މޮބައިލް ފިހާރައެއް ފަޅާލައި ވައްކަން ކޮށްފި

މާލޭގައި ހިންގާ މޮބައިލް ފިހާރައެއް ފަޅާލައިގެން ގިނަ އަދަދެއްގެ ފޯނު ރޭ ވަގަށް ގެންގޮސްފި ކޮށްފި އެވެ.
ލޮނު ޒިޔާރަތް މަގުގައި ހިންގާ "ސެލް ޒޯން" ފިހާރައިގެ ވެރިޔާ އަބްދުލް މަޖީދު ވިދާޅުވި ގޮތުގައި އެ ކުންފުނިން އެންމެ ފަހުން ހުޅުވި ފިހާރަ ފަޅާލާފައި ވަނީ ރޭގެ މެންދަމުގެ ވަގުތެއްގައި ކަމަށެވެ.
"ވައްކަން ކޮށްގެން އައިޕޮޑާއި އައިފޯނުގެ އިތުރުން އެހެން ގިނަ އަދަދެއްގެ އެއްޗިހި ގެންގޮސްފައިވޭ،" މާލޭގައި ތިން ފިހާރައެއް ހިންގާ، މަޖީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފިހާރަ ފަޅާލާފައި ވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. އެ ފިހާރައިން ވަގަށް ގެންދިޔަ ތަކެތީގެ އަގު 250،000ރ. އަށްވުރެ މަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސެލް ޒޯން ފިހާރައިގެ ފޮރު ހަލާކުކޮށްލާފައި
"[ވައްކަން ކުރިތަން]ސީސީޓީވީން ފެނޭ. މުދާ ހުންނާނީ ވެސް އިންޝުއަރެންސް ކޮށްފައި،" މަޖީދު ވިދާޅިވި އެވެ.
ފޮޓޯ ތަކުން ފެންނަ ގޮތުގައި "ސެލް ޒޯން" ފިހާރަ ފަޅާލައިގެން ވައްކަން ކޮށްފައިވަނީ ފިހާރައިގެ ދޮރެއްގެ ބިއްލޫރި ގަނޑެއް ހަލާކުކޮށްލައިގެން ވަދެ އެވެ.
ފުލުހުން ބުނި ގޮތުގައި ރޭ ފަތިހު ފޯނު ފިހާރަ ފަޅާލި ކަމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތައް ކުރިން ބަންދު ކުރުމާއެކު ބޮޑެތި ވައްކަން ތަކެއް ވަނީ ކޮށްފަ އެވެ. އަދި އެ ވައްކަން ތަކުގައި ބޮޑެތި އަދަދު ތަކުން ފައިސާ ވެސް ވަނީ ގެއްލިފަ އެވެ. މިގޮތުން މި ފަހުން ހިނގި ބޮޑެތި ވައްކަތަކުގެ ތެރޭގައި އެޕޯލޯ ހާޑްވެއާގެ ތިޖޫރިތަކެއް ފަޅާލައިގެން ކުރި ވައްކަމާއި ޔޫރޯ މާކެޓިންގެ އޮފީސް ފަޅާލައިގެން ކުރި ވައްކަން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ