ފައިދާނުވެ، ގެއްލުން އިތުރުވާތީ ޕީއެސްއެމްއިން މުވައްޒަފުން މަދުކުރަން ލަފާދީފި

ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ފައިދާ ނުވެ ގެއްލުން ބޮޑުވަމުން ދާތީ އެ ކުންފުނިން ވީހާވެސް އަވަހަށް މުވައްޒަފުން މަދު ކުރުމަށް ފިނޭންސް މިނިސްޓްރީގެ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެ ކުންފުންޏަށް ލަފާދީފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިދިޔަ އަންގާރަ ދުވަހު ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މި އަހަރުގެ ފުރަތަމަ ކްއާޓަރުގެ މާލީ ރިޕޯޓު ނެރެފައެވެ. އެ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 11.9 މިލިއަން ރުފިޔާގައި ހުރި ޕީއެސްއެމްގެ އާމްދަނީ ވަނީ 6.17 މިލިއަން ރުފިޔާ އަށް ވެއްޓިފަ އެެވެ. އެއީ 5.74 މިލިއަން ރުފިޔާގެ ދަށް ވުމެކެވެ. އަދި ކުންފުނީގެ ހިދުމަތްތައް ދިނުމުގައި ކުރި ހަރަދު މިދިޔަ އަހަރުގެ ފަހު ކުއާޓަރަށް ވުރެ 18.26 މިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ.
އެކަމުގެ ސަބަބުން ކުންފުނީގެ ގެއްލުން ވަނީ ދެ ގުނަ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 21.85 މިލިއަން ރުފިޔާގެ ގެއްލުމުގައި ހުރި ޕީއެސްއެމް މިހާރު ވަނީ 45.84 މިލިއަން ރުފިޔާގެ ގެއްލުންވެފައެވެ.
ޕީއެސްއެމްގެ ދަރަނީގެ ގޮތުގައި 89 މިލިއަން ރުފިޔާގައި ހުރިއިރު، އެ ދަރަނި އަދާކުރުމަށް އުނދަގޫވާ ކަމަށްވެސް ވެސް ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ. އަދި ކުންފުނީގެ ހިއްސާދާރުންގެ އެހީ އާ ނުލާ އެ ކުންފުނި ހިންގުމަށް ދަތިވާނެ ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ޕީސީބީން ޕީއެސްއެމްއަށް ދީފައިވާ ލަފާތަކުގެ ތެރޭގައި ވަނީ ޕީިއެސްއެމްއަށް ލިބެންޖެހޭ ފައިސާ ވީ އެންމެ އަވަހަކަށް ހޯދުމާއި ސަޕްލަޔަރުންގެ ގުޅުން މިހާރަށްވުރެ ރަނގަޅުކޮށް ދަރަނީގެ މުއްދަތު އިތުރުކުރުމަށް މަސައްކަތް ކުރުމަށެވެ. އަދި، ވިޔަފާރީގެ މޮޑެލް ހަރުދަނާކޮށް، ދެކޮޅު ޖެހޭ އުސޫލެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ޕީސީބީން ވަނީ ޕީއެސްއެމްއަށް ލަފާ ދީފައެވެ. އަދި ވީ އެންމެ އަވަހަކަށް މުވައްޒަފުން މަދު ކުރުމަށްވެސް ޕީސީބީން ޕީއެސްއެމްއަށް ވަނީ ލަފާ ދީފައެވެ.
ޕީއެސްއެމްއިން ވަނީ ދާދިފަހުންވެސް އެކުންފުނިން އަތޮޅުތަކުގައި ހުޅުވާފައި ހުރި މީޑިއާ ސެންޓަރުތަކުގައި ތިބި ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަކިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ