި އަނިޔާވެރި ސަރުކާރުން އަންގައިގެން ވަޒީފާއިން ކަނޑާލާފައި،" އޭނާ ވިދާޅުވި އެވެ.
އިންތިހާބަކުން ބަލިވީމަ ބަދަލު ހިފާނީ ތާއީދު ގެއްލި ގޮތް ހުސްވުމުންކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ ދައުލަތުގެ ކުންފުނިތައް މުއިއްޒުގެ ސިޔާސީ ޖަގަހަތަކެއްގެ ގޮތުގައި ބޭނުންކޮށް އާއިލާތަކެއް ނިކަމެތި ކޮށްގެން ތާއިދު އިތުރުވާނެ ކަމަށް ދެކިގެން ނުވާނެ ކަމަށެވެ.
"އިންތިހާބަކުން ބަލިވީމާއި ބަދަލު ހިފާނީ ތާއީދު ގެއްލި ގޮތްހުސްވުމުން. ދައުލަތުގެ ކުންފުނިތައް މުއިއްޒުގެ ސިޔާސީ ޖަގަހަތަކެއްގެ ގޮތުގައި ބޭނުންކޮށް އާއިލާތަކެއް ނިކަމެތި ކޮށްގެން ތާއިދު އިތުރުވާނެ ކަމަށް ދެކިގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.
މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޒުހައިރު، ހިތަދޫ އިތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރެއްވި ސޯބެ އާއެކު ފޮޓޯއެއް ނެންގެވި މައްސަލައެއްގައި ވަޒީފާއިން ވަކިކުރުމަށްޓަކައި އޭނާ ފުރުއްވަމުން ގެންދެވި މަގާމު ވެސް ސަރުކާރުން އުވާލި އެވެ. ޒުހައިރާއި ސޯބެއަކީ ތިމާގެ ދެ ބޭފުޅުންނެވެ.
އެމްޑީޕީގެ ވެރިކަމުގައި ޓްރާސްޕޯޓް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް ހުންނެވި ޒުހައިރު އެ މަގާމަށް އައްޔަން ކުރެއްވީ ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި މީހުންނާ އިންޓަވިއު ކުރުމަށް ފަހު އެވެ. ނަމަވެސް، އޭނާ ފުރުއްވަމުން ގެންދެވި ޑިރެކްޓަރުގެ މަގާމު ކުއްލި ގޮތަކަށް އުވާލާފައި ވަނީ އާދީއްތަ ދުވަހުގެ ވަގުތެއްގަ އެވެ.
މިކަމާ ގުޅިގެން ޒުހައިރުގެ ދަރިފުޅުނު އަޒާން ޒުހައިރު، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ބޯޑުން އިއްޔެ ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ބޯޑުގެ ޗެއާޕާސަން މަގާމުގައި ހުންނެވި އަޒާން ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާދެއްވީ ސިޔާސީ ކަމެއްގައި އޭނާގެ ބައްޕަގެ ވަޒީފާ ގެއްލުވާލުމުން ކަމަށެވެ.
އިދިކޮޅަށް ކެމްޕެއިންކޮށްގެން އަދި ހައްގުތަކަށް އަޑުއުފުލައިގެން ވަޒީފާއިން ވަކި ކުރާތީ ފައްޔާޒުގެ ކަންބޮޑުވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ