ކޮރަލް ބޮލެވާޑްގެ މައްސަލަ: ބުކިންގް ފީ ދީ، ފްލެޓު ގަތް މީހުންނަށް ފައިސާ ދޭން މަޝްވަރާކުރަނީ

މާލޭ ރަސްފަންނު ސަރަހައްދުގައި އަޅަން ނިންމި ކޮރަލް ބޮލެވާޑްގެ ފުލެޓްތަކަށް ބުކިން ހެދި މީހުންނަށް އެ ފައިސާ އަނބުރާ ދައްކައި، އަދި ފްލެޓް ގަތް މީހުންނަށް ފައިސާ ދިނުމާ މެދު ހައުސިންގް މިނިސްޓްރީއާ މަޝްވަރާ ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ. އެހެން ބުނެފައި ވަނީ އެ ކުންފުނީގެ ލޯޔަރުން މިއަދު ސަން އަށް ފޮނުވި ސިޓީއެއްގަ އެވެ. ނަމަވެސް އެ ސިޓީގައި ފައިސާ އަަނބުރާ ދިނުމަށް ހިންގާ މުއާމަލާތުގެ ތަފުސީލެއް ނުދެ އެވެ. ރަސްފަންނު ސަރަހައްދުގައި 28 ބުރީގެ ހަތަރު ޓަވަރު ހަދަން މިދިޔަ ސަރުކާރުން ފެށި 220 މިލިއަން ރުފިޔާގެ އެ މަޝްރޫއު މި ސަރުކާރުން ވަނީ ހުއްޓުވައިފަ އެވެ. މާލޭގައި ތޮއްޖެހުން ކުޑަކުރުމަށް އިތުރު އިމާރާތްތައް ނޭޅުމަށް ސަރުކާރުން ސިޔާސަތަށް ގެނައި ބަދަލާ އެކު އެ މަޝްރޫއު މާލޭގައި ނުހިންގައި ހުޅުމާލެއަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމި އެވެ. އެ ކުންފުނިން ވަނީ އޭރު ބައެއް ފަރާތްތަކަށް ފްލެޓް ވިއްކައި، މިލިއަނުން ޑައުންމޭންޓްގެ ގޮތުގައި ފައިސާ ވެސް ނަގައިފަ އެވެ. އެ ފަރާތްތަކުން އެ ކުންފުންނާ އެކު މުއާމަލާތް ނުކުރެވޭތީ އެ ފަރާތްތަކުން ވަނީ ކުންފުނިން ފައިސާ ނެގުމަށް ފަހު "ފިލާފައިވާ" ކަމަށް ތުހުމަތުކޮށްފަ އެވެ. https://sun.mv/120539 ނަމަވެސް ކޮރަލް ބޮލެވާޑް ކުންފުނިން އެ ތުހުމަތު ދޮގުކުރެ އެވެ. "ސަން"ގައި ޖެހި ޚަބަރަކާ ގުޅިގެން ކޮރަލް ބޮލެވާޑް ކުންފުންޏާ ހަވާލާދީ، އެ ކުންފުނީގެ ލޯ ފާމް "މަޒްލާން އެންޑް މުރާދު ލޯ އެސޯސިއެޓްސް"އިން މިއަދު "ސަން" އަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ކޮރަލް ބޮލެވާޑާ އެކު އެ ކުންފުނީގެ ކަސްޓަމަރުންނަށް މިހާރު ވެސް ވާހަކަ ދެއްކޭނެ ކަމަށެވެ. "ކުންފުނީގެ ފޯނު ލައިންތައް ގުޅޭނެ. އަދި ކުންފުނީގެ އެ އޮފީސް އަދި ވެސް އަންނަނީ ހިންގަމުން. ކަސްޓަމަރުންނަށް އޮފީހުން ބައްދަލުކުރެވޭނެ،" ސަން ގައި ޖެހި ހަބަރު ދޮގު ކޮށް މަޒްލާން އެންޑް މުރާދް ލޯ ފާމް އިން ފޮނުވި ސިޓީގައި ބުނެފައިވެ އެވެ. މިދިޔަ ހަފްތާގައި ސަންގެ ނޫސްވެރިން މާލޭގައި ހުންނަ އެ އޮފީހަށް ދިޔަ އިރު އެ އޮފީސް ބަންދުކޮށްފައި ހުންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށް އޮފީހުގައި އިން ކޮރެލް ބޮލެވާޑް ކުންފުނީގެ ސެކިއުރިޓީ ގާޑު ބުންޏެވެ. އަދި އެ ކުންފުނީގެ ފޯން ލައިންތަކަށް ހަފްތާއެއް ވަންދެން ގުޅުމުން ފޯނުގެ ހިދުމަތްތައް ވަނީ ކަނޑާލައިފަ އެވެ. "ބުކިން ހެދި ފަރާތްތަކަށް މިހާރު ވަނީ ފައިސާ ރީފަންޑް ކޮށްދީފައި. އަދި ފްލެޓް ގަތް ފަރާތްތަކަށް ކޮރެލް ބޮލެވާޑް ކުންފުނިން ދަނީ ވާހަކަ ދައްކަމުން. މިނިސްޓްރީއާ އެކު މިހާރު ކުރިއަށްދާ މަޝްވަރާތަކުގެ އެންމެ ފަހުގެ މައުލޫމަތު ވަނީ ފްލެޓު ގަތް ފަރާތްތަކަށް އަރުވާފައި،" ސިޓީގައި ބުނެފައިވެ އެވެ. ސިޓީގައި ބުނެފައި ވަނީ، ސަރުކާރުން ފްލެޓު އަޅަން ނިންމި ސަރަހައްދު ހުޅުމާލެއަށް ބަދަލުކުރުމަށް ނިންމުމާ ގުޅިގެން ފްލެޓު ގަތް ފަރާތްތަކާ މެދު ކުންފުންޏާ އެކު ވެވުނު އެއްބަސްވުމުގައި ހިމެނޭ ކަންކަން ނުކުރެވޭނެތީ ރާއްޖޭގެ ގާނޫނުތަކުގެ ދަށުން އެ އެގްރިމަންޓް މިހާރު އުވާލެވިފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން މިދިޔަ މަހު 27 ވަނަ ދުވަހު ހައުސިން އެންޑް އާބަން ޑިވަލޮޕްމަންޓް މިނިސްޓީރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރު ވިދާޅުވީ، ކޮރަލް ބޮލެވާޑް ކުންފުނި ނުފިލާ ކަމަށާއި އެ މަޝްރޫއުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މިނިސްޓްރީއާ މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. އަދި އެކުންފުނިން ފްލެޓު ގަތް ނުވަ ފަރާތަކުން ކުންފުންޏާ ނުގުޅިގެން އުޅޭ ޝަކުވާއެއް މިނިސްޓްރީއަށް ލިބިފައި ނުވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. https://sun.mv/120987 އެ މައްސަލައަށް ފައިސާ ދެއްކި ފަރާތްތަކަށް ރަނގަޅު ހަލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު އާތިފާ ވިދާޅުވި އެވެ. "އިންވެސްޓާއަށް ދެއްކި ފައިސާ އެއީ. [ފައިސާ ދެއްކި ފަރާތްތަކުން އެދޭނަމަ] އަޅުގަނޑުމެން މެދުވެރިވެދޭނަން، އެ މައްސަލަ ހައްލު ކުރުމަށް. އެ ފަރަތްތަކާ މެދު ވީ އެންމެ ރަނގަޅު ގޮތަކީ ކޮބާތޯ ބަލަން،" މިނިސްޓަރު ވިދާޅުވި އެވެ. ކޮރަލް ބޮލެވާޑް ކުންފުންޏަށް ކުރިން ދިން ބިމަށް ވުރެ ބޮޑު ބިމެއް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން ހުޅުމާލެއިން 129،000 އަކަ ފޫޓުގެ ބިމެއް ދިނުމަށް ވަނީ ނިންމާފަ އެވެ. ނަމަވެސް ހުޅުމާލެއިން ބިމެއް ދޭނެ ތަނެއް އަދި ކަނޑައަޅާފައި ނުވެ އެވެ. ކޮރަލް ބޮލެވާޑް ކުންފުންޏަކީ އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް ހެދި، ސިންގަޕޫރުގެ ޗަންގް ހުއާ ކޮންސްޓްރަކްޝަންގެ ސަބްސިޑަރީ ކުންފުންޏެކެވެ. އެ ކުންފުނިން އަންނަނީ، އދ. އަތޮޅުގައި ރެޑިސަން ބްލޫ ރިސޯޓު މޯލްޑިވްސްގެ ނަމުގައި ރިސޯޓެއް ވެސް ތަރައްގީ ކުރަމުންނެވެ. ކޮރަލް ބޮލެވާޑްގެ ޓަވަރުތައް ރަސްފަންނު ސަރަހައްދުގައި ތަރައްގީ ކުރަން ނިންމާފައި އޮތީ، އެންމެ މަތީ ފެންވަރުގަ އެވެ. އަދި އެ ޓަވަރުތަކުގައި ކޮމާޝަލް ސްޕޭސްތައް ވެސް ހެދުމަށް އޮތީ ރާވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ