ޑރ. ޝަހީމް ޝޭހް އިމްރާނަށް: ހައްގު މިންވަރު ދިފާނެ ކަމަށް ދުށުމަކީ މޮޔަކަމެއް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އިން އަދާލަތް ޕާޓިއަށް ހައްގު މިންވަރު ދީފާނެ ކަމަށް ދުށުމަކީ މޮޔަކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
Advertisement
ޑރ. ޝަހީމް މިފަދައިން ވިދާޅުވެފައިވަނީ، ސަރުކާރުގެ ތެރެއިން އަދާލަތު ޕާޓީއަށް ހައްގުވާ މިންވަރު ލިބެން ޖެހޭނެ ކަމަށް  އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމާއި ގުޅިގެންނެވެ. ޑރ. ޝަހީމް އެމަނިކުފާނުގެ ފޭސްބުކްގައި ލިޔުއްވާފައިވާ ލިޔުއްވުމުގައި ވަނީ އިމްރާން އަރިހުގައި އެމްޑީޕީން ފުއްދާނެކަމަށްބުނި އެއްވެސް ވައުދެއް ފުއްދާފައިވޭތޯ ސުވާލު ކުރައްވާފައެވެ. "ރާއްޖޭގެ ވެރިކަން ފުރުޅާލަން ހެދި ކޯލިޝަން އެގްރީމެންޓް ކޮބާ؟ ކޮބާ 16 ޕަސެންޓް؟ ކޮބާ ހަތަރު ވަޒީރުން؟ ކޮބާ 16 މަޖިލިސް މެމްބަރުން؟ ކޮބާ މި ވެރިކަން ގެނައި ރާއްޖޭގެ ސިޔާސީ ހަތަރު މަޒުހަބުގެ ހަތަރު އިމާމުންގެ މަތީ މަޝްވަރާ؟ ކޮބާ މެނިފެސްޓޯގައި އަދާލަތުން ހިމެނި 33 ސިޔާސަތު؟ ކޮބާ އަދާލަތު މެމްބަރުންނަށް ލިބެންޖެހޭ ވަޒީފާތައް؟" ޑރ. ޝަހީމްގެ ފޭސްބުކް ޕޯސްޓްގައި ވެއެވެ. ޑރ. ޝަހީމް ވިދާޅުވީ، އަދާލަތުގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލި ބައެއް ފަރާތްތައް ނަން އަނބުރާ ނެގީ ސަރުކާރުން ވަޒީފާ ދޭނެކަމުގެ ޔަގީންކަން ދިނުމުންކަމަށެވެ. އެހެން ނަމަވެސް އެފަރާތްތައް ތިބީ ވަޒީފާއެއް ނުލިބިފައި ކަމަށާއި، އެފަރާތްތައް ހާލުގައި ޖެހެން ދޫކޮށްލީ ކީއްވެތޯ ޑރ. ޝަހީމް ސުވާލު ކުރައްވާފައިވެއެވެ. ޖެންޑާ މިނިސްޓަރުގެ މަގާމުން ޝިދާތާ އިސްތިއުފާ ދެއްވި މައްސަލައިގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވެފައިވަނީ އަދާލަތު ޕާޓީގެ ފަރާތުން ޝިދާތާގެ ދިފާއުގައި ހަރުދަނާ ބައެއް ބުނެފައިނުވާކަމަށެވެ.  އަދި އިމްރާން އެކަމުގައި ޓްވީޓް ކުރީ "މައްޔިތާއަށް ރަހުމަތްލެއްވުމަށް އެދި ދުއާކުރާ" މަގުންކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ. ޝަހީމް ވިދާޅުވީ ޝިދާތާ ވަކިވާންޖެހުނަށް އަދާލަތުޕާޓީގެ ހަރުދަނާ ނިންމުމެއް އޮންނަންޖެހޭނެ ކަމަށެވެ. "އެމްޑިޕީން އަދާލަތު ޕާޓީއަށް ހައްގު މިންވަރު ދީފާނެކަމަށް ދުށުމަކީ މޮޔަކަމެއް." ޑރ. ޝަހީމްގެ ޕޯސްޓްގައި ވެއެވެ. ޑރ. ޝަހީމް ވިދާޅުވެފައިވަނީ، ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތަށް ބޮޑެތި ގޮންޖެހުންތައް މެދުވެރިވަމުންދާއިރު އަދާލަތު ޕާޓީގެ އަސްލު އިސްލާމީ ޝަހްސިއްޔަތު ފެނިގެން ނުދާކަމީ ހިތާމަކުރާކަމެއްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ