ސެލީނާ ގޮމޭޒް މިއުޒިކް އިންޑަސްޓްރީން ރިޓަޔާކުރަން އުޅޭކަމުގެ އިޝާޜާތެއް ކޮށްފި

ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް، ސެލީނާ ގޮމޭޒް މިއުޒިކް އިންޑަސްޓްރީ ދޫކޮށްލާ ލަވަކިޔުމުން ރިޓަޔާ ކުރަން އުޅޭ ކަމުގެ އިޝާރާތެއް އޭނާ ކޮށްފިއެވެ.
ވޯގް މެގަޒިންއަށް ދިން އިންޓަވިއު އެއްގައި ސެލީނާ ބުނީ، މިއުޒިކް އިންޑަސްޓްރީގައި ކުރިއަށްދާން އޭނާއަށް ވަރަށް ބޮޑަށް އުނދަގޫވާ ކަމަށެވެ. ސަބަބަކީ، ކިތަންމެ މޮޅު ލަވައެއް، ކިތަންމެ މޮޅު މިއުޒިކަކާއި އެކު ނެރުނު ކަމުގައިވިޔަސް އިންޑަސްޓްރީ ތެރެއިން ވަކި މީހަކު ނެރުނު ލަވައަކަށްވުމުން އެލަވައަކަށް ނެގެޓިވް ކޮމެންޓްކޮށް، ލަވައިގެ އަގު ވައްޓާލަން މަސައްކަތް ކުރުން ކަމަށް ސެލީނާ ވަނީ ބުނެފައެވެ.
މީގެއިތުރުން އޭނާ މިދިޔަ އަހަރު ނެރުނު، "ލޫސް ޔޫ ޓު ލަވް މީ" އަކީ އޭނާގެ ކެރިއަރުގައި ނެރުނު އެންމެ ފުރިހަމަ ލަވަަކަމަށް އަމިއްލައަށް ގަބޫލު ކުރެވުނު ނަމަވެސް، އިންޑަސްޓްރީގައި "ސީނިއާ ޓެގް" އަޅުވައިގެން އުޅޭ ބައެއް ފަރާތްތަކުގެ ނޭދެވޭ ފާޑުކިޔުންތަކުގެ ސަބަބުން މިލަވަވެސް އާންމުންގެ ތެރޭގައި ރަނގަޅު ތަރުހީބެއް ލިބުނު ލަވައަކަށް ނުވުމުން، މިހާރު ބުރަ މަސައްކަތްތަކެއް ކޮށްގެން ރަނގަޅު ލަވައެއް ނެރުމުގެ ބޭނުމެއް އެބައޮތްތޯ އަމިއްލަ ނަފްސާވެސް ސުވާލުކުރެވޭ ކަމަށްވެސް ސެލީނާ ވަނީ މި އިންޓަވިއުގައި ހާމަކޮށްފައެވެ.
ހޮލީވުޑްގައި ސެލީނާ މަޝްހޫރުވީ އުމުރުން 13 އަހަރުގައި ޑިޒްނީ ޗެނަލްގެ އެކި ޝޯތަކުގައި ކުޅެފައިވާ ރޯލް ތަކުންނެވެ. އޭގެފަހުން މީޑިއާތަކުގެ ސަމާލުކަމަށް ސެލީނާ އައިސް، އުމުރުން 15 އަހަރުގައި ގިނަ ގޮންޖެހުން ތަކަކާއި ކުރިމަތިލާން ޖެހުނުކަން ސެލީނާ ވަނީ ހާމަކޮށްފައެވެ. އެގޮތުން "ޕަޕަރާޒީންގ"ގެ ފުރައްސާރައިގެ ސަބަބުން ޑިޕްރެޝަން އަށް ދާން ޖެހުނުކަމާއި އެންޒައިޓީ ކްރައިސިސް އެއްގައި އުޅުނުކަންވެސް ސެލީނާ ވަނީ ހާމަކޮށްފައެވެ.
މިއުޒިކް ހުއްޓާލަން އުޅޭކަމުގެ އިޝާރާތެއް ސެލީނާ ދިންނަމަވެސް، އޭނާ ދަނީ މުނިފޫހިފިލުވުމުގެ ދާއިރާގައި އެހެނިހެން މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ކުކިންގ ޝޯތަށް ހޯސްޓް ކުރުމާއި، އަމިއްލަ މޭކަޕް ބްރޭންޑެއް ނެރުމުގެ މަސައްކަތުގެ އިތުރުން ޓީވީ ޕްރޮޑިއުސަރަކަށް ވުމުގެ މަސައްކަތްވެސް ސެލީނާ އަންނަނީ ކުރަމުންނެވެ. އެހެންކަމުން، މިއުޒިކް އިންޑަސްޓްރީ ދޫކޮށްލިޔަސް، އެންޓަޓެއިންމަންޓް ދާއިރާގައި ސެލީނާ ފެނިގެންދާނެކަމުގެ އުންމީދެއް އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ