800 މިލިއަން ޑޮލަރުގެ ހިޔާނާތުގެ ތުހުމަތު ތަހުގީގުކުރުމަށް ގަރާރެއް ހުށަހަޅައިފި

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ އެއްބަފާ ކޮއްކޯފުޅު އަބްދުﷲ ޔާމީން ގުޅިގެން ހިންގަވާފައިވާ ކަމަށް، އިންޑިއާގެ ނޫހެއްގައި ތުހުމަތުކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރި އާއި ޚިޔާނާތުގެ މައްސަލަ ތަހުގީގުކުރުމަށް ދިވެހި ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.
ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާ މިއަދު ހުށަހެޅުއްވި އެ ގަރާރުގައި ބުނެފައިވަނީ މި މައްސަލައަކީ ކޮރަޕްޝަނާއި ކޮމާޝަލް ކްރައިމްގެ ތެރޭގައި ހިމެނޭ މައްސަލައެއް ކަމުގައިވުމާ އެކު، މި މައްސަލަ އެންމެ ފުޅާ ދާއިރާއެއްގައި ބަލައި ތަހުގީގުކޮށް ފިޔަވަޅުއަޅަން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅުއަޅަން ޖެހޭ ކަމެއް ކަމުގައި ދެކި، އެކަން ހާމަކުރުމުގެ ގޮތުން މި ގަރާރު ފާސްކޮށްދިނުމަށް އެދި މަޖިލިހަށް މި ގަރާރު ހުށަހެޅުއްވީ ކަމަށެވެ.
ގަރާރުގައި ބުނެފައިވާ ގޮތުގައި އިންޑިއާގެ ލިޔުންތެރިއެއް ކަމަށްވާ ސުމަން ޗަކްރަބަތީ، އިންޑިއާގެ މަޖައްލާއެއް ކަމަށްވާ ދަ ވީކްގައި ފެބްރުއަރީ ،20 2011ގެ އަދަދުގައި ލިޔުނު ރިޕޯޓާ ހަވާލާދީ މާޗް 25 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީން ފޮނުވި ޕްރޮގްރާމެއްގައި، އެ 800 މިލިއަން ޑޮލަރުގެ ވަގު ވިޔަފާރިއަކީ ރައީސް މައުމޫނާއި ޔާމީން ހިންގެވި ބޮޑު ޚިޔާނާތެއް ކަމަށް، އެ ލިޔުންތެރިޔާ، ކިތާބީ ހެކި ދައްކައި ވާހަކަ ދައްކާފައިވެ އެވެ. އަދި އެ ލިޔުން ތައްޔާރުކޮށްފައި ވަނީ މަޝްހޫރު އޮޑިޓް ފާމަކުން ކޮށްފައިވާ އޮޑިޓް ރިޕޯޓަކާ ހަވާލާދީ ކަމަށް ވެސް މުސްތޮފާގެ ގަރާރުގައި ބުނެފައިވެ އެވެ.
ގަރާރު ހުށަހެޅުއްވުމަށް ފަހު މުސްތޮފާ ވިދާޅުވީ ގަރާރު ހުށަހެޅުމުގެ ބޭނުމަކީ ބައެއް ގައުމުތަކުގައި ވެރިކަން ކުރި ބޭފުޅުން އެ ގައުމުތަކުގެ ދައުލަތުގެ ފައިސާ ނަގާފައިވުމުން އެ ފައިސާތައް އަނބުރާ ހޯދައި ދައުލަތަށް ނަގާފައިވާތީ، ރާއްޖޭގައި ވެސް އެފަދަ ކަމެއް ހިނގާފައިވާ ނަމަ އެ ފައިސާ އަނބުރާ ދައުލަތަށް ހޯދުން ކަމަށެވެ. އަދި މިހާ ގިނަ ދުވަހު ވެރިކަންކުރި ބައެއްގެ ފަރާތުން މިހާ ބޮޑު ޚިޔާނާތެއް ވެފައިވާ ނަމަ އެކަން ނުބަލައިފި ނަމަ އަންނަން އޮތް ޖީލުން މިހާރުގެ މީހުންނާ މެދު ނަފްރަތުކުރާނެ ކަމަށް ވެސް މުސްތޮފާ ވިދާޅުވި އެވެ.
ގަރާރު ހުށަހެޅުމަށް ފަހު ގަރާރާ ބެހޭ ގޮތުން ކުރި ބަހުސްގައި މިއަދު ވާހަކަ ދެއްކެވީ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހްމަދު ނިހާން އެކަންޏެވެ. އޭނާ ވިދާޅުވީ ރައީސް މައުމޫންގެ މައްޗަށް ތުހުމަތުކޮށް ލިޔުނު ޗަކްރަބަތީއަކީ "ފައިސާ އަށް ކިހާ ފަސޭހަ އިން އޭނާގެ ނަފްސު ވިއްކާލާ" މީހެއްކަން އެނގޭ ކަމަށެވެ. އަދި އޭނާއަކީ، ރައީސް މުހައްމަދު ނަޝީދު ކުރީގެ އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު އެމްޑީޕީން ބޭއްވި މުޒާހަރާއެއްގެ ތެރެއިން ވެސް ފެނިފައިވާ މީހެއް ކަމަށް ނިހާން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ