އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަކީ މަޖިލީހުގެ އިހުތިޔާރުގައި އޮތްކަމެއް: ފާއިޒު

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގާ އެންގުންތަކާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރުމަކީ އެ މަޖިލީހުގެ އިހުތިޔާރުގައި އޮތް ކަމެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ވިދާޅުވެއްޖެއެވެ.
ކޮވިޑް 19އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި ވަނިކޮށް މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބާއްވަން ވަނީ ފަށައިފައެވެ. އަދި އަންނަ ބުރާސްފަތި ދުވަހު ލޮކްޑައުންގެ މުއްދަތު ހަމަވިޔަސް، އެ މުއްދަތަށް މަޑުކުރެވެން ނެތް ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަންގަވައިފައެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ ބައެއް މެންބަރުންނާއި އާންމުންގެ ފަރާތުން ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. ނަމަވެސް ހާއްސަ އިންތިޒާމުތަކެއްގެ ދަށުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު، މަޖިލީހުގެ ތަޅުމުގައި ޖަލްސާ ބާއްވަން އެޗްޕީއޭ އިން ފަހުން ހުއްދަ ދިނެވެ.
މަޖިލީހުގެ އެ ނިންމުމާ ގުޅިގެން ފާއިޒު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއަކީ ދައުލަތުގެ އެންމެ އިސްވެރިޔާ ނަމަވެސް ގާނޫނުއަސާސީގެ ދަށުން އެމަނިކުފާނު އިއުލާންކުރައްވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ދައުލަތުގެ އަނެއް ދެ ބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓުގެ މައްޗަށް ބަސްވިދާޅުވެ ގޮތް ކަނޑައެޅުމުގެ ބާރު ރައީސަކަށް ލިބިވަޑައިނުގަންނަވާ ކަމަށެވެ.
އެހެންކަމުން ދުސްތޫރީ މި މުއައްސަސާތައް، ކުއްލި ހާލަތު މެދުވެރިވުމުގެ ކުރިން ހިންގަމުން އައި ގޮތަށް މަސައްކަތުގައި ދެމިއޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ސަރުކާރު ބަންދުކުރެއްވުމަކީ ރައީސްގެ އިހްތިޔާރީ ބާރެކެވެ. ހަމައެގޮތަށް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ގެންދިއުމަކީ މަޖިލީހުގެ އިހްތިޔާރުގައި އޮތް ކަމެކެވެ،" ފާއިޒުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ކޮވިޑާ ގުޅިގެން އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތަކަށްފަހު، ގިނަދުވަސްތަކެއް ވަންދެން އޮންލައިންކޮށް މަޖިލީހުުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށްފަހު މިއަދު މަޖިލީހަށް މެންބަރުން ހާޒިރުވެ ތަޅުމުގައި ޖަލްސާ ބާއްވަން ނިންމީ މިހާރު ތިބި ކައުންސިލް މެންބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ސަރުކާރުން ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު އެޖެންޑާ ކުރުމުންނެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް މަޖިލިސް ނޫން ތަނެއްގައި ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ