ޖަސިންޑާ އާޑާން : މުސްލިމުންގެ ހިތްތައް ފަތަހަ ކޮށްފި

ޖަސިންޑާ އާޑާން އަކީ ނިއުޒީލޭންޑްގެ ބޮޑުވަޒީރެވެ. އެކަމަނާއަކީ މުސްލިމެއް ނޫނެވެ. އެހެންނަމަވެސް މިދިޔަ. ހުކުރު ދުވަހު ނިއުޒީލޭންޑްގެ ކްރައިސްޗާޗުގެ ދެ މިސްކިތެއްގައި އަޅުކަން ކުރަންތިބި ބަޔަކަށް ހައްދު ފަހަނައަޅާފައިވާ އޮސްޓްރޭލިޔާގެ މީހަކު ދިން ބަޑީގެ ހަމަލާތަކުން 50 މުސްލިމުން ޝަހީދު ކޮށްލި ހާދިސާއަށް ފަހު ބޮޑުވަޒީރު ޖަސިންޑާ އާޑާން ވެފައިވަނި ދުނިޔޭގެ އެކި ކަންކޮޅުގައި ތިބި ބިލިއަން މުސްލިމުންގެ ހިތްތަކުގެ ރާނީއަށެވެ. އެ ހާދިސާ އަށް ފަހު މުސްލިމުންނާ ބެހެއްޓެވި ގާތްކަމާ މުސްލިމުންނަށް ކުރެއްވި މަތިވެރި ގަދަރާ އިހްތިރާމްގެ ސަބަބުންނެވެ.
މިއުދުވާނީ ހަމަލާ ހިނގިތާ މަދު މިނިޓް ކޮޅެއްގެ ތެރޭގައި އެކަމަނާ ކްރައިސްޗާޗަށް ވަޑައިގެންނެވިއެވެ. އެއިރު އެކަމަނާ ހުންނެވީ ބުރުގާ އަޅުއްވައިގެންނެވެ. ޝަހީދު ކޮށްލި މުސްލިމުންގެ އާއިލާތަކާ އެކުގައިކަން ، ދެއްކެވުމުގެ ގޮތުންނެވެ.
އުދުވާނި ހަމަލާ އަށް ފަހު ހޯމަ ދުވަހު ބޭއްވި ޕާލަމެންޓުގެ ބައްދަލުވުން ކީރިތި ގުރުއާނުގެ ބަރަކާތުން ފެއްޓެވުމަށްފަހު ބޮޑުވަޒީރު އާޑަންގެ ވާހަކަފުޅު ވެސް ފެއްޓެވީ އަރަބި ބަހުން އައްސަލާމް އަލައިކުމް ވިދާޅުވުމަށް ފަހު އެވެ. އެއަށްފަހު އެކަމަނާ ވާހަކަ ދައްކަވަމުން މުސްލިމުންނަށް ހަމަލާ ދިން މީހާގެ ނަން ވިދާޅުވުމަށް ވެސް ބޭނުންފުޅުނުވާ ކަމާއި އެއީ ޓެރަރިސްޓެއްކަމާއި ބޮޑު މުޖްރިމެއްކަމަށް ވިދާޅުވެ މީގެ ފަހުން އެމުޖްރިމުގެ ނަމުން މުޚާތަބު ނުކުރާނެކަމަށް ވިދާޅުވެ ކީރިތިފުޅު ކުރެއްވިއެވެ.
މިއަދަކީ އޭގެ ފަހުން އައި ފުރަތަމަ ހުކުރު ދުވަހެވެ. ނިއުޒީލޭންޑްގެ ރައްތިރުން ތިބީ ޝަހީދުވި މުސްލިމުންނާ އެކުގައި ކަން އެންގުމުގެ ގޮތުން މިއަދު ވަނީ ގައުމީ ޓީވީގެ އިތުރުން ހުކުރު ނަމާދުގެ ބަންގީގެ އަޑުއެހުމަށް އެތަކެއް ހާސް ބަޔަކު އެ ސަރަހައްދަށް ޖަމާވެފައެވެ. މީގެ އިތުރުން  މަރުވި މީހުންގެ ހަނދާނުގައި ގެނައި ދެ މިނެއްޓުގެ ސުކޫތުގައި ނިއު ޒީލެންޑުގެ އެކި ކަންކޮޅުތަކުން މީހުން ވަނީ ކްރައިސްޓްޗާޗަށް ދަތުރުކޮށްފަ އެވެ.
“އެއް ގުނަވަނަކަށް ލިބޭ އަނިޔާ މުޅި ހަށިގަނޑަށް އިހުސާސްކުރެވޭ. މި ހިތާމައިގާ މުޅި ނިއު ޒީލެންޑް ބައިވެރިވޭ. އަހެރެމެން އެންމެން ނަކީ އެއް ބައެއް،” ކަޅު ކުލައިގެ ބުރުގާ އެއް އަޅައިގެން ހުންނަވައި އާޑާން ވިދާޅުވި އެވެ.
ބޮޑުވަޒީރުގެ އިތުރުން، އެ ސަރަހައްދަށް ޖަމާވި ގިނަ އަންހެނުން ތިބީ ބޯ ނިވާކޮށްގެންނެވެ. ގިނަ ބަޔަކު ބުރުގާ އަޅައިގެން ހަފްލާގައި ބައިވެރިވީ، އަމިއްލަ ދީން ނޫން ނަމަވެސް، މުސްލިމުންނަށް އިހުތިރާމް ކުރުމުގެ ގޮތުންކަމަށް ބުނެފައިވެ އެވެ.
މުރާސިލުން ބުނާ ގޮތުގައި ނިއު ޒީލެންޑަށް ކުރިމަތިވެފައިވާ ހިތާމައިގައި ގައުމުގެ މޫނުމަތި ސިފަކޮށްދޭ ފަރާތަކީ އާޑާން އެވެ. ދެކުނު އޭޝިޔާގެ އެންމެ ބޮޑު އާބާދީއެއް އޮތް ޕާކިސްތާނުން ބުނަނީ އެ ގައުމުގެ “ރައްޔިތުންގެ ހިތްތައް އާޑާން ފަތަހަކޮށްފި” ކަމަށެވެ.
ކްރައިސްޗާޗުގެ ދެ މިސްކިތުގައި ޝަހީދުވީ މީހުންނާއި ޒަހަމުވީ މީހުންނަކީ ނިއުޒީލޭންޑަށް ހިޖުރަކޮށްފައިވާ މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ އިންޑިއާ، ޕާކިސްތާން، ބަނގްލާދޭޝް، އަފުޣާނިސްތާން، މެލޭޝިޔާ، އިންޑޯނޭޝިޔާ، ތުރުކީ އަދި ސޯމާލިޔާގެ މީހުންނެވެ. މި މީހުންނަށް ބަޑިން ހަމަލާދިނީ އޮސްޓްރޭލިއާގެ ރައްޔިތެއްކަމުގައިވާ އުމުރުން 28 އަހަރުވީ ބްރެންޓަން ޓަރެންޓްއެވެ. އޭނާއަކީ އެމެރިކާގެ ރައީސް ޓްރަމްޕް ދެކެ ލޯބިވާ، މުސްލިމުންނަށް ވަރަށް ބޮޑަށް ނަފުރަތު ކުރާ މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ