އެމްޑީޕީ މެމްބަރުންގެ ފޯނު ކޯލްތައް އަޑުއަހާ ކަމަށް ބުނެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންގެ ފޯނުކޯލްތައް ސަރުކާރުން އަޑުއަހައި ޖާސޫސްކުރަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ހުށަހަޅައިފި އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އެ ޕާޓީ މެމްބަރުންގެ ފޯންކޯލްތައް އަޑުއަހާ ކަމުގެ ޝަކުވާތައް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެއީ މެމްބަރުންގެ ޒާތީ މިނިވަންކަމަށް އަރައިގަނެވޭނެ ފަދަ މައްސަލައަކަށްވާތީ އެކަން ބައްލަވައިދެއްވުމަށް އެ ސިޓީގައި އިބޫ އެދިވަޑައިގެންފައިވެ އެވެ.
އިބޫ މިއަދު "ހަވީރަ"ށް ވިދާޅުވީ ފޯންކޯލްތައް އަޑުއަހާ ކަމުގެ ޝަކުވާ އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ގިނަ މެމްބަރުން ކުރައްވާފައިވާ ކަމަށެވެ. އެއީ ބަޔަކު ކުރާ ކަމެއްތޯ ނުވަތަ ނެޓްވޯކްގެ މައްސަލައެއްތޯ ސާފުކުރަން ހުށަހަޅުއްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައެއް ފަހަރު [މެމްބަރުން ފޯނު ނުނިއްވިއަސް] ފޯނު ނިންވާލާފައި އޮންނަ ކަމަށް، ނުަވަތަ ހިދުމަތް ލިބުމުގައި ދަތިތަކެއް ދިމާވޭ. ހުދު އަޅުގަނޑަށް ވެސް އެކަން ދިމާވޭ، އަޅުގަނޑު ބޭނުން ގަޑިއަކު ފޯނުން ނުގުޅުން ފަދަ އުނދަގޫތައް ކުރިމަތިވޭ،" އިބޫ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ މެދުގައި ފޯން މެދުވެރިކޮށް ދެކެވިފައިވާ ވާހަކަތަކެއް ކަމަށް ބެލެވޭ އޯޑިއޯ ރެކޯޑިންތަކެއް 2010 ގައި ލީކުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ