އެމްޑަބްލިޔުއެސްސީން އިތުބާރު ހޯދައިފި, ހިދުމަތް ދެނީ ރައްޔިތުން ބަލައިގަންނަ ގޮތަށް: ރައީސް

އެމްޑަބްލިޔުއެސްސީން ހިދުމަތް ދެމުން އަންނަނީ ރައްޔިތުން ބަލައިގަންނަ އަދި ހިތްހަމަޖެހޭ ފަދަ ގޮތަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑަބްލިޔުއެސްސީގެ 27 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ, މި ކުންފުންޏަކީ ރައްޔިތުންގެ ވަރަށް މުހިންމު އިންސާނީ ދެ ހައްގު ކަމަށްވާ ސާފު ބޯފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށާއި ރައްކާތެރި ނަރުދަމާ ނިޒާމެއްގެ ހިދުމަތް ދިނުމަށް 1995 ވަނަ އަހަރު ދިވެހި ސަރުކާރުން އުފެއްދި ކުންފުންޏެއް ކަމަށެވެ.
ނަމަވެސް ރައްޔިތުން މިއަދު އޮތް ސަރުކާރާ ވެރިކަން ހަވާލުކުރިއިރުވެސް ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން 70 ޕަސެންޓް ރަށުގައި ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް އަދި ނުލިބޭ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
އެގޮތުން ސާފު ބޯފެނުގެ ހިދުމަތް ލިބެންހުރީ އެންމެ 34 ރަށުގައި ކަމަށާއި ނަރުދަމާ ނިޒާމު ގާއިމުކޮށްފައި އޮތީ އެންމެ 66 ރަށުގައި ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ, ހަގީގަތުގައި އެމްޑަބްލިޔުއެސްސީއަކީ ވިޔަފާރިއަށްވުރެ ބޮޑަށް ރައްޔިތުންނަށް ހިދުމަތް ދޭ ކުންފުންޏެއް ކަމަށެވެ. އަދި އެމަނިކުފާނަށް ކުރެވޭ ތަޖުރިބާއަށް ބަލައި އިރު, އެ ކުންފުނިން އެ ހިދުމަތް ދެމުން އަންނަނީ ރައްޔިތުން ބަލައިގަންނަ އަދި ހިތްހަމަޖެހޭ ފަދަ ގޮތަކަށް ކަމަށް ވިދާޅުވި އެވެ.
އެމްޑަބްލިޔުއެސްސީގައި މިވަގުތު މަސައްކަތް ކުރަމުންދާ 1275 މުވައްޒަފުންގެ ތެރެއިން މިވަގުތު ތިބީ އެންމެ 112 އަންހެން މުވައްޒަފުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ, އެއީ ވިސްނާލަންޖެހޭ ކަމެއް ކަމަށެވެ. އަދި އަންހެނުން ބާރުވެރިކުރުމަށްޓަކައިވެސް، ރައްޔިތުންގެ އިތުބާރު ހޯދާފައިވާ މިފަދަ ކުންފުންޏެއްގައި އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
އެގޮތުން އެކަމަށް ޓާގެޓްތައް ކަނޑައަޅައި, އިތުރު ޕްލޭންތަކެއް ރާވައިގެން އެމްޑަބްލިޔުއެސްސީގެ މެނޭޖްމަންޓުން ވިސްނަވައި، ކުރިއަށް އޮތް ތަނުގައި ގޮތްތަކެއް ހޯއްދަވައިދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ, ހާއްސަ އެހީއަށް ބޭނުންވާ 18 މުވައްޒަފަކު އެމްޑަބްލިޔުއެސްސީގައި އެބަ މަސައްކަތް ކުރައްވާ ކަމަށާއި އެއީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. އަދި އެމްޑަބްލިޔުއެސްސީއާއި ސަރުކާރުގެ އެހެން ކުންފުނިތަކުން އެކަމުގައި އިތުރަށް ވިސްނަވައި، އިތުރު ފުރުސަތުތައް، ހާއްސަ އެހީއަށް ބޭނުންވެފައި ތިބި ފަރާތްތަކަށް ފޯރުކޮށްދިނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
“ހިންގުމުގެ ދާއިރާއަށް ބަލާއިރުވެސް، އަދި މުވައްޒަފުންގެ ހިތްހަމަޖެހުމަށް ބެއްޔަސް، އެމްޑަބްލިޔުއެސްސީއަކީ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެއް. އެއީ އުފަލާއެކު އަޅުގަނޑު މިރޭ ފާހަގަކުރާ ކަމެއް. ކުންފުނީގެ މަސައްކަތް ފުޅާވަމުންދާއިރު، އިތުރު ވަޒީފާތަކަށް މީހުން ނެގުމުގައި، މި ދެންނެވި ކަންކަމަށް ކުންފުނީގެ ވިސްނުން އަމާޒު ކުރެއްވުމަކީ، ކުންފުނީގެ ކުރިމަގު އިތުރަށް އުޖާލާ ވެގެންދާނެ ކަމެއް,” ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ