ދުވާފަރު ކައުންސިލްގެ އެސްޖީ ސަސްޕެންޑް ކޮށްފި

ރ. ދުވާފަރު ކައުންސިލް ހިންގަން ހަވާލުކުރި ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހް ސަސްޕެންޑް ކޮށްފިއެވެ.
ނާސިހް ސަސްޕެންޑް ކޮށްފައި ވަނީ ރ. ދުވާފަރު ކައުންސިލުން ހިންގާފައިވާ ބޮޑު ހިޔާނާތާ ގުޅިގެން ހުރިހާ ކައުންސިލަރުން ސަސްޕެންޑްކުރުމަށް ފަހުއެވެ. ކައުންސިލަރުން ސަސްޕެންޑް ކޮށްފައި ވަނީ އެލްޖީއޭ އިން މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފު ވިދާޅުވީ، ކައުންސިލްގެ ސްޓާފުންނާ މެދު ފިޔަވަޅު އަޅާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށް ވާތީ ނާސިހް ސަސްޕެންޑް ކޮށްފައި ވަނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ. އަދި އޭނާ ސަސްޕެންޑް ކުރި ސަބަބު ބުނެދެވޭނީ ވެސް އެ ކޮމިޝަނަށް ކަމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ ޖުލައި މަހު އެލްޖީއޭ އިން ނެރުނު މޮނިޓަރިން ރިޕޯޓުގައިވާ ގޮތުގައި މުދަލު ޒަކާތުގެ ގޮތުގައި ދިނުމަށް ބޭނުންވާ 318،600 ރުފިޔާ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު 16 ގައި ކައުންސިލްގެ އެސިސްޓަންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވެއެވެ. ޒަކާތް ދިނުމަށް ބޭނުންވާ 54،608 ރުފިޔާ ކައުންސިލަރު ޒުހުދާ އަދާމާ ނަގުދުކޮށް ހަވާލުކޮށްފައިވާ އިރު، އެ ފައިސާ ލިބެން ޖެހޭ ފަރާތްތަކަށް ދީފައިވާކަން ކަށަވަރުކުރެވެން ނެތް ކަމަށ ްވެސް އެ ރި÷ޯޓުގައި ވެއެވެ.
ހަމައެއާއެކު މިދިޔަ އަހަރުގެ މޭ 17 އިން ފެށިގެން އެ މަހުގެ ނިޔަލަށް، މުހައްމަދު އަލިފުޅާއި ކައުންސިލްގެ ނައިބު ރައީސް އިޒްމީލް އަހްމަދުގެ އިތުރުން، ކައުންސިލަރު މުހައްމަދު ޝާމްގެ އެކައުންޓަށް ޖުމްލަ 1.40 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެއްވެސް ލިޔެކިއުމެއް ނެތި ޖަމާކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެއެވެ. އަދި އިޒްމީލަށް އެހެނިހެން ގޮތްގޮތުން ލިބިފައިވާ ފައިސާ އާ އެކު ޖުމްލަ 252،048 ރުފިޔާ ހިމެނޭ ހެން، ޖުމްލަ 847،145 ރުފިޔާ ކައުންސިލަރުންނާއި ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހްގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށްފައި ވެސް ވެއެވެ. މީގެ އިތުރުން އެ ފައިސާގެ ހިސާބު ނުބަލަހައްޓާ ކަމާއި، ކައުންސިލަށް ދޫކޮށްފައިވާ ބަޖެޓު ބޭނުން ކުރުމުގައި މާލިއްޔަތު ގާނޫނަށް ބަލާފައި ނުވާ ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.
ގާނޫނުގައިވާ ގޮތުން އެކަށީގެންވާ ސަބަބެއް ނެތި ހަފްތާއެއް ވަންދެން ކައުންސިލަރުން ހާޒިރުނުވެއްޖެ ނަމަ މަގާމުން ވަކިކުރެވޭނެއެވެ. ނަމަވެސް އެ ރިޕޯޓުގައިވާ ގޮތުން ބައެއް މެންބަރުން ޖެހިޖެހިގެން 50 ދުވަހަށް ވުރެ ގިނަ ދުވަހު ހާޒިރުވެފައިނުވާ ކަން ދައްކައެވެ. ނަމަވެސް އެއްވެސް ފިޔަވަޅެއް ވެސް އަޅާފައި ނުވާ ކަމަށް އެ ރިޕޯޓުގައި ވެއެވެ.
މި މައްސަލަ ދަނީ އެންތީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ