ފުރަތަމަ މެޗުގައި ޔޮޓާ ލަނޑުޖެހިއިރު، އާސެނަލް އަތުން ލިވަޕޫލަށް މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެރޭ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން ފަހަތުން އަރައި އާސެނަލް ބަލިކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ލިވަޕޫލް މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން ލިވަޕޫލް މޮޅުވިއިރު، އެ ޓީމުން މިހާރު ވަނީ އަމިއްލަ ދަނޑުގައި މެޗަކުން ބަލިނުވެ 61 މެޗު ހަމަކޮށްފައެވެ. އަމިއްލަ ދަނޑުގައި ލިވަޕޫލުން އެންމެ ފަހުން ބަލިވެފައިވަނީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.
ހޯމަ ދުވަހުގެރޭ ކުޅުނު މެޗު ލިވަޕޫލުން ޑޮމިނޭޓުކޮށްގެން ކުޅުނުއިރު، މެޗުގެ ކުރީކޮޅު އެ ޓީމުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ފޯވާޑް ސަޑިއޯ މާނޭ ފޮނުވާލި ނުރައްކާތެރި ބޯޅައެއް އާސެނަލުގެ ގޯލްކީޕަރު ބާން ލެނޯ މަތަކުރިއިރު، ޑިފެންޑަރު ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.
އެކަމަކު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އާސެނަލުންނެވެ. މެޗުގެ 25 ވަނަ މިނެޓުގައި ލިވަޕޫލުގެ ޑިފެންޑަރު އެންޑީ ރޮބަޓްސަނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ ފޯވާޑް އަލެކްސަންޑަ ލަކަޒޭޓެވެ.
އެކަމަކު އޭގެ ތިން މިނެޓު ފަހުން ލިވަޕޫލުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ މާނޭ އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 34 ވަނަ މިނެޓުގައި އަލެކްސަންޑަ-އާނޯލްޑް ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު ލިވަޕޫލަށް ޖަހައިދިނީ ރޮބަޓްސަނެވެ.
މި މެޗުގައި ނަތީޖާ އެއްވަރުކުރުމަށް އާސެނަލަށް އެންމެ ހުސް ފުރުސަތެއް ލިބުނީ ދެވަނަ ހާފުގައި އެ ޓީމުގެ ފޯވާޑް ލަކަޒޭޓަށެވެ. އެކަމަކު މުޅިން ހުހަށްހުރެ އޭނާ ފޮނުވާލި ހަމަލާ ލިވަޕޫލުގެ ގޯލްކީޕަރު އެލިސަން ބެކާ ވަނީ ދިފާއުކޮށްފައެވެ.
މެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ވުލްވްސް ދޫކޮށްލިވަޕޫލާ ގުޅުނު ޕޯޗުގަލުގެ ފޯވާޑް ޑިއޯގޯ ޔޮޓާ ވަނީ ކުޅެން އަރާފައެވެ. އަދި ކުޅެން އެރިތާ އަށްވަނަ މިނެޓުގައި ޔޮޓާ ވަނީ ލިވަޕޫލުގެ ތިންވަނަ ލަނޑު ޖަހާފައެވެ.
މި ސީޒަނުގެ ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް ލިވަޕޫލް މޮޅުވެފައިވާއިރު، ލީގުގައި ދެން ލިވަޕޫލުން މެޗެއް ކުޅޭނީ އަންނަ އާދިއްތަ ދުވަހުގެރެއެވެ. އެރޭ ރަށުން ބޭރުގައި ލިވަޕޫލް ނުކުންނާނީ އެސްޓަން ވިލާއާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ