ޅ. އަތޮޅުގައި ހިމެނޭ ފަސް ސަރަހައްދެއް ހިމަޔާތްކުރަން ނިންމައިފި

ފާދިއްޕޮޅު ނުވަތަ ޅ. އަތޮޅުގެ ފަސް ސަރަހައްދެއް ހިމާޔަތް ކުރުމަށް ކެބިނެޓުން މިއަދު ނިންމައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ޅ.މާގަނދު (އެނިމޮނީ) ތިލަ، އާއި ޅ.ދިއްފުށި-މާދޫގައި ހިމެނޭ ފަސް ރަށުގެ ތެރެއިން އެންމެ އުތުރުން އޮންނަ ރަށް ކަމަށްވާ ސެއްޅިފުށީގެ ޗަސްބިން ސަރަހައްދާއި ޅ.މާކޯ އާއި ޅ.ވައްވަރު އަދި ދަނޑިފަޅު ކަނޑު އޮޅި އާއި ދަނޑިފަޅު ފިނޮޅު ސަރަހައްދުގެ އިތުރުން ޅ.ދަށުގިރި ފިނޮޅު ސަރަހައްދު މިއަދު ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ވަޒީރުންގެ ލަފާފުޅާއެކު ހިމާޔަތްކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ.
އޮންލައިންކޮށް ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހުށަހެޅުއްވި ކަރުދާހަކަށް ވަޒީރުން މަޝްވަރާކުރެއްވުމަށްފަހު ހިމާޔަތްކުރެއްވުމަށް ނިންމެވި 5 ސަރަހައްދަކީ ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާ ސަރަޙައްދުތަކެއް ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
މި ސަރަހައްދުތައް ކަނޑައެޅުމުގައި އެންމެ މުހިންމު އެއް އަސާސަކީ، ޒަމާނުއްސުރެ މީހުންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ މަޢުލޫމާތު (ޓްރެޑިޝަނަލް ނޮލެޖް) އާއި، ލިބެންހުރި ދިރާސާ ރިޕޯޓުތަކާއި، މަސްވެރިންނާއި، ދަނޑުވެރިންނާއި، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި، ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން ލިބުނު މައުލޫމާތުތައް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ޅ. އަތޮޅުގެ ދެ ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ކަމަށާއި، އެއީ 1995 ސެޕްޓެންބަރު 27 ގައި ހިމާޔަތްކޮށްފައިވާ ޅ.ފުށިފަރު ތިލަ ސަރަހައްދާއި، 1999 އޮކްޓޫބަރު 21 ގައި ހިމާޔަތްކޮށްފައިވާ ޅ.ކުރެއްދޫ ކަނޑު އޮޅި (ކުރެއެދޫ އެކްސްޕްރެސް) ސަރަހައްދު ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު މިއަދު ކެބިނެޓަށް ހުށަހެޅުއްވި ކަރުދާހުގައި ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ސަރަހައްދުތައް ހިމާޔަތްކުރުމަށް ހުށަހެޅީ ކަމާބެހޭ މިނިސްޓްރީތަކާއި، އިދާރާތަކާއި، އެކި ސިނާއަތްތަކާވެސް މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށްވެސް އެންވަޔަރަމަންޓު މިނިސްޓަރު ވިދާޅުވިއެވެ. އެ ތަންތަން ހިމާޔަތްކުރުމުގެ ކަންކަން ކުރިއަށް ގެންދަވާއިރު، ފާދިއްޕޮޅުގެ އުމްރާނީ ތަރައްގީއާ ގުޅޭ މަޝްރޫއުތަކަށް ހުރަސްނޭޅޭނެ ފަދަ ގޮތަކަށް ކަންކަން ހަމަޖައްސަވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި ކަމަށާއި އަދި އެތަންތަން ހިމާޔަތްކުރުމުން މިކަމުގެ ފައިދާ އަންނަން އޮތް ޖީލިތަކަށް ލިބުމާއެކު، އެކޯ ޓޫރިޒަމާއި، އިންޓަ ގްރޭޓެޑް ޓޫރިޒަމާއި، ދިރުން ހުރި އިގްތިސޯދީ ހަރަކާތްތަކަށް މަގުފަހި ވެގެންދާނެ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި ރައީސް އޮފީހުން ބުންޏެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި 1 ފަރާއި 1 ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދުގެ މަތިން މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިލަދުންމަތީގެ (ހއ، ހދ، ށ އަދި ނ އަތޮޅުގެ) 14 ސަރަހައްދަކާއި އައްޑޫ ސިޓީގެ 4 ސަރަހައްދަކާއި، ފުވައްމުލަކު އިރުދެކުނު ފަރާތުގައިވާ ފަރިކެޑަ ސަރަޙައްދު ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައަޅުއްވައި ގެޒެޓްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ