ރާއްޖެ އަންނަ ބޭރުގެ ޝޭހުންނާ ގުޅޭގޮތުން ނަޝީދު ސުވާލު އުފައްދައިފި

ބޭރު ޝޭހުންނަށް ހެދިގެން އަންނަ ފަރާތްތަކަށް ރާއްޖެ އައުމަށް ވިސާ ދިނުން ބުއްދިވެރި ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްރީލަންކާގެ އެކި ސަރަހައްދުތަކަށް ދިން ބޮމުގެ ހަމަލާގައި އިސްކޮށް ހުރި ޒަހްރަން ހާޝިމް 2016 ވަނަ އަހަރު ދީނީ ދަރުސް ދިނުމަށް ކަމަށް ބުނެ އެހެން ނަމެއްގައި ރާއްޖެ އައިސްފައިވާކަން ނުވަތަ ނޫންކަން ސާފު ނުވާ ކަމަށެވެ. އަދި ބޭރު ޝެއިހުންނަށް ހެދިގެން އަންނަ މީހުން ރަނގަޅަށް ސާފުނުވެ، އެފަދަ ފަރާތްތައް ރާއްޖެ އައުމަށް ވިސާ ދިނުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. ނަޝީދު މިގޮތަށް ވިދާޅުވެފައި މިވަނީ، ރޯދަ މަހާ ދިމާކޮށް ރާއްޖެ އަންނަ ބޭރުގެ ހާފިޒުންނާއި ގާރީންނަށް ވިސާ ދޭ އުޞޫލަށް ބަދަލުތަކެއް ގެނެސް ހާއްސަ ހުއްދައެއް ނަގަން ޖެހޭ ގޮތަށް ވިސާ ދިނުމުގެ އުސޫލު އިމިގްރޭޝަނުން ހަރުކަށި ކޮށްފައިވާ ދަނޑިވަޅެއްގައެވެ. ޒަހްރާން ރާއްޖެ ނާންނަކަން ސާފުވެފައި ނުވާ ކަމަށް ނަޝީދު ވިދާޅުވިއިރު، ލަންކާގެ ބައެއް މީޑިއާތަކުން ވަނީ އޭނާ މީގެ ކުރިން ރާއްޖެ އައިސްފައިވާ ކަމަށް ރިޕޯޓު ކޮށްފައެވެ. ނަމަވެސް އިމިގްރޭޝަނުން ވަނީ އެކަން ދޮގު ކޮށްފައެވެ. އެގޮތުން އިމިގްރޭޝަނުން އޭރު ބުނެފައިވަނީ ވޭތުވެދިޔަ ފަސް އަހަރުވެސް އަދި އޭގެ މާ ކުރިންވެސް ޒަހްރާން ރާއްޖެ އައިސްފައިނުވާ ކަމަށާއި އޭނާ ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް އައި ކަމަށް ބުނެ ބައެއް މީޑިއާއިން ދައްކާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. ނަޝީދު މިފަދަ މޭރުމަކުން ވާހަކަ ދެއްކެވިއިރު ކޮންމެ އަހަރެއްގެ ރޯދަ މަހާއި ދިމާކޮށް ތަރާވީސް ނަމާދު ކުރުމަށް ބޭރުގެ ޝޭހުންނާއި ހާފިޒުން ރާއްޖެ ގެންނަކަން ފާހަގަކޮށްލެވެއެވެ. އެހެންނަމަވެސް މި ސަރުކާރުން ވަނީ ބޭރުގެ ޝޭހުންނާއި ހާފިޒުން ދީނީ ވައުދު ވިދާޅުވުމަށް ނުގެންނަ ގޮތަށް ނިންމަވާފައެވެ. ދީނީ ވައުދު ވިދާޅުވުމަށް ރާއްޖެ އަންނަ ބޭރުގެ ދީނީ އިލްމުވެރިންނާ މެދުގައި ނަޝީދު ސުވާލު އުފެއްދެވިއިރު، އިސްލާމް ދީނުގެ ނަމުގައި ހިންގަމުން މިދާ ކަންކަމަށް ބަލާ، ރާއްޖޭގެ މުސްތަޤްބަލް ސަލާމަތް ކުރުމަށްޓަކައި މިވަގުތު އެންމެ މުހިންމު ކަމަކީ ރާއްޖޭގެ މަދަރުސާތަކުގެ މުޤައްރަރު އިސްލާހު ކުރުން ކަމަށްވެސް ދާދި ފަހުން ނަޝީދު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ