ޔާމީން މަޖިލީހަށް ހާޒިރުކޮށްފައިނުވާތީ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ނިންމަވާލައްވައިފި

10:00ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު މަޖިލީހުގެ ޖަލްސާތަކަށް ހާޒިރު ނުވެވޭގޮތަށް ގައުމީ ދިފާއީ ބާރުން ބަހައްޓަވާފައިވާކަމަށް ވާނަމަ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ނުފެންނަކަމަށް، ޕާޓީތަކުގެ ލީޑަރުން ލަފާދެއްވާފައިވާތީ މިއަދުގެ ޖަލްސާ ވެސް ކުރިއަށް ގެންދެވެން ނެތްކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ނިންމަވާލައްވައިފި އެވެ.ޖަލްސާ ފެށިތާ ހަތަރު މިނިޓްފަހުން ޖަލްސާ ނިންމަވާލެއްވިކަން އިއްލާން ކުރައްވަމުން، މިއަދުގެ ޖަލްސާއަށް ޔާމީނު ހާޒިރުނުކުރި މައްސަލައާ ބެހޭގޮތުން ޑިފެންސް މިނިސްޓަރ އަމީން ފައިސަލް މަޖިލީހަށް ފޮނުއްވަވާފައިވާ ސިޓީއެއް ރިޔާސަތުން މަޖިލީހުގެ ތަޅުމަށް އިއްވެވި އެވެ.އަމީން ފައިސަލް އިއްޔެ ފޮނުއްވި ސިޓީއާ އެއްގޮތަށް މިއަދު ފޮނުއްވި ސިޓީގައި ވެސް ވަނީ، ޢަބްދުﷲ ޔާމީން ގައުމީ ދިފާއީ ބާރުގެ ހިމާޔަތަށް ގެންދެވީ އެ މެންބަރުގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި މުޖުތަމަޢުގެ ރައްކާތެރިކަމަށް ބަލައި އެންމެ އެކަށީގެންވާ ފިޔަވަޅަކީ އޭނާއަށް ސިފައިންގެ ހިމާޔަތް ދެއްވުން ކަމުގައި ނިންމަވާފައި ވާތީ ކަމަށެވެ. އަދި ޔާމީން ސަލާމަތްތެރި ތަނަކަށް ގެންގޮސްފައިވަނީ އޭނާގެ މައްޗަށް އެއްވެސް ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވިގެން ނުވަތަ އެފަދަ ކުށެއް ކޮށްގެން ނޫންކަމުގައިވެސް ލިއުއްވާފައިވެ އެވެ. ޢަބްދުﷲ ޔާމީން ސިފައިންގެ ޙިމާޔަތުގެ ދަށުގައި ނޫން ގޮތެއްގައި ބެހެއްޓެން ނެތް ކަމަށާއި، އޭނާ އެހެން އެއްވެސް ތަނަކަށް ގެންދިއުމަކީ ރައްކާތެރިކަމެއް ނޫން ކަމުގައި ދެކެމުން އަންނަ ގޮތަށް ބަދަލު އައިސްފައިނުވާތީ، ޔާމީން މިއަދުގެ ޖަލްސާއަށް ފޮނުވެން ނެތް ކަމަށް ވެސް ޑިފެންސް މިނިސްޓަރުގެ ސިޓީގައިވެ އެވެ.ޔާމީން ޖަލްސާއަށް ހާޒިރުނުކުރެއްވި މައްސަލައިގައި، މި ހަފްތާގައި ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް އައިސްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާ ނިންމަވާލެއްވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތާއި ވާޖިބުތަކާއި ޒިންމާތަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކު ވެސް ބަންދު ކުރެވެންޖެހޭނީ، އެ މެންބަރެއްގެ މަސްއޫލިއްޔަތުތައް އަދާކުރެވޭގޮތަށްކަމަށް، ޤާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ކަށަވަރުކޮށްދީފައިވާއިރު، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން ގައުމީ ސަލާމަތީ ބާރުތަކުން، ޖަލްސާއަށް ހާޒިރުކޮށްދީފައިނުވާތީ ކަމަށް ވިދާޅުވެ އެވެ. ހަމަ އެ މައްސަލައާގުޅިގެން، ހޯމަ ދުވަހު ބޭއްވި މި ހަފްތާގެ ފުރަތަމަ ޖަލްސާ، މެންބަރުން ނިޒާމީ މައްސަލަ ނަންގަވައިގެން ވަނީ ކުރިއަށް ގެންދިޔަ ނުދެއްވައިފަ އެވެ.މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި، ގުޅިފައިވާ އިދިކޮޅު ލީޑަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދު ބުނާގޮތުން ހައްޔަރުގައި ހުންނަ މެންބަރަކު ނަމަވެސް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރު ކުރަންޖެހޭނެ ކަމަށެވެ. އެހެންނޫންނަމަ މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެކަމަށް އެ ބޭފުޅުން ތަކުރާރުކޮށް ދަނީ އިންޒާރު ދެއްވަމުންނެވެ. ނަމަވެސް މިކަމުގައި ގައުމީ ދިފާއީ ބާރުން ދޫދުނުމުގެ އެއްވެސް ނިޝާނެއް މިހާތަނަށް ފެނިފައެއްނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ