ޖޭޕީގެ ނާއިބުރައީސްގެ މަގާމު ސައުދު ކާމިޔާބުކުރައްވައިފި

ޖުމްހޫރީ ޕާޓީން ހުސްވެފައިވާ ނާއިބުރައީސްގެ މަގާމަށް ކުރީގެ ރަޖިސްޓްރާ އަހުމަދު ސައުދު އިންތިޚާބު ކޮށްފިއެވެ.
ޖޭޕީގެ ކައުންސިލް މެންބަރު އަހުމަދު ސައުދު މިމަގާމަށް އިންތިޚާބު ކުރީ ޖުމްހޫރީ ޕާޓީން މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައެވެ.
ޖުމްހޫރީ ޕާޓީގެ ނާއިބުރައީސްކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން އެކަމަށް ހަތަރު ބޭފުޅަކު ކުރިމަތިލެއްވިއެވެ. އެއީ މި މަގާމަށް މިރޭ އިންތިޚާބުވެވަޑައިގަތް ސައުދުގެ އިތުރަށް ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު ހުސައިން ޝަހުދީއާއި، އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދާއި، މަޝްހޫރު ކުޅިވަރު ކުޅުންތެރިޔާ މަރިޔަމް ނާޒިމާއެވެ.
ޖުމްހޫރީ ޕާޓީގެ ނާއިބުރައީސްކަމުގެ މަގާމު ހުސްވީ މިދިޔަ އަހަރު ބޭއްވި ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި އެޕާޓީގެ ނާއިބުރައީސްކަމަށް އިންތިޚާބުކުރި ޑރ. އަބްދުﷲ މައުސޫމު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޑރ. މައުސޫމް އެމަގާމުން އިސްތިއުފާދެއްވީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.
ނާއިބުރައީސްގެ މަގާމުގެ އިތުރަށް އެހެން ބައެއް މަގާމުތަކަށް ވެސް މިރޭގެ ކައުންސިލް ބައްދަލުވުމުގައި ވަނީ މެންބަރުން އިންތިޚާބު ކޮށްފައެވެ. އެގޮތުން އިސްތިއުނާފު ކޮމިޓީގެ ޗެއާގެ މަގާމަށް އިންތިޚާބުވެވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ކުރީގެ މެންބަރު ހުސައިން މުހައްމަދެވެ. އިސްލާމިކް ކައުންސިލުގެ ޗެއާގެ މަގާމަށް އިންތިޚާބު ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ ކުރީގެ މެންބަރު އަލްއުސްތާޒު މޫސާ ނިޒާރު އިބްރާހީމެވެ.
ޖުމްހޫރީ ޕާޓީގެ މަގާމުތަކަށް އިންތިޚާބުވެވަޑައިގެންފައިވާ ބޭފުޅުންނަށް ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ޕާޓީގެ އެހެނިހެން އިސް ބޭފުޅުން ވަނީ މަރުހަބާ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ