ކޮޕާ އެމެރިކާ: ކޮލަމްބިއާ އަތް ދަށުވެ، އާޖެންޓީނާގެ އުންމީދުތަކަށް ހުރަސް އެޅިއްޖެ

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އޭގައި މުބާރާތް ބާއްވާ ގައުމު، އާޖެންޓީނާއާ ދެކޮޅަށް ކޮލަމްބިއާ ރޭ ފަތިހު ކުޅުން މެޗް އެއްވަރުކޮށް މުބާރާތުގައި އާޖެންޓީނާ ކުރަމުންއާ އުންމީދުތައް ކޮލަމްބިއާއިން ހުރަސް އަޅައިފި އެވެ.
ރާއްޖޭ ގަޑިން ރޭ ފަތި 5:45 ގައި ކުޅުނު މެޗް ދެ ޓީމް ކުރެ އެއް ޓީމަކަށް ވެސް ލަނޑެއް ކާމިޔާބު ނުކުރެވި ސުމެއް ސުމެއްގެ ނަތީޖާއަކުން ހަމަހަމަވުމުން ދެ ޓީމަށް ވެސް ލިބުނީ ޕޮއިންޓެކެވެ. ދެ މެޗް ކުޅެގެން ގަދަ ފަދަ އާޖެންޓީނާއަށް މިހާތަނަށް އެއްކުރެވިފައި ވަނީ ދެ ޕޮއިންޓެވެ. ކޮލަމްބިއާ ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ލިބިގަނެ، އުންމީދު ބޮޑުކޮށް ގްރޫޕްގައި ހަމަޖެހިލައިފަ އެވެ.
މެޗްގެ ކުރިން، އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ މާކްކުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް ކޮލަމްބިއާގެ ކޯޗު ގޯމޭޒް ބުނަމުން އައި ބޮޑު މެޗްގައި ތަރިންގެ މައްޗަށް ހިމެނޭ އާޖެންޓީނާ މޮޅުވިއަނުދޭން ބޭނުން ހިފޭނެ ހުރިހާ ހަތިޔާރެއްގެ ބޭނުން ކުޅުންތެރިން ލައްވާ ހިފައި ގޯމޭޒް ވަނީ އާޖެންޓީނާ ތިރިކޮށްލައިފަ އެވެ. ކޮލަމްބިއާ އަތުން މޮޅު ނުވެވުނު އިރު އެދެވޭ ކުޅުމެއް ވެސް ނުދެއްކުނު އާޖެންޓީ ޓީމާއި މުޅި ގައުމު ރޭ އޮތީ ނަތީޖާއާމެދު ބުނާނެ އެއްޗެއް ނޭނގި "ގަނޑު"ވެފަ އެވެ.
މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ. ހާއްސަ ގޮތެއްގައި އާޖެންޓީނާގެ ހުނަރުވެރި ފޯވާޑް، ދުނިޔޭގެ މޮޅު ކުޅުންތެރިޔާ މެސީއަށާއި އެހެން ގިނަ ކުޅުންތެރިންނަށް ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވި ދިއުން ވަރަށް ބޮޑަށް ވަނީ ފާހަގަ ވެފައެވެ.
މެޗަށް ފަހު ހިތްހަމަޖެހިފައި ހުރި ކޮލަމްބިއާގެ ކޯޗް ބުނީ، ޓީމުގެ ފަރާތުން ފެނުނު ކުޅުމާމެދު ވަރަށް ބޮޑަށް އުފާވެ، ހިތްހަމަޖެހޭ ކަމަށެވެ. ކޯޗް ބުނީ އޭނަ ބައްޓަން ކުރަމުން އައި ޓީމްގެ ހުނަރު ޤަބޫލް ކުރެވިއްޖެ ކަމަށެވެ. ދުނިޔޭގެ ފުޓްބޯޅަ އާއި ދެކުނު އެމެރިކާގެ ސަރަހައްދުގެ ފުޓްބޯޅައިގެ ގަދަ ފަދަ ބާރެއް މޮޅުވިޔަ ނުދީ އޮބަހެއްޓުނުން އެއީ ބޮޑު ކަމެއް ކަމަށް ވެސް އޭނާ ވަނީ ސިފަ ކޮށްފަ އެވެ. ބުނީ ކުރިޔަށް ހުރި މެޗްތަކަށް ތައްޔާރުވާން ކޮލަމްބިއާ އަށާއި ސަޕޯޓަރުން އަދި ޤައުމަށް ވެސް ލިބުނު ބޮޑު ހިތްވަރަކާއި މި ބޮޑު ކާމިޔާބީއެއް ވެއްޖެ ކަމަށާއި ކުރިޔަށް ހުރި މެޗްތަކުގައި ވެސް ކޮލަމްބިއާއިން ދުނިޔެ ހައިރާން ކުރުވައިފާނެ ކަމަށެވެ.
އާޖެންޓީނާ ވަނީ މުބާރާތް ހުޅިވި މެޗްގައި ބޮލިވިއާ އާއި ދެކޮޅަށް ކުޅެ، އެއް ވަރު ވެފައެވެ. އަދި ކޮލަމްބިއާ ވަނީ 1-0 ލަނޑުން ކޮސްޓަރިކާ އަތުން މޮޅުވެފަ އެވެ. އަދި މި ގުރޫޕުގައި ބޮލީވިއާ އާއި ކޮސްޓަރީކާ ބައްދަލުކުރާ މެޗު މިރޭ ދަންވަރު 3:15 ގައި ކުޅޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ