ރައްޔިތުން ރުޅިގަދަވުމުން އެންމެ ފަހުން މުންނާރު ސާފު ކުރަނީ!

މާލޭގެ ހުކުރު މިސްކިތުގެ މުންނާރުގައި ފެހި ޖަހައި، އެމުންނާރު ޖަޒީރާވެފައިވާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވުމުން އެންމެ ފަހުން ސަރުކާރުން މުންނާރު ސާފު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ކޮންމެ ކަމެއްވެސް ރަނގަޅު ކުރަން އެނގެނީ އެވާހަކައެއް ރައްޔިތުން ދައްކާ ދައްކާ ބާ ވާ ފަހުންނޭ ބުނުމަކީ ގޯހަކަށް ނުވާނެއެވެ. މިހާރު ރައްޔިތުން އެންމެ ބޮޑަށް ކަންބޮޑުވާ އެއް މައްސަލަ އަކީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ކަމަށް ބުނާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރުނު ރިޕޯޓުގެ މައްސަލައިގައި ސަރުކާރުން ފިޔަވަޅު ނޭޅުމެވެ. އެމްޑީއެންއާމެދު ފިޔަވަޅެއް އަޅާފައިނުވާއިރު، ސަރުކާރަށް އެ ޖަމިއްޔާ ސަސްޕެންޑް ކުރަން މަޖުބޫރު ކުރުވީ ދިވެހި ރައްޔިތުންނެވެ. ދީނީ ކަންކަމުގައި ސަރުކާރު ލައްވާ އެއްވެސް ފިޔަވަޅެއް އެޅެނީ ރައްޔިތުން ނުކުމެ އަޑު އުފުލައިގެންނޭ ބުނުމަކީވެސް މުޅިއަކުން ދޮގަކަށް ނުވާނެއެވެ. ހުކުރު މިސްކިތުގެ މުންނާރު ސާފުކުރުވުމަށްވެސް ރައްޔިތުން ޖެހުނީ ސަރުކާރަށް މަޖުބޫރު ކުރުވާށެވެ. އެގޮތުން ރާއްޖޭގެ އިސްލާމީ ވަހުދަތު ރަމްޒުކޮށްދޭ އެ ބިނާގެ ހާލަތު ފެނި، ވަރަށް ގިނަ ރައްޔިތުން މާޔޫސްވެ އެވާހަކަ މީސްމީޑިއާގައި ދައްކަމުން އަންނަތާ އެތައް ދުވަހެއް ވީފަހުން މިއަދު ފެނިގެން ދިޔައީ މުންނާރު ސާފު ކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނުކުންނެވި މަންޒަރެވެ. ބޭނުންވި ވީޑިޔޯއާއި ފޮޓޯވެސް ނެންގެވިއެވެ. އެ ފޮޓޯތަކާ ވީޑިޔޯތައް ފެނި ބަޔަކު ބާރަށް އަތްޖެހިޔަސް، ކަމުގެ ހަގީގަތް އެނގޭ މީހުން ބުނަނީ ދިވެހި ތާރީހާ ގުޅިފައިވާ މުންނާރުގެ ހާލަތު އެހާ ދަށު ދަރަޖައަކަށް ވެއްޓެންދެން ހެރިޓޭޖް މިނިސްޓްރީއާއި، ކަމާބެހޭ އެހެނިހެން އިދާރާތަކުން ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ކޮންމެ ކަމެއްވެސް ރައްޔިތުންނަށް ފެންނަން ދެން މަޑުނުކޮށް، ސަރުކާރުން އިސް ނަގައިގެން ކަންކަން ހައްލު ކުރުމަށްވެސް ގިނަ ބަޔަކު ދަނީ ގޮވައިލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ