އައްޑޫ ޕަބްލިކް ހެލްތު ޔުނިޓް އިމާރާތަކަށް ކައުންސިލަކުން ބާރެއް ނުފޯރުވޭނެ: އެޗްއާރްއެޗް

މަރަދޫފޭދޫ ސިއްހީ މަރުކަޒު ހިންގަމުން ދަނިކޮށް ފަހުން އައްޑޫ ޕަބްލިކް ހެލްތުގެ ޔުނިޓްގެ ގޮތުގައި އައްޑޫ ސިޓީ ކައުންސިލުން ހަމަޖެއްސި އިމާރާތަކީ ހެލްތު މިނިސްޓްރީގެ ދަށުގައި ހުރި އިމާރާތެއް ކަމަށާއި އެތަނަކަށް ކައުންސިލުން ބާރެއް ނުފޯރުވޭނެ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އިން ބުނެފި އެވެ.
ހޮސްޕިޓަލުން މިހެން ބުނެފައި ވަނީ އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެސްޔޫއެލް އަށް އެންގެވި އެންގެވުމަކާ ގުޅިގެން ޕަބްލިކް ހެލްތު ޔުނިޓުން މިދިޔަ ބުރާސްފަތި ދުވަހު ކަރަންޓް ކަނޑާލުމާ ގުޅިގެންނެވެ.
އެހެން ނަމަވެސް ހޮސްޕިޓަލް މެދުވެރިވެގެން އެ އިމާރާތަށް އަލުން ވަނީ ކަރަންޓް ދީފަ އެވެ.
މިކަމާ ބެހޭ ގޮތުން އެޗްއާރްއެޗްގެ އޮފިޝަލަކު ވިދާޅުވީ "އައްޑޫ ޕަބްލިކް ހެލްތު ޔުނިޓް" ގެ ނަން ބޯޑް އަޅުވާފައިވާ އިމާރާތަކީ ހެލްތު މިނިސްޓްރީގެ ތަނެއް ކަމަށާއި އެތަން ބަލަހައްޓަމުން ގެންދާނީ ހޮސްޕިޓަލުން ކަމަށެވެ. އަދި އެތަނުގެ ކަރަންޓް ބިލް ވެސް ކުރިއަށް އޮތް ތަނުގައި ދައްކަމުން ގެންދާނީ ހޮސްޕިޓަލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ އިމާރާތުގެ ބޭނުން ކުރިއަށް އޮތް ތަނުގައި ހިފާނެ ގޮތަކާ ބެހޭ ގޮތުން ވާހަކަ ދެކެވެމުން އަންނަ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.
އައްޑޫ ޕަބްލިކް ހެލްތު މުވައްޒަފުން ކުރިން ކައުންސިލްގެ ދަށުގައި ތިބި ނަމަވެސް، ދާދިފަހުން ހެލްތު މިނިސްޓްރީން ގެނައި ބަދަލަކާ ގުޅިގެން އެ މުވައްޒަފުންތައް ވަނީ ކުރިއެކޭ އެއްގޮތަށް މިނިސްޓްރީގެ ދަށުން ހިންގާ ހެލްތު ކޯޕަރޭޝަނަށް ބަދަލުކޮށްފަ އެވެ.
މި ބަދަލާ ގުޅިގެން މަރަދޫފޭދޫގައި ހުރި ޕަބްލިކް ހެލްތު ޔުނިޓްގައި މަސައްކަތް ކުރަމުން ދިޔަ މަރަދޫ މުވައްޒަފުން ވަނީ އެ ރަށު ސިއްހީ މަރުކަޒަށް އަލުން ބަދަލުވެފަ އެވެ.
މިހާރު އެ އިމަރާތުގައި މަސައްކަތް ކުރަނީ މަރަދޫފޭދޫގެ ދެ ޕަބްލިކް ހެލްތު މުވައްޒަފުން އެކަންޏެވެ.
ސަރުކާރުން ގެނައި މި ބަދަލާ ގުޅިގެން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކައުންސިލުން ވަނީ ޕަބްލިކް ހެލްތު ޔުނިޓް ހިންގި އިމާރާތުގައި ސިއްހީ ހިދުމަތް ދޭ ޕްރައިވެޓް މަރުކަޒެއް ހިންގުމަށް ކުއްޔަށް ވެސް ދޭން އިއުލާންކޮށްފަ އެވެ. އެކަމާ ގުޅިގެން މިދިޔަ ޖުލައި މަހުގެ ތެރޭގައި ހެލްތު މިނިސްޓްރީން ވަނީ ކައުންސިލުން އެކަން ނުކުރުމަށް އަންގައިފަ އެވެ.
އެހެން ނަމަވެސް ޖުލައި މަހުގެ ތެރޭގައި އެތަން ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށް އިއުލާން ކުރުމުން، އެކަށީގެންވާ ވަރުގެ ތަރުހީބެއް ނުލިބުމުން ހެލްތު މިނިސްޓްރީގެ އެންގުމަށް ތަބާ ނުވެ ކައުންސިލުން ވަނީ ދެވަނަ ފަހަރަށް އެތަން ކުއްޔަށް ދިނުމަށް އޮގަސްޓް މަހުގެ ތެރޭގައި ވެސް އިއުލާންކޮށްފަ އެވެ.
ކައުންސިލަރު އަބްދުﷲ ތޮއްޔިބް މިއަދު ވެސް ވިދާޅުވީ "ދައުލަތުގެ އިމާރާތަކީ ކައުންސިލްގެ އިމާރާތެއް ކަމަށް ގަބޫލް ކުރައްވާ" ކަމަށެވެ. އަދި އެތަން ކުއްޔަށް ދީގެން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ލިބޭ، ބޭނުންތެރި ތަނަކަށް އެ އިމާރާތް ހެދުމުގެ ވިސްނުން ކައުންސިލުން ދޫކޮށް ނުލާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ