ދުންފަތާ ދުރުކޮށްދޭ ހެލްތު އޮފިސަރު

ށ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތްކުރާ އަޙުމަދު ޒާހިދު ޙުސައިން (ޒާހިދު) އަކީ ދުންފަތާ ދެކޮޅު ވަރުގަދަ ކެމްޕޭނެއް ސޯޝަލް މީޑިއާގައި ހިންގަމުންދާ ކޮމިޔުނިޓީ ހެލްތު އޮފިސަރެކެވެ.
އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ޑަބްލިޔުއެޗުއޯއާއި އެޗުޕީއޭއިން ވަނީ އޭނާއަށް އެވޯޑު ވެސް ދީފައެވެ. އެއީ މިމައްސައްކަތުގައި ދެމިހުރުމަށް އޭނާއަށް ލިބުނު ހިތްވަރެކެވެ.
ޒާހިދުގެ މަޤުސަދަކީ މުޅި މިޖުތަމަޢު ދުންފަތާ ދުރުކުރުމެވެ. ދުންފަތުގެ ނުރައްކާ މީހުންނަށް އެކިގޮތްގޮތުން ބުނެދީ އެއާ ގާތްނުވުމަށާއި އޭގެ ބޭނުންކުރާ މީހުން އެކަން ހުއްޓާލުމަށް އޭނާ ގެންދަނީ ހިތްވަރު ދެމުންނެވެ. އޭނާގެ މި މަސައްކަތަށް ބައެއް އެކުވެރިންގެ އެހީތެރިކަން ލިބިފައެވެ. އެއީ "އަހަރެންގެ އަޑު" ނަމުގައި ކުރިއަށް ގެންދާ ބައިންނެވެ. އެ އަޑު އިއްވަން މަސައްކަތް ކޮށްފައިވަނީ ސިޔާސީ ބޭފުޅުންނަށާއި ސަރުކާރުގެ އިސް ބޭފުޅުންނަށެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ކަމެއް މާލޭ ސިޓީގެ މަގުމަތީގައި ދުންފަތުން އިސްތިޢުމާލު ނުކުރެވޭ ގޮތަށް ހެދުމަށް ސިޓީ ކައުންސިލުން ނިންމެވުމުން. އެއީ އަޅުގަނޑުމެންގެ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމަކާއި ހިތްވަރެއް،" ޒާހިދު ބުންޏެވެ.
"ޓޮބޭކޯ ފްރީ މޯލްޑިވްސް" ގެ ނަމުގައި އޭނާ މި ކެމްޕޭންފެށީ 2012 ވަނަ އަހަރުއެވެ. މި ކެމްޕޭނުގައި މިހާތަނަށް 795،650 އަށްވުރެ ގިނަ މީހުންނަށް މަޢުލޫމާތުދީ ހޭލުންތެރި ކޮށްފައިވާނެއެވެ.
ޒާހިދުގެ މަސައްކަތުން އެތައް ބަޔަކަށް ވަނީ ދުންފަތާ ބެހޭ ރަނގަޅު މަޢުލޫމާތު ލިބި އެއާ ދުރަށް ދިޔުމަށް ހިތްވަރު ލިބިފައެވެ. "ބައެއް މީހުން ދުންފަތާ ދުރުވުމަށްފަހު މެސެޖު ކޮށްފައި ބުނާނެ ތިމަންނަ ދުންފަތް ހުއްޓާލައިފީމޭ. އެއީ ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް. އަޅުގަނޑު އެދެނީ އެގޮތަށް ހުއްޓާލާ މީހުން ވެސް އެހެން މީހުންނަށް މަޢުލޫމާތުދީ ދުންފަތާ ދުރުކުރުމަށް މަސައްކަތްކުރުން،" ޒާހިދު ބުންނެވެ.
ޒާހިދުގެ މިހާރުގެ ކަންބޮޑުވުމަކީ ދުންފަތާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބައެއް ބިލްތައް އަދިވެސް ތަސްދީގު ކޮށްފައި ނުވުމެވެ. އޭނާ ޤަބޫކުރާ ގޮތުގައި އެކަމުގެ ފަހަތުގައި ބާރުގަދަ ފަރާތްތަކެއް ތިބުން އެކަށީގެންވެއެއެވެ. ރައްޔިތުން ނުރައްކަލަކުން ސަލާމަތް ކުރުމަށް ފާސް ކުރައްވައިފައިވާ ބިލްތައް ތަސްދީގު ނުކޮށް އެއްވެސް ސަރުކާރަކުން ހިފެހެއްޓިގެން ނުވާނެއެވެ. އެފަދަ ކަންކަމުގެ ތެރެއަށް ބާރުގަދަ ފަރާތްތަކެއް ވަނުމުގެ ފުރުސަތު ވެސް ދީގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮންމެ ގޮތެއް ވިޔަސް އޭނާ ހުރީ ދޫކުރާގޮތަކަށް ނޫނެވެ. ދުންފަތުގެ ވަބާއިން އެންމެން ސަލާމަތްކޮށް ހޭލުންތެރި ކުރުމަށް ކުރަމުންދާ މަސައްކަތް އޭނާ ހުއްޓައެއް ނުލާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ