ނަޝީދުގެ މައްސަލަ ބަލާ ކޮމިޓީ ކުރިއަކަށް ނުގެންދެވުނު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ މަނިކުފާނު ގާނޫނާ ހިލާފަށް ކުރެއްވި ކަމަށް ތުހުމަތުކުރާ ކަންކަން ބެލުމަށް ރައްޔިތުންގެ މަޖިލީހުން ހޮވި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ކުރިއަށްގެންދެވޭ ގޮތް ނުވެގެން ހުއްޓާލައިފި އެވެ. މަޖިލީހުގެ އަމީން އާންމު އަހްމަދު މުހައްމަދު ވިދާޅުވީ މިއަދު 00: 2 ގައި ބާއްވަން ހަމަޖެއްސި "ކޮމިޓީގެ ބައްދަލުވުން ކުރިއަށް ނުގެންދެވުނީ ކޮމިޓީ ކުރިއަށް ގެންދެވޭނެ ފަދަ ހާލަތެއް ނެތުމުން" ކަމަށެވެ. ނަޝީދުގެ މައްސަލަ ބެލުމަށް ގަރާރު ހުށަހެޅުއްވި މެމްބަރު އަދި އެ ކަންކަން ބަލާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވީ ކޮމިޓީގެ މަސައްކަތް ކުރިއަށްނުގެންދެވުނީ އެމްޑީޕީގެ މެމްބަރުން އެތަނަށް ވަދެ "ކޮމިޓީ ހައިޖެކްކުރުމުން" ކަމަށެވެ. "ކޮމިޓީ ކުރިއަށްނުގެންދެވުނީ އެމްޑީޕީގެ މެމްބަރުން އެތަނަށް ވަދެ އަޑުގަދަކޮށް، މައިކް ސިސްޓަމްތައް އުކާލައި ހެދުމުން. އެކަމުގެ ޒިންމާ މަޖިލީހުގެ ރިއާސަތުން ނަގަންޖެހޭނެ،" ޖާބިރު ވިދާޅުވި އެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ހަމައެކަނި މެމްބަރު، ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވީ ކޮމިޓީގެ މަސައްކަތް ކުރިއަށް ނުގެންދެވުނީ މެމްބަރުންގެ ހިޔާލު ތަފާތުވުން ބޮޑުވެގެން ކަމަށެވެ. "އަޅުގަނޑުމެން ހުށަހެޅީ ސަރުކާރު ބަދަލުވި ގޮތް އިންކުއަރީ ކޮމިޝަނުން ބަލަމުންދާއިރު، އަދި އެ ތަހްގީގު މި މަހުގެ ނިޔަލަށް ނިންމާއިރު، އިންކުއަރީ ކޮމިޝަންގެ މަސައްކަތް ނިމެންދެން ކޮމިޓީގެ މަސައްކަތް މަޑުޖައްސާލުމަށް. އެކަމަކު އެހެން މެމްބަރުން އެ ގޮތެއް ބޭނުމެއްނުވި. އެކަމުގައި މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވެގެން ކޮމިޓީ ކުރިއަށް ނުގެންދެވުނީ،" އަލީ ވަހީދު ވިދާޅުވި އެވެ. ކޮމިޓީގެ މިއަދުގެ ބައްދަލުވުން ކުރިއަށް ނުގެންދެވުމުން ކޮމިޓީގެ މުގައްރިރެއް ވެސް ކަނޑައެއް ނޭޅުނެވެ. ނަޝީދުގެ މައްސަލަ ބަލާ ހަތް މެމްބަރުންގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދާއި ފަރެސްމާތޮޑާ ދާއިރާގެ އިބްރާހިމް މުއްތޮލިބާއި ގުރައިދޫ ދާއިރާގެ އިބްރާހިމް ރިޒާ އާއި ކާށިދޫ ދާއިރާގެ އަބްދުﷲ ޖާބިރާއި ވިލިމާފަންނު ދާއިރާގެ އަހުމަދު ނިހާނާއި ވިލުފުށީ ދާއިރާގެ ރިޔާޒް ރަޝީދު އަދި ކިނބިދޫ ދާއިރާގެ މޫސާ ޒަމީރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ