ރައީސްގެ ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް، އިތުރު 36 ގައުމަކުން ކިޔެވުމުގެ ފުރުސަތު ލިބޭނެ: ރައީސް

ހައި އެޗީވާސް ސްކޮލާޝިޕް ހާސިލުކުރާ ދަރިވަރުންނަށް، މިއަދުން ފެށިގެން އިތުރު 36 ގައުމަކުން ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ 2018 ވަނަ އަހަރު ޖީސީއީ އޭ-ލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕާއި، ހައި އެޗީވާސް ސޮކްލާޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވުމަށް މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މީގެކުރިން ރައީސްގެ އެވޯޑް ލިބޭ ދަރިވަރުން ކިޔަވަންޖެހެނީ، ސަރުކާރުން ކަނޑައަޅާފައި ހުންނަ ދާއިރާތަކުގެ ތެރެއިން ކޮންމެވެސް ދާއިރާއަކުން ކަމަށެވެ. ނަމަވެސް ސަރުކާރުން މިހާރުވާނީ އެ އުސޫލަށް ބަދަަލު ގެނެސް، މިއަހަރުން ފެށިގެން ރައީސްގެ އެވޯޑް ލިބޭ ދަރިވަރުންނަށް، އެކުދިން ބޭނުން ދާއިރާއަކުން، އަދި ބޭނުން ގައުމެއްގައި ކިޔެވުމުގެ ފުރުސަތު ހޯދައިދީފައި ކަމަށެވެ.
''ދެން ސަރުކާރުން ބަދަލުގެނައީ، ހައި އެޗީވާސް ސްކޮލާޝިޕްގެ އުސޫލުތަކަށް. މީގެކުރިން ހައި އެޗީވާސް ސްކޮލާޝިޕް ދެމުން އައީ ވަކި ދާއިރާތަކަކުން އަދި ވަރަށްމަދު ގައުމުތަކަކުން. ނަމަވެސް ސަރުކާރުން މިހާރު ހަމަޖައްސާފައި ވާނީ އޯ.އީ.ސީ.ޑީ ގައުމުތަކުންވެސް އެ ދަރިވަރުންނަށް ކިޔެވޭގޮތަށް،'' ރައީސް ވިދާޅުވިއެވެ.
ރައިސް ވިދާޅުވީ ސަރުކާރުން މި ގެނައި ބަދަލާ ގުޅިގެން، ހައި އެޗީވާސް ސްކޮލާޝިޕް ހާސިލުލުކުރާ ދަރިވަރުންނަށް، އިތުރު 36 ގައުމަކުން ކިޔެވުމުގެ ފުރުސަތު ލިބިގެންދާ އިރު، އޭގެ ތެރޭގައިވެސް ގިނައީ، ޔޫރަޕްގެ ގައުމުތަކާއި، އެމެރިކާ އާއި، އޭޝިޔާގެ ކުރިއަރާފައިވާ އެހެން ބައެއް ގައުމުތައް ކަމަށެވެ.
އަދި މި ދެ ބަދަލަކީވެސް ޒުވާން ޖީލު ބިނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި އަދި ދަރިވަރުންނަކީ ކިޔަވާކުދިން ކަމުގައިވިޔަސް، ގައުމު ބިނާކުރުމުގައި، ދަރިވަރުންނަށް ވަރަށް މުހިންމު ދައުރެއް އަދާކުރެވޭނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
''ތިޔަ ދަރިވަރުން ނޫނަސް، މަތީ ތައުލީމުގެ މަރުހަލާއާ ކުރިމަތިލާ ކޮންމެ ދަރިވަރަކަށް، މީގެ ކުރިން ނެތް އެތައް ފުރުސަތެއް، މި ސަރުކާރުން ވާނީ ތަނަވަސްކޮށްދީފައި. އޭގެތެރެއިން އެއްކަމަކީ، ރާއްޖޭގައި ތިބެގެން، ހިލޭ ފުރަތަމަ ޑިގްރީ ހާސިލު ކުރެވޭނެގޮތް ހަމަޖެހުން. އަނެއްކަމަކީ ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް، ތިން އިންސައްތައަށް ކުޑަކޮށް، ލޯނު ދައްކަންޖެހޭ މުއްދަތު 25 އިންސައްތައަށް އިތުރުކުރުން.'' ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ ތައުލީމީ ދާއިރާއަށް މިފަދަ ބަދަލުތައް ސަރުކާރުން ގެންނަނީ، ހަމައެކަނި އިންތިޚާބީ ވައުދުތަކެއް ފުއްދަން ނޫން ކަމަށާއި އަމާޒަކީ ރާއްޖެ ތަރައްގީ ކުރުން ކަމަށެވެ. އަދި އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ގައުމު ތަރައްގީ ވާނީ، ގައުމުގެ ވަކިވަކި ފަރުދުންނަށް ލިބޭ ކުރިއެރުންތަކުން ކަމަށާއި ކުރިއެރުމާއި ތަރައްގީ ހާސިލުކުރެވޭ ވަރަށް، ކޮންމެ ފަރުދެއްގެ އިލްމީ ގާބިލުކަން އިތުރުކުރެވުނު މިންވަރަކުން ކަމަށް ވެސް ވިދާޅުވިއެވެ.
އިލްމު އުނގެނުމުގެ އެންމެ މުހިންމު މަގުސަދަކަށް ހަދަންވާނީ ކޮންމެ ކަމެއްގައިވެސް އަދުލުވެރިކަމާއި އިންސާފުގެ އުސޫލުތައް ނެގެހެއްޓުމާއެކު، ރިވެތި އަހުލާގީ ހަމަތައް ހިފެހެއްޓުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ