ނޭޕްލްސް (ޑިސެމްބަރު 9) - ނަޕޯލީގެ ކޯޗުގެ މަގާމުގައި ދެމިހުންނަށް ފާއިތުވި މަހެއްހާ ދުވަހު ގިނަ ޕްރެޝަރުތަކެއް ކުރިމަތިވި، އިޓަލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ހަމަޖެހިލައިފި އެވެ.
ނަޕޯލީން މި ހަފްތާގައި ކުޅުނު މެޗުން ވަނީ 2-1 އިން ޔުވެންޓަސް ބަލިކޮށްފަ އެވެ. މިއީ، ލީގުގައި ޔުވެންޓަސް އަތުން ނަޕޯލީން އަމިއްލަ ދަނޑުގައި ޖެހިޖެހިގެން މޮޅުވި ހަތް ވަނަ މެޗެވެ. މިއާ އެކު، ނަޕޯލީ ވެފައިވަނީ، މި ކަން ހާސިލްކުރި ދެ ވަނަ ޓީމަށެވެ. މީގެ ކުރިން އަމިއްލަ ދަނޑުގައި ލީގުގެ ހަތް މެޗުން ޔުވެންޓަސް ބަލިކުރީ، 1935 އިން 1943 އާ ދެމެދު، އިންޓަ މިލާނުންނެވެ.
މި މޮޅާ އެކު ނަޕޯލީން ލީގުގެ އެއް ވަނަ އަށް ޖެހިލި އެވެ. އެއީ، 14 މެޗުން 31 ޕޮއިންޓާ އެކު އެވެ. އެކަމަކު ރޭ އޭސީ މިލާނުން ވަނީ، ޓޮރިނޯ ދަނޑުގައި 3-2 އިން މޮޅުވެ، އެއް ވަނަ އަށް އަރައިފަ އެވެ. އެއީ، ނަޕޯލީއާ އެއް ވަރަށް 14 މެޗުން 31 ޕޮއިންޓް ހޯދައި، ލަނޑުގެ ތަފާތުންނެވެ.
ކޮންޓޭ ބުނީ މި ހަފްތާގެ ނަތީޖާ އަކީ، މި ވަގުތު އެ ޓީމަށް ކުރިމަތިވެފައި އޮތް ޕްރެޝަރަށް ކުޑަ ލުޔެއް ކަމަށެވެ. އަދި، ހަގީގީ ޗެލެންޖް އޮތީ ދަނޑުމަތީގައި މަސައްކަތް ކޮށްގެން ނަތީޖާ ނެރުމުގެ މައްޗަށް ކަމަށް ކޮންޓޭ ވަނީ ބުނެފަ އެވެ.
އަނިޔާގެ ގިނަ މައްސަލަތަކެއް ޓީމުގައި ހުރިކަން ފާހަަގަކުރަމުން، ކޮންޓޭ ވަނީ ފިޓްނަސް ރަނގަޅަށް ނެތް ކަމުގައި ވިޔަސް ޓީމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކުޅުންތެރިންގެ ހިތްވަރު ފާހަގަކޮށްފަ އެވެ.
"ހުރިހާ ކްރެޑިޓެއް ހައްގުވަނީ ކުޅުންތެރިންނަށް، އެ މީހުން އެ ކުރަނީ، އާދަޔާހިލާފު މަސައްކަތެއް،" ކޮންޓޭ ބުންޏެވެ.
ޔުވެންޓަަސް އަތުން މޮޅުވެ، ނަޕޯލީން މި އަހަަރަށް އަމިއްލަ ދަނޑުގައި ލީގުގައި ކުޅެން ހުރި ހުރިހާ މެޗެއް ނިންމާލިއިރު، އެންމެ މެޗަކުން ވެސް ބަލިނުވެ އެވެ. މިއީ، 1987 ވަނަ އަހަރަށް ފަހު މި ފަދަ ރެކޯޑަކާ އެކު، ނަޕޯލީން ކަލަންޑަރު އަހަރެއް ނިންމާލި ފުރަތަަމަ ފަހަރެވެ. ޖުމްލަ އެކު، ނަޕޯލީން 2025 ވަނަ އަހަރު އަމިއްލަ ދަނޑުގައި ލީގުގެ 17 މެޗު ކުޅުނުއިރު، 13 މެޗުން މޮޅުވެ، ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ކޮންޓޭ ވަޒީފާގެ ޕްރެޝަރުން ސަލާމަތްވެ ހަމަޖެހިލައިފި ކޮންޓޭ ވަޒީފާގެ ޕްރެޝަރުން ސަލާމަތްވެ ހަމަޖެހިލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ