ދިރިހުރި އިގްތިސާދު: ބިންގާ ވަރުގަދަ ކުރުން ލާޒިމް ވެފައި ...

ދިވެހި އިގްތިސާދު ހަރުދަނާ ކުރުމަށް މި ވަގުތު އެންމެ މުހިއްމު އެއް ކަމަކީ އިގްތިސާދުގެ ބިންގާ ވަރުގަދަ ކުރުމެވެ. މި އިގްތިސާދުގެ ބިންގާ ވަރުގަދަ ކުރުމަށް ކުރެވިދާނެ އެންމެ މުހިންމު އެއް ކަމަކީ އެ ބިންގަލަކީ އެންމެ އެއް އިގްތިސާދީ ހަރަކާތުގެ މައްޗަށް އެޅިފައިވާ ބިންގަލަކަށް ނުހެދުމެވެ. އިކޮނޮމީ ޑައިވަސިފައި ކުރުމެވެ. ނަވާރަސަތޭކަ ހަތްދިހައިގެ އަހަރުތަކާއި ހަމައަށް ރާއްޖޭގެ އިގްތިސާދު ޖުމްލަ ގޮތެއްގައި ބިނާވެފައިއޮތީ ހިކި ކަނޑުމަސް އުފައްދާ ސިލޯނަށް ވިއްކުމުގަ އެވެ. ކާޑުގެ ތަކެއްޗާއި، ބޭހާއި، ޖުމްލަކޮށް ރާއްޖެއަށް އިމްޕޯޓް ކުރާ ހުރިހާ ތަކެއްޗަކަށް ބޭނުންވާ ބޭރު ފައިސާ ހޯދަނީ ސިލޯނަށް އެކްސްޕޯޓް ކުރާ ދިވެހި މަހަށް ލިބޭ ފައިސާއިންނެވެ. ހަތްދިހައިގެ ފަހުކޮޅުގައި ސިލޯނަށް ހިކި ކަނޑުމަސް އިމްޕޯޓް ކުރުން މަނާ ވުމުގެ ސަބަބުން ރާއްޖެއަށް ބޭރު ފައިސާ ލިބޭ މަގު ބަންދުވި އެވެ. ރާއްޖޭގެ އޭރުގެ އިގްތިސާދުގެ ބިންގަލަކީ ހަމައެކަނި ހިކި ކަނޑުމަހުގެ އެކްސްޕޯޓްގެ މައްޗަށް އެޅިފައިވާ ބިންގަލެއް ކަމުން ރާއްޖެ ކުރިމަތިލީ ވަރަށް ވެސް ނުތަނަވަސް ދުވަސްވަރަކާ އެވެ. މި ފަހަކަށް އައިސް މައިގަނޑު ގޮތެއްގަިއ ރާއްޖޭގެ އިގްތިސާދު ބިނާ ކުރެިވފައިވަނީ ފަތުރުވެރިކަމުގެ މައްޗަށެވެ. ނަވާރަސަތޭކަ އަށްޑިހައިގެ އަހަރު ތަކުން ފެށިގެން ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު (ޖީ.ޑީ.ޕީ) ގައި ފަތުރުވެރިކަމުގެ ހިއްސާ އެވްރެޖް ގޮތެއްގައި 30 ޕަސެންޓާ ހަމައިގައި ހިފެހެއްޓިފައިވާއިރު ގައުމުގެ އެންމެ ބޮޑު އަނެއް އިގްތިސާދީ މަސައްކަތް ކަމުގައި ބެލެވޭ މަސްވެރިަކމުގެ އެވްްރެޖް ހިއްސާއަކީ އަށް ޕަސެންޓް ވަރެވެ. މަސްވެރިކަމާއި ދަނޑުވެރިކަމުގެ ޖުމްލަ ހިއްސާ ހިފެހެއްޓިފައިވަނީ 11 ޕަސެންޓަށް ވުރެ ދަށުގަ އެވެ. އެހެންކަމުން ރާއްޖޭގެ އިގްތިސާދު މިވަނީ ވަރަށް ބޮޑަށް ފަތުރުވެރިކަމަށް ބަރޯސާ ކުރެވިފައެވެ. ފަތުރުވެރިކަމަކީ ރާއްޖެއަށް ގިނަ ގުނަ ފައިދާ ކުރުވަނިވި އަދި އެކަމުގެ ސަބަބުން ރާއްޖެ މިއަދު މި ދެކޭ ތަރައްގީއާއި ކުރިއެރުން ގެނެސްދިނުމުގައި އެންމެ މަތީ ހިއްސާވާ ފަރާތެވެ. އެކަމާމެދަކު ޝައްކެއްނެތެވެ. ނަމަވެސް އެއްވެސް ގައުމެއްގެ އިގްތިސާދު އެއް ވިޔަފާރީގެ މައްޗަށް އެހާ ބޮޑަށް ބަރޯސާ ވެފައި އޮތުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އެ ވިޔަފާރިއަށް ލޮޅުމެއް އަތުވެއްޖެނަމަ ގައުމަށް ކުރާނެ ނުރަނގަޅު އަސަރު ބޮޑުކަމުންނެވެ. ސުނާމީ ހާދިސާއާ ގުޅިގެން ރާއްޖެއަށް އަންނަމުން ދިޔަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ދިޔަ އެވެ. ދެހާސް ހަތަރެއްގެ ޖެނުއަރީން މާޗަށް ރާއްޖެއަށް 000` 185 ފަތުރުވެރިން ޒިޔާރަތް ކުރިއިރު 2005 ގެ ޖެނުއަރީން މާޗް މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރީހަމައެކަނި 83 ހާސް ފަތުރުވެރިންނެވެ. މިއީ ދެ ބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ވެއްޓުމެކެވެ. މި ދުވަސްވަރާ ގުޅިގެން ﷲ ރަހްމަތްފުޅާއެކު ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެ، އެކްސްޕޯޓް އިތުރުވެ މަސްވެރިކަމުން ރާއްޖެއަށް ލިބުނު ބޭރު ފައިސާ 12 ޕަސެންޓް އިތުރުވި އެވެ. މަސްވެރިކަމުން ލިބުނު އާމްދަނީ އިތުރުވި ނަމަވެސް ރާއްޖޭގެ ޖުމްލަ އިގްތިސާދުގައި މަސްވެރިކަމުގެ ހިއްސާއަކީ 8 ޕަސެންޓް ކަމަށް ވެފައި ޓުއަރިޒަމްގެ ހިއްސައަކީ 30 ޕަސެންޓް މި މުއްދަތުގައި ރާއްޖޭގެ ިއގްތިސާދަށް ވަނީ ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކޮށްފަ އެވެ. އެހެންކަމުން ރާއްޖޭގެ އިގްތިސާދުގެ ބިންގާ ފުޅާ ކުރުމަށްޓަކައި މިއަދު މިވަނީ އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައެވެ. ނަމަވެސް މިއަދުވެސް ދެކެވެމުން މިދަނީ އިގްތިސާދުގައި ފަތުރުވެރިކަން ހިއްސާކުރާ މިންވަރު ބޮޑުކުރާ ވާހަކަ އެވެ. މިއަހަރު ތެރޭގައި އަލަށް ނުކުތް ރިސޯޓްތަކުގެ އިތުރަށް ފުވައްމުލަކުގަޔާއި އައްޑުއަތޮޅުގައި ރިސޯޓް ހޮޓެލްތަކެއް އެޅުމަށްޓަކައި މަސައްކަތް ތަކެއް ކުރެވެމުން އެބަ ދެއެވެ. މީގެ އިތުރުން މި އަންނަ އަހަރު އިތުރަށް 35 ރިސޯޓް އިޢްލާނު ކުރުމަށް މިހާރު ދަނީ ވިސްނަމުންނެވެ. ފަތުރުވެރިކަމަކީ ލެޝާ އިންޑަސްޓްރީއެއް ކަމުން ބައިނަލްއަގުވާމީ މަސްރަހަށް އަންނަ އެކި ލޮޅުންތަކުގެ އަސަރު އެ އިންޑަސްޓްރީއަށް ފޯރާލެއް ބޮޑުވެފައި އަވަހެވެ. ގައުމުގެ އިގްތިސާދު ފަތުރުވެރިކަމަށް ބަރޯސާ ކުރެވިފައިވާ މިންވަރުން މި އިންޑަސްޓްރީއަށް އަންނަ ހީނަރުކަމުގެ އަސަރު މުޅި އިގްތިސާދަށް ކުރާ މިންވަރު ބޮޑުވެފައި ކަމުގެ އަސަރު ދަމަހައްޓާ މުއްދަތު ދިގެވެ. މީގެ އިތުރުން ގިނަ ރިސޯޓްތަކެއް އެއްފަހަރާ ހުޅުވުމުން ރާއްޖެއަކީ ޕްރީމިއަމް ޑެސްޓިނޭޝަނެއްގެ ގޮތުގައި ދެކޭ ދުށުމަށް ބަދަލު އައިސް ކޮޓަރި ވިކޭ އަގަށް ބަދަލުއައުމަކީ އެކަށީގެންވާ ކަމެކެވެ. ވީމާ، މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ އިގްތިސާދުގެ ބިންގާ ފުޅާ ކުރުމަށްޓަކައި ވިސްނުންތެރިކަމާއެކު އަވަސް އަދި ހަލުވި ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ ހައްލު ކުރަން އުނދަގޫ ދަތި މައްސަލަތަކަކާ ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ