މި އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ރެފްރީންގެ ލިސްޓުގައި ފީފާއިން ހިމަނާފައިވާ ސޯމާލިއާގެ ރެފްރީ އުމަރު އަބްދުލްކަދީރު އާތަން، އެމެރިކާއަށް އެތެރެވިޔަ ނުދީ ހުއްޓުވައިފި އެވެ.
އެމެރިކާގެ ކަސްޓަމްސް އަދި ބޯޑާ ޕްރޮޓެކްޝަން (ސީބީޕީ) އިން ބުނި ގޮތުގައި އިސްތަންބޫލުން މަޔާމީ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ ރެފްރީގެ މައުލޫމާތު އިތުރަށް ޔަގީން ކުރަން ވަނީ އިތުރު އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފަ އެވެ.
ނަމަވެސް ވެޓިން ކަންބޮޑުވުންތަކަކާ ގުޅިގެން އޭނާ ޝަރުތު ހަމަ ނުވާކަމަށް ބަލައި އެމެރިކާއަށް އެތެރެވުން އޭނާއާށް މަނާ ކޮށްފައި ވާކަމަށް ސީބީޕީގެ ތަރުޖަމާނު ވަނީ ބުނެފަ އެވެ.
ޓްރަމްޕްގެ ދައުރުގައި އެމެރިކާއަށް ދަތުރު ކުރުން މަނާ ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ސޯމާލިއާ ހިމެނެ އެވެ.
އާޓަން ވަނީ 2024 ވަނަ އަހަރު އެފްރިކަން ކަޕް އޮފް ނޭޝަންސް ގައި ރެފްރީކަން ކޮށްފަ އެވެ. މިއާ އެކު އޭނާ ވެފައި ވަނީ މުބާރާތުގައި ރެފްރީކަން ކުރި ސޯމާލިއާގެ ފުރަތަމަ ރެފްރީއަށެވެ.
ސީބީޕީ އިން ރެފްރީގެ ނަން ހާމަ ކޮށްފައި ނުވި ނަމަވެސް ފީފާއިން ވަނީ އެއީ ސޯމާލިއާގެ ރެފްރީ އުމަރު އަބްދުލްކަދީރު ކަން ޔަގީން ކޮށްދީފަ އެވެ. އޭނާ އަކީ ފީފާއިން މުބާރާތަށް ހޮވާފައިވާ 52 ރެފްރީންގެ ތެރޭގައި ހިމެނޭ ހަމައެކަނި ސޯމާލިއާ ރެފްރީއެވެ. މީގެ އިތުރުން ފީފާ އިން ވަނީ މުބާރާތުގައި 88 އެސިސްޓެންޓް ރެފްރީން ވެސް ހަރަކާތްތެރިވާނެ ކަން ހާމަ ކޮށްފަ އެވެ.
"މުބާތާތް ބާއްވާ ގައުމުގެ އިމިގްރޭޝަން މަރުހަލާގެ ކަންކަމުގައި، ފީފާ އިން ބައިވެރި ނުވާނެ. އަދި މި ވަގުތު އާޓަންގެ ހާލަތަށް ބަދަލެއް ނާންނާނެ. މީގެ ކުރިން ބާއްވާފައިވާ ފީފާ އިވެންޓްތަކެކޭ އެއްފަދައިން، ވިސާ ލިބޭނީ ކޮން ބަޔަކަށް ކަމަށާއި އެ ގައުމަށް އެތެރެވޭނެ ފަރާތްތައް ކަނޑައަޅާނީ މުބާރާތް ބާއްވާ ގައުމުގެ ސަރުކާރުން،" ފީފާއިން ނެރުނު ބަޔާނެއްގައިވެ އެވެ.
ސީބީޕީގެ ތަރުޖަމާނު ހާމަ ކޮށްފައިވާ ގޮތުގައި މުބާރާތުގައި ވާދަކުރާ އެތުލީޓުންނާއި ކޯޗުން އަދި އެހެނިހެން ސްޓާފުންގެ އިތުރުންވެސް ދަތުރު ކުރާ ކޮންމެ ފަރާތެއް ވެސް ޝަރުތު ހަމަވޭތޯ ބަލަން ހާއްސަ ވެޓިން ޕްރޮސެސްއެއްގެ ދަށުން ބެލުންތައް ކުރިއަށް ގެންދާނެ އެވެ.
ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރެވެ.
ވޯލްޑް ކަޕަށް ދިޔަ ސޯމާލިއާ ރެފްރީ އެމެރިކާއަށް އެރުން މަނާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ