ފުލުހުންގެ ތަހުޤީގަކަށް ރައީސް ޔާމީން މާލެ ގެނެސްފި

ފުލުހުން ކުރިއަށްގެންދާ ތަހުގީގަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މާލެ ގެނެސްފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ރައީސް ޔާމީން މާލެ ގެނެސްފައިވަނީ ފުލުހުންގެ ތަހުގީގަކަށް ކަމަށެވެ. ނަމަވެސް މިކަމުގެ ތަފްސީލެއް ކަރެކްޝަނުން ނުދެއްވައެވެ.
5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރު ކޮށްފައިވާއިރު އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދެ ދައުވާއެއް މިހާރުވެސް އަންނަނީ ކޯޓްގައި ހިނގަމުންނެވެ. މި ދައުވާތައް އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވާ 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލައިގައިއެވެ.
މި ދައުވާތަކަށް ރައީސް ޔާމީން ވަނީ އިންކާރުކުރައްވާފައެވެ. ޔާމީންގެ އިތުރުން މި މައްސަލައިގައި މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ އާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ 5 އަހަރަށް ޖަލަށްލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލްކޯޓުން ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަދުވަހުއެވެ. މިހުކުމް އިއްވާފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ރައީސް ޔާމިންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ