ރާއްޖެ އަށް އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމު - ނަޝީދު

ރާއްޖެ އަށް އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމު ކަމަށް އަދިވެސް ގަބޫލުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސްޕަ މެޖޯރިޓީއަށް ވުރެ ވެސް ގިނަ ގޮނޑި ކާމިޔާބު ކުރެއްވުމަށް ފަހު ޕީއެސްއެމް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައެވެ.
ނަޝީދު ވިދާޅުވީ އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ކަމަށާއި އެމްޑީޕީގެ ފަލްސަފާ އަކީ އެއީ ކަމަށެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަތިވާނެ ގޮތަށް އެއްވެސް ކަމެއް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑު އަދިވެސް ދެކެނީ ދިވެހިރާއްޖެ އަށް އެންމެ ރަނގަޅު ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް. އެ ނިޒާމު އަޅުގަނޑުމެންގެ ތެރެއަށް ތައާރަފް ވެގެން އަންނަންޖެހޭނީ އަޅުގަނޑުމެންގެ ޕާޓީގެ އެކިއެކި ގޮފިތަކުގައި ވެސް މަޝްވަރާ ކުރެވި، ޕާޓީގެ ކޮންގްރެސްގައި ވެސް މަޝްވަރާ ކުރެވި، ޕާޓީގެ ހުރިހާ ގުނަންތަކަކުން މި މަޝްވަރާ ކުރެވި އަދި ރައްޔިތުންގެ މަޖިލީހަށް މައްސަލަ އައިސް، ފެންނަ ނުފެންނަ ވޯޓެއް ނެގި، ވަރަށް ދިގު މަސައްކަތަކަށްފަހު" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް މަސައްކަތް ފަށައިގަންނަން ވެސް ޖެހޭނީ ރައީސް ސޯލިހުގެ ރުހުމާއެކު ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ވެރިކަމުގެ ނިޒާމަށް ރާއްޖޭގައި ބަދަލެއް އަންނަންޖެހޭ. ދެން ކޮން ވަގުތެއްގައިތޯ އެ އަންނަނީ، އެއީ ރައީސް އާއި މުޅި ޕާޓީ އާއި އަދި ރާއްޖޭގެ ރައްޔިތުންނާއި ވެސް ވާހަކަދައްކައިގެން ނިންމޭނެ ނިންމުމެއް" ނަޝީދު ވިދާޅުވިއެވެ.
2007 ވަނަ އަހަރު ރައްޔިތުންގެ މެދުގައި ނެގުނު ފެންނަ ނުފެންނަ ވޯޓެއްގައި ނިންމާފައި ވަނީ ރާއްޖޭގައި އޮންނަން ވާނީ ރިޔާސީ ނިޒާމެއް ކަމަށެވެ. ނަމަވެސް އެ ވޯޓްގެ ނަތީޖާ ނަޝީދު ގަބޫލެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ