ޖީއެމްއާރުން ސަރުކާރަށް ދައްކާ ފައިސާ އިން 25 ޑޮލަރު އުނިކޮށް ފައިސާ ދައްކަން ސަރުކާރުން އެއްބަސްވެއްޖެ

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ މީހުން އަތުން ނަގާ އެއާޕޯޓް ޑިވަލޮޕްމަންޓް ޗާޖް (އޭޑީސީ)ގެ 25 ޑޮލަރާއި އަދި އިންޝުއަރެންސްގެ ދެ ޑޮލަރު ޖީއެމްއާރަށް ނުނެގޭނެތީ އެ ކުންފުނިން ސަރުކާރަށް ދައްކާ ކޮންސެޝަން ފީ އިން އެ ފައިސާ އުނިކުރަން ސަރުކާރުން އެއްބަސްވެއްޖެ އެވެ.
ތިން މަހުން އެއް މަހު ދައްކާ ކޮންސެޝަންފީ އިން އޭޑީސީގެ 25 ޑޮލަރުގެ އާމްދަނީ އާއި އިންޝުއަރެންސްގެ ތިން ޑޮލަރުގެ އާމްދަނީ އުނިކުރަން ޖީއެމްއާރުން އެއާޕޯޓްސް ކޮމެޕެނީ އަށް ހުށަހެޅީ 25 ޑޮލަރުގެ ފީ ނުނެގޭނެ ގޮތަށް ޖީއެމްއާރުގެ މައްޗަށް ސިވިލް ކޯޓުން މިދިޔަ ޑިސެމްބަރު މަހު ކުރި ހުކުމާ ގުޅިގެންނެވެ.
އެ މައްސަލައިގައި ފިނޭންސް މިނިސްޓަރު މުހަންމަދު ޝިހާބު މިއަދު ވިދާޅުވީ ކޮންސެޝަންފީ އުނިކުރަން ޖީއެމްއާރުން ހުށަހެޅި ގޮތަށް އެއްބަސްވީ ކޮންޝެސަންފީގެ ތެރޭގައި އެ ދެބައިގެ އާމްދަނީ ހިމެނޭތީ ކަމަށެވެ.
"އަޅުގަނޑުމެންނަށް ވެސް އެގްރިމެންޓާ އެއްގޮތަށް ދެއްތޯ ކުރިއަށް ގެންދެވޭނީ،" ޝިހާބު ވިދާޅުވި އެވެ.
އޭޑީސީގެ 25 ޑޮލަރާއި އަދި އިންޝުއަރެންސްގެ ތިން ޑޮލަރު ޖީއެމްއާރަށް ނެގެން ނެތުމުން ސަރުކާރަށް މަހެއްގެ މައްޗަށް ތިން މިލިއަނެއްހާ ޑޮލަރުގެ ގެއްލުން ސަރުކާރަށް ވާނެ ކަމަށާއި ސިވިލްކޯޓުގެ ހުކުމް ސަރުކާރުން އިސްތިއުނާފު ކުރަނީ އެހެން ވެގެން ކަމަށެވެ.
"މާކުރިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން މަޝްވަރާކޮށްފައި ނަގަން ފަށާފައި އޮތް އެއްޗެއް އެއީ އިންޝުއަރެންސް ފީއަކީ ވެސް. ކުރިން ޓެކްސްއަކަށް ނުވެފައި ކޯޓުން މިހާރު މި ވިދާޅުވީ އެއީ ޓެކްސް އެކޭ. އެހެންވީމާ އެކަން ގަބޫލު ކުރަން އުނދަގޫ. އެ މައްސަލައާ ހެދި ސަރުކާރަށް މިވަނީ ބޮޑު ގެއްލުމެއް. އެހެންވެ އެ މައްސަލަ އެޕީލް މި ކުރަނީ،" ޝިހާބު ވިދާޅުވި އެވެ.
މިއަހަރު ސަރުކާރަށް އެއާޕޯޓުން 33 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކުރާ އިރު ޖީއެމްއާރުން ލަފާކޮށްފައި ވަނީ އެއާޕޯޓް ބޭނުންކުރާ ނުވަ ލައްކަ މީހުންގެ އަތުން މަހަކު ދެ މިލިއަނެއްހާ ޑޮލަރު ލިބޭނެ ކަމަށެވެ. އެއީ އަހަރެއްގެ މައްޗަށް 24 މިލިއަން ޑޮލަރު ޖެހޭ ވަރުގެ އަދަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ