ސިފައިންގެ ވާޖިބަކީ ކޮންމެ ހާލަތެއްގައި ވެސް ރައްޔިތުން ހިމާޔަތްކުރުން: ރައީސް

ސިފައިންގެ އެންމެ އިސް އެއް ވާޖިބަކީ ކޮންމެ ހާލަތެއްގައި ވެސް ރައްޔިތުން ހިމާޔަތްކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް، މިހެން ވިދާޅުވީ ސިފައިންގެ 68 ވަނަ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިން ހުވާކުރުމުގެ ގޮތުން މިއަދު ޅ. މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ސިފައިންގެ މީހަކަށް ވިޔަސް، އާންމު ރައްޔިތުންނަށް ޓަކައި އަދާކޮށްދޭންޖެހޭ މަދަނީ ވާޖިބުތަކެއް ހުންނާނެކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އާންމު ރައްޔިތަކަށް ކަމެއްދަމެއް ބޮޑުވާ ހާލަތްތަކުގައި ރައްޔިތުންގެ ހިމާޔަތުގައި ސިފައިން ތިބެން ވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ދިވެހީންގެ ފަޚުރުވެރި ގައުމިއްޔަތުން ފެންނަ އެންމެ މަތިވެރި އެއް ސިފައަކީ، އަސްކަރިއްޔާގެ ބަދަހިކަމާއި އެކުވެރިކަމާއި ސާބިތުކަންކަމަށެވެ. އެގޮތުގެ މަތިން މިއަދު ހުވާކުރި ސިފައިން އެމީހުން ފުރިހަމަކުރި ތަމްރީން ކޯހުން ލިބުނު އަސްކަރީ ހުނަރުގެ ހަގީގީ ބޭނުން ގައުމަށް ކުރާނީ އެ ގޮތުގައި އެއް އަމާޒަކަށް މަސައްކަތް ކޮށްގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސްގެ ވާހަކަފުޅުގައި މިޒަމާނުގެ އަސްކަރިއްޔާ ތަކަކީ ސައިންސާއި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ އަސްކަރިއްޔާތައްކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހި ސިފައިން ވެސް މި ދާއިރާއިން ވިސްނުން ގެންގުޅެން ޖެހޭ ކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ސިފައިންގެ ޚިދުމަތަށް، ޒަމާނީ ތައުލީމުގެ ތަފާތު ދާއިރާތަކުގެ މީހުން ބޭނުންވާ ކަމަށާއި އަދި ތަފާތު ދާއިރާތަކުން އިލްމު ހޯދައިގެން ކުރިއަށް ދިއުމުގެ ފުރުސަތުތައް ވެސް ދިވެހި އަސްކަރިއްޔާގައި ހުޅުވިފައިވާކަމަށެވެ. ޑިމޮކްރެޓިކް މުޖްތަމައުތަކުގައި އަސްކަރިއްޔާތަކުގެ ބޭނުން މިހާރު ބޮޑަށް ހިފަނީ ހަނގުރާމައަށް ވުރެ ބޮޑަށް ސުލްހަ ދެމެހެއްޓުމަށްކަން ފާހަގަކުރައްވައި މިސަރަހައްދުގެ އަސްކަރިއްޔާތައް ވެސް އިސްކަންދެނީ ސަރަހައްދީ ސުލްހަޔާއި ހަމަޖެހުން ދެމެހެއްޓުމަށްކަމުގައި ރައީސް ވިދާޅުވިއެވެ. ހަމަ އެހެންމެ، ދިވެހި އަސްކަރިއްޔާ ވެސް މިހާރު އަދާކުރާ އެންމެ މުހިންމު ޒިންމާއަކީ ގައުމުގެ ސުލްހަޔާއި ހަމަޖެހުން ދެމެހެއްޓުންކަމާއި ރާއްޖޭގެ މިނިވަންކަމާއި ދިފާއުގައި ސިފައިން އަޅައި ކޮންމެ ފިޔަވަޅަކީ، ސަރަހައްދީ ހަމަޖެހުމާއި ސުލްހަޔަށް ޓަކައި އެޅޭ ފިޔަވަޅެއްކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިއަދުގެ ރަސްމިއްޔާތުގައި، ސިފައިންގެ 68 ވަނަ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިންނަށް ރަމްޒީގޮތުން ބަޑިހަވާލުކޮށްދެއްވީ ރައީސްއެވެ. މި ރަސްމިއްޔާތުގައި، 195 ދަރިވަރަކު ސިފައިންގެ އަސާސީ ކޯސްފުރިހަމަކޮށް ހުވާކޮށްފައިވެއެވެ. މި ދަރިވަރުންނަށް ހުވާ ލައިދެއްވީ ޅ. ކުރެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ސުލައިމާން މުޙައްމަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ