އިސްލާމިކް ސޮލިޑާރިޓީ ގޭމްސް: ރަފާ އާއި ދީމާގެ ޕެއާ ސެމީ ފައިނަލަށް އިސްލާމިކް ސޮލިޑާރިޓީ ގޭމްސް: ރަފާ އާއި ދީމާގެ ޕެއާ ސެމީ ފައިނަލަށް

ސައުދީ އަރަބިއްޔާގެ ރިޔާދުގައި ކުރިއަށްދާ އިސްލާމިކް ސްލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިސް އިވެންޓުގެ އޯޕަން ބައިގެ އަންހެން ޑަބަލްސް އިވެންޓުން ރާއްޖޭގެ ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެެވެ.
ރަފާ އާއި ދީމާ، ފުރަތަަމަ ކުުޅުނީ ގަދަ 16 ބުރުގައި ޕާކިސްތާންގެ ހޫރު ފަވާދު އާއި ހަލްސޫމް ހާންއާ ދެކޮޅަށެވެ. އެ މެޗުން ރަފާ އާއި ދީމާގެ ޕެއާ 3-0 އިން މޮޅުވިއިރު، ސެޓުތައް ގެންދިޔައީ، 11-07، 11-07 އަދި 11-09 އިންނެވެ.
އެ އަށް ފަހު، ކުއާޓާ ފައިނަލް މެޗުގައި، ރަފާ އާއި ދީމާ ވާދަކުރީ މިސްރުގެ ޔުސްރާ އަޝްރަފް އަބްދެލްރައްޒާގު އާއި ހެންދު މުހައްމަދު ފާތީ އަބްދެލްހަލީމްގެ ޕެއާއާ އެވެ. އެ މެޗުން ރަފާ އާއި ދީމާ ވަނީ ވާދަވެރި ކުޅުމަކަށް ފަހު، 3-1 ސެޓުން މޮޅުވެފަ އެވެ. މެޗުގެ ސެޓުތައް ދިޔައީ، ފުރަތަމަ ސެޓުން، 03-11 އިން މިސްރުގެ ޔުސްރާ އާއި ފާތީގެ ޕެއާ މޮޅުވެގެންނެެވެ. އެކަމަކު، ދެން ކުޅުނު ތިން ސެޓުން މޮޅުވެ، ރަފާ އާއި ދީމާ ސެމީ ފައިނަލުން ޖާގަ ހޯދީ އެވެ. ދީމާ އާއި ރަފާ، ސެޓުތައް ގެންދިޔައީ، 11-09، 13-11 އަދި 11-05 އިންނެވެ.
ސެމީ ފައިނަލުގައި ރަފާ އާއި ދީމާ ނުކުންނާނީ ތުރުކީގެ އެޝޭ ހަރާޝް އާއި އޮޒްގޭ ޔިލްމާޒްގެ ޕެއާއާ ދެކޮޅަށެވެ.
މުންސިފް އާއި ޝައްފާން، މިއަދު ކުޅުނު މެޗުގެ ތެރެއިން.---- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު
ފިރިހެން ޑަބަލްސްގައި ރާއްޖޭގެ މޫސާ މުންސިފް އަހުމަދު އާއި މުހައްމަދު ޝައްފާން އިސްމާއިލް ވަނީ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފަ އެވެ. އެ ގޮތުން، ފުރަތަމަ ކުޅުނު ގަދަ 32 ޕެއާގެ ބުރުގައި، މުންސިފް އާއި ޝައްފާންގެ ޕެއާ ވަނީ މޮރިޓޭނިއާގެ ހަރޫނާ ސަންޔާ އާއި އެލް ހަސަން އަހުމަދު ސަލީމްގެ ޕެއާ އަތުން 3-0 އިން މޮޅުވެފަ އެވެ. ސެޓުތައް ގެންދިޔައީ، 11-02، 11-01 އަދި 11-04 އިންނެވެ. ގަދަ 16 ބުރުގައި، މުންސިފް އާއި ޝައްފާންގެ ޕެއާ އިން ނުކުތީ، އަޒަރުބައިޖާންގެ ހިލާލް ހަސަނޯވް އާއި ގުލުދާޒޭ އޮނޫރުގެ ޕެއާއާ ދެކޮޅަށެވެ. އެ މެޗުން ޝައްފާން އާއި މުންސިފް މޮޅުވީ 3-1 ސެޓުންނެވެ. ފަހަތުން އަރައި، މުންސިފް އާއި ޝައްފާން މޮޅުވި މި މެޗުގެ ސެޓުތައް ދިޔައީ، 09-11، 11-08، 11-03 އަދި 12-10 އިންނެވެ.
ކުއާޓާ ފައިނަލުގައި ޝައްފާން އާއި މުންސިފް ކުޅެން ޖެހުނީ މުބާރާތް ބާއްވާ ސައުދީ އަރަބިއްޔާގެ އަލީ އަލްހަދުރަވީ އާއި އަބްދުލްއަޒީޒް ބޫ ޝުލައިބީގެ ޕެއާއާ އެވެ. އެ މެޗުން އަލްހަދުރަވީ އާއި ޝުލައިބީގެ ޕެއާ ވަނީ 3-0 އިން މޮޅުވެފަ އެވެ. ސެޓުތައް ގެންދިޔައީ، 11-06، 11-03 އަދި 11-03 އިންނެވެ.
މިކްސް ޑަބަލްސްގައި ރާއްޖޭގެ މުންސިފް އާއި ރަފާގެ ޕެއާ ވަނީ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފަ އެވެ. އެ ގޮތުން، ގަދަ 16 ބުރުގައި މުންސިފް އާއި ރަފާގެ ޕެއާ ވަނީ ޓޯގޯގެ އަޔޯކޯ ފަނީދާ އަމާ އާއި މަތިއަސް އަގްބޮޑްޖާންގެ ޕެއާ އަތުން 3-0 އިން މޮޅުވެފަ އެވެ. ރަފާ އާއި މުންސިފްގެ ޕެއާ ސެޓުތައް ގެންދިޔައީ، 11-06، 11-09 އަދި 12-10 އިންނެވެ. މުންސިފް އާއި ރަފާ، ކުއާޓާ ފައިނަލުގައި ބަލިވީ 3-0 އިން ބަންގްލަދޭޝްގެ އަހުމަދު އެމްޑީ ޖާވިދު އާއި ކޮއި ކޮއި ސައި މަރްމާގެ ޕެއާ އަތުންނެވެ. ސެޓުތައް ދިޔައީ، 14-12، 11-05 އަދި 11-08 އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ