ޑިއުޓީ ކަނޑާލުމުން ލެކިއުޓުން ސެންޓާއި ކޮސްމެޓިކްސްގެ އަގު ހެޔޮކޮށްފި

ލެކިއުޓުން ވިއްކާ ސެންޓާއި ކޮސްމެޓިކްސްގެ އަގު ހެޔޮކޮށްފި އެވެ. ރާއްޖޭގައި އެންމެ ފުޅާދާއިރާގައި ސެންޓާއި ކޮސްމެޓިކްސްގެ ވިޔަފާރިކުރާ ފިހާރަ ހިންގާ ލިންޓަލް އިންވެސްޓްމަންޓުން ބުނީ ލެކިއުޓުން ވިއްކާ މުދަލުގެ އަގު ހެޔޮކުރީ، ރީތިވުމަށް ބޭނުންކުރާ ސާމާނުން މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޑިއުޓީ މާފުވުމާ ގުޅިގެން އޭގެ ފައިދާ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ. އެ ކުންފުނިން ބުނީ އަގުހެޔޮކުރި މުދަލުގެ ތެރޭގައި މިދިޔަ އަހަރު ޑިއުޓީ ދައްކާފައި އެތެރެކުރި ތަކެތި ވެސް ހިމެނޭ ކަމަށެވެ. "އެކަން ކޮށްފައި ވަނީ އާ އަހަރުގެ މުނާސަބަތުގައި ލެކިއުޓްގެ ކަސްޓަމަރުންނަށް ދެވޭ ހާއްސަ ހަދިޔާއެއްގެ ގޮތުގައި،" ލިންޓެލް އިން ބުންޏެވެ. އެ ކުންފުނިން ބުނީ މުދަލުގެ އަގު ހެޔޮކުރުމާ ގުޅިގެން، ކުރިން 1،000ރ އަށް ގަންނަ ސެންޓްފުޅިއަކުން 100- 200ރ. އާ ދެމެދު އަގު ހެޔޮވާނެ ކަމަށެވެ. ލިންޓެލް އަކީ 1989 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ސެންޓާއި ކޮސްމެޓިކްސްގެ ވިޔަފާރިކުރަމުން އަންނަ ކުންފުންޏެވެ. އެ ކުންފުނިން މިހާތަނަށް ވިއްކާފައި ވަނީ ދުނިޔެ އަށް މަޝްހޫރު އެކި ބްރޭންޑްތަކުގެ އޮރިޖިނަލް ސެންޓާއި ކޮސްމެޓިކްސް އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަށް ފިހާރަ ހިންގާ ކުންފުނީގެ 100 ޕަސެންޓް މުވައްޒަފުންނަކީ ދިވެހިންނެވެ. އަދި އެއީ ރާއްޖޭގެ ފުރަތަމަ ކާބަން ނިއުޓްރަލް ކުންފުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ