ދުނިޔޭގައި ބޭއްވޭ އެންމެ ބޮޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕްގެ މެޗުތައް ކުޅޭ ގަޑިތަކާ ޓީމުތައް ހިމެނޭހެން ފީފާއިން މެޗު ތާވަލް އާއްމުކޮށްފި އެވެ.
މި ތާވަލް އާއްމުކޮށްފައިވަނީ އެކަމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ އެކު، ބްރެޒިލްގެ ކުރީގެ ތަރި ރޮނާލްޑޯ ނަޒާރިއޯ އާއި އިޓަލީގެ ފްރެންޗެސްކޯ ޓޮޓީ ފަދަ ފަރާތްތައް ބައިވެރިވި އެވެ. އަދި މި ރަސްމިއްޔާތަށް ވޯލްޑް ކަޕް ޓްރޮފީ ސްޓޭޖަށް ގެނެސްދިނީ އާޖެންޓީނާ އަށް އެންމެ ފަހުގެ ތަށި ނަގައިދިން ކޯޗު ލިއޮނެލް ސްކަލޯނީ އެވެ.
މި ފަހަރުގެ މުބާރާތަކީ 48 ގައުމާ އެކު، އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި އަންނަ އަހަރު މުޅިން އަލަށް ބާއްވާ މުބާރާތެކެވެ.
ތާވަލްގައި ވާގޮތުން މުބާރާތް ހުޅުވާ މެޗު އޮންނާނީ މެކްސިކޯގެ އަޒްޓެކާ ސްޓޭޑިއަމްގައެވެ. މި މެޗުގައި ބައްދަލުކުރާނީ މެކްސިކޯ އާއި ދެކުނު އެފްރިކާއެވެ. އަދި މި މެޗު އޮންނާނީ ޖޫން 11 ވަނަ ދުވަހުގެ ރޭ ދަންވަރު 12 ޖަހާއިރު އެވެ.
މި މުބާރާތުގެ ގުރޫޕް ސްޓޭޖުގެ މެޗުތައް ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖެ ގަޑިން ރޭގަނޑު 9 އާއި ހެނދުނު 9 އާ ދެމެދުގެ ވަގުތުތަކުގަ އެވެ. މެޗު ކުޅޭ ސްޓޭޑިއަމް ހުންނަ ތަންތަނަށް ބަލައި، އުތުރު އެމެރިކާ ސަރަހައްދުގެ ހަތަރު ޓައިމް ޒޯނެއްގައި މި މުބާރާތް ކުޅުމަށް ހަމަޖެހިފައިވެއެވެ. އެހެންކަމުން ރާއްޖެ ގަޑިން ދަންވަރު އެކެއް ޖަހާއިރު އާއި ދޭއް ޖަހާއިރު އާއި ތިނެއް ޖަހާއިރު އަދި ފަތިހު 5 ޖަހާއިރު އާއި ހެނދުނު 6، 7 އަދި 8 ޖަހާއިރު ވެސް މުބާރާތުގެ މެޗުތައް ކުޅެމުން ދާނެއެވެ.
މިފަހަރުގެ ވޯލްޑް ކަޕަކީ އެހެން އަހަރުތަކަށް ވުރެ ގިނަ ޓީމުތަކާ އެކު ކުޅޭ މުބާރާތަކަށް ވުމުން، މި މުބާރާތުގެ ނޮކައުޓް ބުރު ފަށާނީ ގަދަ 23 ޓީމު ހިމަނައިގެންނެވެ. އޭގެ ތެރޭން ގަދަ 16 ގެ މެޗުތައް ކުޅޭނީ ރޭގަނޑު 10 އާއި ފަތިހު 5 އާ ދެމެދުގަ އެވެ. އަދި ކުއާޓާ ފައިނަލްގެ މެޗުތައް ކުޅޭނީ ރާއްޖެ ގަޑިން ދަންވަރު 12 އާއި ހެނދުނު 6 އާ ދެމެދު އެވެ.
ތިންވަނަ ހޮވާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ޖުލައި 18 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން މެންދަމު ދޭއް ޖަހާއިރު އެވެ. ނަމަވެސް ޖުލައި 14 އަދި 15 ވަނަ ދުވަހުގެ ރޭ ސެމީ ފައިނަލްގެ ދެ މެޗާއި ޖުލައި 19 ވަނަ ދުވަހުގެ ރޭ ފައިނަލް މެޗު ކުޅޭނީ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ. މި މެޗު ކުޅޭނީ އެމެރިކާގެ ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގަ އެވެ.
މި މުބާރާތަށް މިހާތަނަށް ވަނީ 42 ޓީމު ކޮލިފައި ވެފައެވެ. ނަމަވެސް އަދި ކުރިއަށް އޮތް ޕްލޭ އޮފްތަކުން އިތުރު ހަ ޓީމު އަދި މުބާރާތަށް ކޮލިފައި ވާނެކަމަށް ފީފާއިން މައުލޫމާތު ދެއެވެ.
މިފަހަރުގެ ވޯލްޑް ކަޕު ތާވަލް އާއްމުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ