ވައިރަސް ފެތުރޭތޯ ބަލަން ހަދާ ސާވޭ ދެ ހަފްތާގެ ތެރޭ ނިމޭނެ: އެޗްޕީއޭ

ކޮރޯނާވައިރަސް ރާއްޖޭގައި އާއްމުންގެ ތެރެއަށް ފެތުރިފައި ވޭތޯ ނުވަތަ ނޫންތޯ ބަލަން ކުރަމުން އަންނަ ސާވޭ ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ނިމޭނެ ކަމަށް ނެޝަނަލަ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން މިރޭ ބުނެފި އެވެ.
އެންއީއޯސީން މިރޭ ބޭއްވި ޕްރެސްބްރީފިންގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮމިއުނިޓީ ސްޕްރެޑް އޮތްތޯ ބަލަން ކުރާ ސާވޭ އެންމެ ގިނަވެގެން ވެސް ދެ ހަފްތާ ތެރޭގައި ނިމޭނެ ކަމަށާއި އެކަމަކު އެއަށް ވުރެ ވެސް އަވަސް ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އެއީ މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ސާމްޕަލް ނަގާނީ އެހެންވީމާ އަޅުގަނޑުމެން މި ބަލަނީ އިރާދަކުރެއްވިއްުޔާ ދެ ހަފްތާ އަށް ވުރެ ވެސް ކުރިން ސާމްޕަލްތައް ނަގާ ޓެސްޓް ކުރެވި ދެ ހަފްތާގެ ތެރޭގައި ނަތީޖާ ލިބޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޒްލާ ވިދާޅުވީ ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށާއި މި ފިޔަވަޅުތަކުގެ ތެރެއިން ކަންތައްތަކެއް ދޫކުރާ ނަމަ ދޫކުރެވޭނީ ސާވޭގެ ނަތީޖާއަށް ބެލުމަށް ފަހު ކަމަށެވެ.
މިހައިތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް-19 ރާއްޖޭގައި އާއްމުންގެ ތެރޭގައި ފެތުރިފައި ވޭތޯ ބަލަން ސާވޭއެއް ފެށި ކަމަށް އެޗްޕީއޭއިން ބުނެފައި ވަނީ މި މަހުގެ ހައެއްގަ އެވެ.
ނަޒްލާ އޭރު ވިދާޅުވި ގޮތުގައި ސާވޭގައި ކުރާނެ އެއް ކަމަކީ ނޭވާލާ ނިޒާމުގައި އިންފެކްޝަނެއް އުފެދިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުން ޓެސްޓުކުރުމެވެ. ދެ ވަނައަށް، ނޭވާލާ ނިޒާމުގެ ބަލިތަކަށް ރާއްޖޭގެ ހުރިހާ ހިސާބަކުން ރިޕޯޓުކުރާ މިންވަރު ބެލުމެވެ.
އޭގެ އިތުރުން ފްލޫ ކްލިނިކަށް ދިޔަ މީހުންގެ ތެރެއިން ވެސް ބައެއް މީހުންގެ ސާމްޕަލް ނަގައި އެއްވެސް ވަރަކަށް ކޮމިއުނިޓީ ތެރޭގައި އެ ބަލި އުޅޭތޯ ބަލާފައިވާނެ ކަމަށް ވިދާޅުވި އެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ރާއްޖޭވައި އިއުލާނުކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ހަމަވާތީ އިތުރު 30 ދުވަހަށް އެ ހާލަތު ދަންމައިލަން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ނިންމެވި އެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން ހެލްތު މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަށް ފުރަތަމަ އިއުލާނުކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ