ކުޅުދުއްފުށީ ހޮސްޕިޓަލްގައި ފްރެޝް އެއާ ސިސްޓަމެއް ހަރުކޮށްފި

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ދެ ވޯޑެއްގައި ފުރެޝް އެއާ ސިސްޓަމް ހަރުކޮށް ނިންމާލައިފިއެވެ. އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ދާވޫދު "ސަން" އަށް ވިދާޅުވީ ހަރުކުރި އެއާ ސިސްޓަމަކީ މެޑިކަލް ގުރޭޑް އެއާ ކޮންޑިޝަންތަކެއް ކަމަށެވެ. އެފަދަ ފްރެޝް އެއާ ސިސްޓަމްތައް މީގެ ކުރިން ހަރުކޮށްފައިވަނީ ރާއްޖޭގެ މަދު ހޮސްޕިޓަލެއްގައެވެ. އެއާ ސިސްޓަމް ހަރުކޮށްފައިވަނީ އީއާރު (އެމަޖެންސީ ވޯޑް) އަދި ޖެނެރަލް ވޯޑްގައެވެ. ގުރީން ސިސްޓަމްސް ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްގެން އެ ސިސްޓަމްތައް ހަރުކުރީ 1.3 މިލިއަން ރުފިޔާ އަށެވެ. "ހޮސްޕިޓަލުގެ ވޯޑްތަކަކީ ހޫނުގަދަ ތަންތަން. ވަރަށް ބޮޑެތި ގޮންޖެހުންތަކާ ދިމާވެ މަސައްކަތް ވަރަށް ބޮޑަށް ލަސްވެގެން ދިޔަ. އަޅުގަނޑުމެންގެ ވޯޑްތަކުގައި އެނދު މަދުވުމުން މަސައްކަތް ކުރުމަށް ވޯޑްތައް ހުހެއް ނުކުރެވުނު. އަދި ސީލިންގގެ މަރާމާތުތައް ވެސް ކުރުމަށް އެބަ ބޭނުންވޭ. މި މަސައްކަތް ކުރިއަށް ދިޔައިރު ބަލިމީހުންނާއި އަޅުގަނޑުމެންގެ މުވައްޒަފުންގެ ފަރާތުން ވަނީ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައި. އެކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" މެނޭޖަރު ދާވޫދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ