އީ ސްޕޯޓިންގައި ރާއްޖެ އަށް ބޮޑު ކުރިއެރުމެއް

މޯލްޑިވްސް އީ ސްޕޯޓިން އެސޯސިއޭޝަން އަކީ ގޭމިން އަށް ޝައުގުވެރިވާ ޒުވާނުންނަށް ގޭމިންގައި އިތުރު ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން މީގެ ތިން އަހަރު ކުރިން އުފެއްދި ޖަމިއްޔާއެކެވެ. ކޮމްޕިއުޓަ އަދި ޓީވީ ގޭމް ކުޅުމަށް ރާއްޖޭގެ ގިނަ ޒުވާނުންތަކެއް ޝައުގުވެރިވާއިރު، އީ ސްޕޯޓިން އެސޯސިއޭޝަންގެ ފަރާތުން އެ ޒުވާނުންނަށް ވަރަށް ގިނަ ފުރުސަތުތައް ތަނަވަސްވި އެވެ. ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އީ ސްޕޯޓިން އެސޯސިއޭޝަނުން ކުރި މަސައްކަތުން ރާއްޖޭގެ ގޭމަރުންނަށް ވަނީ ބޭރުގެ މުބާރާތްތަކުން ފުރުސަތު ލިބިފަ އެވެ. އީ ސްޕޯޓްސް އެސޯސިއޭޝަނަށް މިދިޔަ އަހަރު އިންޓަނޭޝަނަލް އީ ސްޕޯޓްސް ފެޑެރޭޝަން (އައިއީއެސްއެފް) ގެ މެމްބަރުކަން ލިބުމާ އެކު ރާއްޖެ އަށް ވަނީ އަންނަ މަހު އޮންނަ އައިއީއެސްއެފްގެ ވޯލްޑް ޗެމްޕިއަންޝިޕުގައި ބައިވެރިވުމުގެ ފުރުސަތު ލިބިފަ އެވެ. ދެކުނު ކޮރެއާގައި ބާއްވާ ވޯލްޑް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ފަރާތުން ވާދަކުރާނީ އަބްދުﷲ އާސިފް މުސްތަފާ ، ،20 އަދި އަލީ ބާޝިރު ނިޒާމް ، ،19 އެވެ. މިދިޔަ އަހަރު މި މުބާރާތުގައި ވާދަކުރާ ގައުމީ ޓީމު ނެގުމަށް ބޭއްވި މުބާރާތުން އެންމެ ރަނގަޅު ނަތީޖާ ހޯދައިފައިވަނީ މި ދެ ހުނަރުވެރި ގޭމަރުންނެވެ. އާސިފް މުބާރާތުގައި ވާދަކުރާނީ ފީފާ އިވެންޓުގަ އެވެ. އަދި ބާޝިރު ވާދަކުރާނީ ސްޓާ ކްރާފްޓް އިވެންޓުގަ އެވެ. "އައިއީއެސްއެފްގެ މެމްބަރަކަށް ވުމުން އެ އިދާރާ އިން ރާވާ މުބާރާތްތަކުން ރާއްޖެ އަށް ފުރުސަތު ލިބޭނެ،" އީ ސްޕޯޓިން އެސޯސިއޭޝަންގެ ރައީސް އިސްމާއިލް އަޒްމީ އަދުނާން ބުންޏެވެ. "މިދިޔަ އަހަރު ބޭއްވި ގައުމީ ޓީމުގެ ސެލެކްޝަނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދެ އެތުލީޓުން މި ބައިވެރިކުރީ. މިދިޔަ އަހަރުން ފެށިގެން މި މުބާރާތަށް ތައްޔާރުވަމުން މި ދަނީ. އުންމީދުކުރަން ރާއްޖެ އަށް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް. އަދި މި މުބާރާތުން ރޭންކިން ކަނޑައެޅިގެންދާނެތީ ރާއްޖޭގެ ޓީމުން ވަރަށް މަސައްކަތްކުރާނެ ނަތީޖާ ރަނގަޅުކުރަން." އައިއީއެސްއެފްގެ މެމްބަރުކަން ލިބުމާ އެކު ރާއްޖެ އަށް ވަނީ ދުނިޔޭގެ އީ ސްޕޯޓިންގެ މައި ޖަމިއްޔާގެ ކަންތައްތަކުގައި ޝާމިލްވުމުގެ ފުރުސަތު ލިބިފަ އެވެ. އޭގެ ތެރޭގައި އައިއީއެފްގެ ގަވައިދުތައް ހެދުމުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ލިބިފަ އެވެ. "އައިއީއެސްއެފްގެ މެމްބަރަކަށް ވުމުން ރާއްޖެ އަށް ވަރަށް ގިނަ ފައިދާތައް ވާނެ. ރާއްޖެ އަށް މީހުން ތަމްރީނުކުރުމުގެ ފުރުސަތުތައް ލިބިގެންދާނެ. އަދި އެންމެ ފާހަގަކޮށްލެވޭ ކަމަކީ އައިއީއެސްއެފްގެ ރެގިއުލޭޝަން ހެދުމުގައި ބައިވެރިވެވޭނެކަން. އެހެންވީމަ މީގެ ފަހުން އައިއީއެސްއެފްގެ ރެގިއުލޭޝަން ނިންމާނީ ރާއްޖޭގެ ހިޔާލާ އެކު،" އަޒްމީ ބުންޏެވެ. ދުނިޔޭގެ އީ ސްޕޯޓިންގެ މައި ޖަމިއްޔާގެ މެމްބަރަކަށް ރާއްޖޭގެ އީ ސްޕޯޓިން ޖަމިއްޔާވި ނަމަވެސް ރާއްޖޭގެ ކުޅިވަރު ގައުމީ މަޖިލީހުން އަދި އީ ސްޕޯޓިން ޖަމިއްޔާގެ ބަލައިގެންފައެއް ނުވެ އެވެ. އީ ސްޕޯޓިން އަކީ ވެސް ކުރިއަރަމުން އަންނަ ކުޅިވަރެއް ކަމަށާއި އެހެން ކުޅިވަރު އެސޯސިއޭޝަންތަކާ އެއްގޮތަށް އެ ކުޅިވަރަށް ވެސް ސަރުކާރުން ދޭ އަހަރީ ބަޖަޓެއް ލިބިއްޖެ ނަމަ އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އަޒްމީ ފާހަގަކުރި އެވެ. "ހުށަހަޅައިފައިވަނީ އެކަމަކު އަދި ސްޓޭޓަސް ޕެންޑިންގައި އުޅެނީ. ވަރަށް މުހިންމު ސަރުކާރުގެ އެހީ. ސަރުކާރުން އެހީދެންޏާ ވަރަށް ބޮޑަށް މި ކުޅިވަރު ކުރިއަށްދާނެ،" އަޒްމީ ބުންޏެވެ. ގައުމީ އީ ސްޕޯޓިން ޓީމު މިދިޔަ އަހަރު ލަންކާ އަށް ކުރި ދަތުރުގައި ސަރުކާރުން އެހީވި އެވެ. އެކަމަކު ވޯލްޑް ޗެމްޕިއަންޝިޕަށް ދާ ޓީމަށް ސަރުކާރުން އެއްވެސް އެހީއެއް ނުދެ އެވެ. މި ފަހަރު ވޯލްޑް ޗެމްޕިއަންޝިޕުގައި ވާދަކުރާ ދެ އެތުލީޓުންނަށް އައިއީއެސްއެފް އިން ޚަރަދު ދިން ނަމަވެސް މުބާރާތަށް ދާ އޮފިޝަލުން ދަނީ ސްޕޮންސަރުންގެ އެހީތެރިކަމާ އެކު އެވެ. ސްޕޮންސަރުންނަކީ ދިރާގު، ކޮކާކޯލާ، މެގަ މޯލްޑިވްސް، ސަން ހޮޓެލްސް، ނަސަންދުރާ ޕެލެސް ހޮޓެލް އަދި ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު ވަހީދުއްދީން (ޑީން) އެވެ. ޑީން އަކީ އީ ސްޕޯޓިން އެސޯސިއޭޝަން އުފެދުނު ފަހުން އެ އެސޯސިއޭޝަނަށް އަބަދުވެސް އެހީވަމުން ގެންދަވާ ފަރާތެއް ކަން އަޒްމީ ފާހަގަކުރި އެވެ. އީ ސްޕޯޓިން އެސޯސިއޭޝަނުން މިދިޔަ އަހަރު ބޭއްވި ގޭމް ފެސްޓުގައި 5000 ޒުވާނުން ބައިވެރިވި އެވެ. އަދި އެ އެސޯސިއޭޝަންގެ އޮންލައިން ސާވާގައި 10،000 މެމްބަރުން ހިމެނެ އެވެ. އީ ސްޕޯޓިން އެސޯސިއޭޝަނުން ހެންވޭރުގެ ޒުވާނުންގެ މަރުކަޒުގައި ހިންގާ ގޭމިން ސެންޓަރުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެ އެވެ. މި އަހަރުގެ ޑިސެމްބަރު މަހު ސެންޓަރު އަލުން ހުޅުވާނެ އެވެ. ގޭމް ކުޅުމުގެ އިތުރުން އީ ސްޕޯޓިން އެސޯސިއޭޝަނުން ދަނީ ޒުވާނުންނަށް ގޭމިންގެ ދާއިރާ އިން ގިނަ ފުރުސަތުތައް ހޯދައިދުނުމަށް މަސައްކަތްކުރަމުންނެވެ. މިހާރު ވެސް ގޭމިން ދާއިރާ އިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ފުރުސަތު ހޯދައިދެމުން އަންނަ އީ ސްޕޯޓްސް އެސޯސިއޭޝަނުން ކުރިއަށް އޮތް ތަނުގައި ވެސް އެގޮތަށް ކުރިއަށްދާނެ ކަމަށް އަޒްމީ ބުންޏެވެ. "ގޭމިން އަކީ މިހާރު ބޮޑު އިންޑަސްޓްރީއެއް. އަޅުގަނޑުމެންގެ ހަ އަހަރު ޕްލޭންގެ ދަށުން ރާއްޖޭގައި ޓެކްނޮލޮޖީ އަކީ މޭޖާ ސެކްޓާއަކަށް ހެދުމުގެ މަސައްކަތް މިކުރަނީ. ރާއްޖޭގައި އެބަތިބި ގޭމިން އިންޑަސްޓްރީގައި ކުރިއަށްދެވޭނެ ކުދިން. އެކުދިންނަށް ކުރިއަށް އޮތް ތަނުގައި އިތުރު ފުރުސަތުތައް ހޯދައިދޭން މަސައްކަތްކުރާނަން. މިހާރު ވެސް އެހީވަމުން މި ދަނީ،" އަޒްމީ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ