އަދީބު ފިލި މައްސަލައިގައި ޓަގުބޯޓުގެ ކެޕްޓަނާއި ޗީފް އިންޖިނޭރަށް ޖަލު ހުކުމެއް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް ރާއްޖެއިން ފިއްލެވި މައްސަލައިގައި އޭނާ ދަތުރުކުރެއްވި ޓަގުބޯޓުގެ ކެޕްޓަނާއި ޗީފް އިންޖިނޭރު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އިންޑޮނޭޝިއާއަށް ނިސްބަތްވާ އެ ދެމީހުންނާ ދެކޮޅަށް ދައުލަތުން ދައުވާ އުފުލީ އަދީބު ފިލުވުމުގައި އެހީތެރިވެދީފައިވާތީ ގާގާނޫނު ހިންގަން ހުރަސްއެޅުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
އެމީހުންގެ މައްޗަށް ކުށް ސާބިތުވެގެން ކްރިމިނަލް ކޯޓުން ހުކުމްކުރީ އެ ދެމީހުން ވެސް ތިން މަހާއި 18 ދުވަހަށް ޖަލަށް ލުމަށެވެ. އެ ދެމީހުން ވެސް ވަނީ ދައުވާއަށް އިއުތިރާފުވެފައެވެ.
އެހެންކަމުން މިދިޔަ ހަފްތާގައި އެ ދެމީހުނަށް ހުކުމް އިއްވީ، ކުށަށް އިއުތިރާފުވާ ހާލަތުގައި އަދަބުގެ އެއް ދަރަޖަ ދަށް މިންގަނޑުންނެވެ.
ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް އަދީބު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ކުރީގެ ކޮޅު "ވާގޯ 9" ނަމަކަށް ކިޔާ، ސިންގަޕޫރަށް ނިސްބަތްވާ ޓަގުބޯޓެއްގައެވެ.
އެމައްސަލައިގައި އަދީބުގެ މައްޗަށް ގާނޫނު ހިންގަން ހުރަސްއެޅުމުގެ ދައުވާ އުފުލުމުން އަދީބު ވެސް ވަނީ ދައުވާއަށް އިއުތިރާފުވެފައެވެ. އެހެންކަމުން އަދަބެއްގެ ގޮތުން ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަދީބަށް ވެސް އިއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ