ރާއްޖޭގެ ކޮންމެ ކޯޓަކަށް ވެސް ފައިސާ ދެއްކޭ ގޮތް ހަދައިފި

ރާއްޖޭގެ ކޯޓުތަކާއި އެ ކޯޓުތަކުގެ ބްރާންޗުތަކުން ހޯދާ ހިދުމަތްތަކާ ގުޅިގެން ދައްކަންޖެހޭ ފީތަކާއި ބަހައްޓަންޖެހޭ ޑިޕޮސިޓާއި އެ ތަންތަނުގެ ހުކުމްތަކާއި އަމުރުތަކާއި އެންގުންތަކާއި ޗިޓުތަކުގެ ދަށުން ދައްކަންޖެހޭ ފައިސާ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އާއި ރާއްޖޭގެ ކޮންމެ ކޯޓަކަށްވެސް ދެއްކޭގޮތަށް ހަމަޖައްސައިފި އެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ އެގޮތަށް އަމަލުކުރަން ފަށާނީ 12 ޖެނުއަރީ ވާ އާދީއްތަ ދުވަހުން ފެށިގެން ކަމަށެވެ. އެހެންކަމުން އެ ދުވަހުން ފެށިގެން ފައިސާ ދެއްކީ އެ ފައިސާ އަސްލު ލިބެންވީ ކޯޓު ނުވަތަ ބްރާންޗަށް ކަމަށް ނުވި ނަމަވެސް، އެ ފައިސާއެއް ދެއްކީ ކަމުގައި ބަލައި އެ ފަރާތަކަށް ދޭންޖެހޭ ހިދުމަތް ދިނުމަށް ޑިޖޭއޭ އިން ވަނީ އަންގައިފައެވެ. ޑީޖޭއޭގެ އިއުލާނުގައި ބުނެފައި ވަނީ ފައިސާ ދައްކަންޖެހޭ ފަރާތުން ފައިސާ ދެއްކިކަން އެ ފައިސާއެއް ލިބެންޖެހޭ ކޯޓަކަށް ނުވަތަ ބްރާންޗަށް އަންގަންވާނެ ކަމަށެވެ. އަދި މިގޮތަށް އަންގައި ފޮނުވާ ލިޔުމުގައި ފައިސާ ދެއްކި ފަރާތުގެ ނަމާއި އައީޑީކާޑު ނަންބަރާއި ފައިސާ ބަލައިގަތް ރަސީދު ނަންބަރާއި ތާރީހާއި، ދެއްކި ފައިސާގެ އަދަދާއި، ފައިސާ ދެއްކި ކަމެއްގެ ތަފްސީލް ހިމަނަން ޖެހޭނެއެވެ. ޝަރުއީ ދާއިރާގެ މައި ސޮފްޓްވެއާ "މޯލްޑިވްސް އީ-ކޯޓް މެނޭޖްމަންޓް ސިސްޓަމް" (މެމްސް)ގެ އާ ފައިނޭންސް މޮޑިއުލްގެ 'ޕޯސްޓް-ޖަޖްމަންޓް' އެންޓްރީ އަކާ ގުޅުވައިގެން ބަލައިގަންނަ ފައިސާ، ހުކުމް ނުވަތަ އަމުރު ނުވަތަ އެންގުމުގައިވާ ގޮތުގެމަތިން އެ ފައިސާއެއް ލިބެންޖެހޭ ފަރާތަށް އެ ފައިސާ ހަވާލުކުރާނީ އެ ފައިސާއެއް ބަލައިގަންނަ ތަނަކުންނެވެ. އެގޮތަށް އަންގާއިރު ފައިސާ ޖަމާކޮށްދިންކަން އަންގައިދޭ ސްލިޕް އެޓޭޗްކުރަން ޖެހޭނެ ކަމަށް ޑީޖޭއޭ އިން ވަނީ ބުނެފައެވެ. އަދި މެމްސްގެ ފައިނޭންސް މޮޑިއުލްގެ ނޮޓިފިކޭޝަންގެ ތެރެއިން އެ މައުލޫމާތު ލިބޭގޮތް ހަމަޖެހެންދެން އީމެއިލް ނުވަތަ އީފެކްސް މެދުވެރިކޮށް ވެސް މައުލޫމާތު ފޮނުވޭނެ ކަމަށާއި އެގޮތަށް ހަމަޖެހުމުން، ފައިސާ ދެއްކިކަން އެންގުމަށް އިތުރު ލިޔުމެއް ފޮނުވަން ނުޖެހޭނެ ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ. މިގޮތަށް ބަލައިގަންނަ ފައިސާގެ ތެރެއިން ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރަންޖެހޭ ފައިސާ، ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތުގެމަތިން އެ އެކައުންޓަށް ޖަމާކުރަންވާނެއެވެ. އެގޮތަށް ޖަމާކުރުމުގައި ބިޒްނަސް އޭރިއާގެ ގޮތުގައި ޖަހާނީ އެ ފައިސާއެއް ލިބެންޖެހޭ ކޯޓުގެ ބިޒްނަސް އޭރިއާއެވެ. އަދި، ޕަބްލިކް ބޭންކް އެކައުންޓަށް ފައިސާ ޓްރާންސްފާ ކުރުމަށްފަހު، ޓްރާންސްފާ ކުރި ފޯމު އެ ފައިސާއެއް އަސްލު ލިބެންޖެހޭ ކޯޓު ނުވަތަ ބްރާންޗަށް ފޮނުވަން ވާނެ ކަމަށް ޑީޖޭއޭ އިން ބުންޏެވެ. ޕަބްލިކް ބޭންކް އެކައުންޓަށް ފައިސާ ލިބުމުން ޕަބްލިކް އެކައުންޓިން ސިސްޓަމްގެ ލެޖާ ތަކުގައި ޕޯސްޓްކުރަން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ