އައްޑޫ އިކުއޮޓޯރިއަލް ހޮސްޕިޓަލަކީ މިސަރުކާރުން އެޅި ހޮސްޕިޓަލެއް: މެންބަރު އަޙްމަދު ރަޝީދު

އައްޑޫގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ޤާއިމުކޮށްފައިވާ އައްޑު އިކުއިޓޯރިއަލް ހޮސްޕިޓަލަކީ މި ސަރުކާރުން ޤާއިމުކުރި ތަނެއް ކަމުގައި ރައްޔިތުން މަޖިލިހުގެ ހިތަދޫ މެދުދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. މިފަދައިން އަޙްމަދު ރަޝީދު ވިދާޅުވެފައިވަނީ ރޭ ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕްރޮގުރާމުގައި ވާހަކަދައްކަވަމުންނެވެ. މި ސަރުކާރު ވެރިކަމަށް އައިއިރު އައްޑޫގެ ޞިއްޙީ ނިޒާމު އޮތީ ވަރަށް ނިކަމެތި ޙާލެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ހޮސްޕިޓަލުގައި އެއްވެސް ވަސީލަތެއް ނެތް ކަމުގައެވެ. އަދި މިހާރު ހުރި ހޮސްޕިޓަލަކީ ކޮންފަދަ ހޮސްޕިޓަލެއްތޯ އަޙްމަދު ރަޝީދު ސުވާލުކުރެއްވިއެވެ. އެހެންނަމަވެސް އެ ހޮސްޕިޓަލުގައި މިވަގުތު ނެތީ އައްޑޫ ރައްޔިތުން ބޭނުންވާ ޚިދުމަތް ކަމުގައި ވިދާޅުވިއެވެ. އެ ޚިދުމަތްތައް އެ ހޮސްޕިޓަލުން ނުލިބޭ ސަބަބެއް ކަމުގައި އަޙްމަދު ރަޝީދު ވިދާޅުވީ، ކޮވިޑްގެ ޙާލަތާ ގުޅިގެން ދުނިޔެއަށްވެސް ދަތިވުން ފަދަ ކަންކަން ކަމަށެވެ. އެހެންނަމަވެސް އެ ހޮސްޕިޓަލުގައި ހުރި ޒަމާނީ ވަސީލަތްތަކާއި އެ ހޮސްޕިޓަލުގައި ކުރެވިފައިވާ ހުރިހާ މަސައްކަތަކީ މި ސަރުކާރުން ކުރި މަސައްކަތް ކަމުގައިވެސް އަޙްމަދު ރަޝީދު ވިދާޅުވިއެވެ. އަދި އެ ހޮސްޕިޓާ ބިނާކޮށްފައިވާ ޢިމާރާތަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ބިނާކުރި އިމާރާތެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. އައްޑޫ އިކުއޮޓޯރިއަލް ކޮންވެންޝަން ސެންޓަރުގެ ނަމުގައި ރައީސް ނަޝީދުގެ ވެރިކަމުގައި ސާކު ސަމިޓަށް ބިނާކުރި އެ ކޮންވެންޝަން ސެންޓަރު، ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ތަރައްޤީކުރުމުގެ މަސައްކަތް ފެއްޓެވީ ރައީސް ޔާމީނުގެ ވެރިކަމުގައެވެ. އެތަނަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ހެން ގެނެސްފައިވަނީ ރައީސް ޔާމީނުގެ ވެރިކަމުގައެވެ. ނަމަވެސް އަޙްމަދު ރަޝީދު ރޭގައި ވިދާޅުވެފައިވަނީ ރައީސް ޔާމީން އައްޑޫގައި ހޮސްޕިޓަލެއް ޤާއިމުކުރައްވަން މަސައްކަތްނުކުރައްވާ ކަމުގައެވެ. އެހުރިހާ މަސައްކަތެއްކުރީ މި ސަރުކާރުން ކަމުގައެވެ. "ރައީސް ޔާމީންއެއް ބޭނުމެއްނުވޭ އައްޑޫގައި ހޮސްޕިޓަލްއެއްއަޅަން،... އެތަން ހޮސްޕިޓަލަކަށް ހަދަނީކަމަށް ބުނެ ދައްކަ ދައްކާ ހުއްޓަ މިސަރުކާރުން އައިސް އެތާގެ ފުރާޅުވެސް ހުރިހާކަމެއް ރަނގަޅުކޮށް ހޮސްޕިޓަލަކަށް ބަދަލުކޮށްފައިވަނީ" މެންބަރު އަހްމަދު ރަޝީދު ވިދާޅުވިއެވެ.ރައީސް ޔާމީން ވެރިކަމުގައި އައްޑޫގެ ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަޝްރޫޢު ބަޖެޓުކޮށްފައިވަނީ 20.9 މިލިއަން ޑޮލަރު ނުވަތަ 233 މިލިއަން ދިވެހިރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެއްގެ ގޮތުގައެވެ. އެ މަޝްރޫޢު ހިންގާފައިވަނީ އައިމާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެންނެވެ. އެ މަސައްކަތުގެ ސްޓްރަކްޗާއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުވަނީ ނިންމާފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
100 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ