ލާދީނީ މީހުންނާއި ދެކޮޅަށް ވިލިމާލޭގައި މާދަމާ ހިނގާލުމެއް ބާއްވަނީ

ލާދީނީ މީހުންނާއި ދެކޮޅަށް މާދަމާ ވިލިމާލޭގައި ހިނގާލުމެއް ބާއްވަން ޒުވާނުންގެ ބަޔަކު ނިންމައިފިއެވެ.
ހިނގާލުން އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވާ ޒުވާނުން ބުނާ ގޮތުގައި އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި ދެކޮޅަށް އަޑުއުފުލަން މާދަމާ ހަވީރު ސުލްހަވެރި ހިނގާލުމެއް ވިލިމާލޭގައި ބާއްވަން ވަނީ ނިންމާފައެވެ.
ހިނގާލުން ފަށަން ހަމަޖެހިފައި ވަނީ މާދަމާ އަސުރު ނަމާދަށް ފަހު ސޮނީ މިސްކިތް ކުރިމަތިން ހަވީރު 16:00 ގައެވެ. ހިނގާލުން އިންތިޒާމް ކުރާ ޒުވާނުން ވަނީ ހިނގާލުމުގައި ބައިވެރިވުމުގެ ދައުވަތު ހުރިހާ ފަރާތްތަކަށް ވެސް ދީފައެވެ.
ލާދީނީ މީހުންނާއި ދެކޮޅަށް ވިލިމާލޭގައި މާދަމާ ހިނގާލުމެއް ބާއްވަން ޒުވާނުންގެ ބަޔަކު ނިންމާފައި ވާއިރު ފަހަކަށް އައިސް ފާޅުގައި އިސްލާމްދީނަށް ފާޑުކިޔާ ދިވެހިންގެ އަދަދު ވަނީ ދުވަހަކު ވެސް އިތުރު ނުވާ ވަރަށް އިތުރުވެފައެވެ.
ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާއިލް (އިބުރާ) އިސްލާމްދީނާއި ދެކޮޅަށް ދައްކަމުން ގެންދާ ވާހަކަތަކާއި ދެކޮޅު ހެދުމަށް ގިނަ އަދަދެއްގެ ޒުވާނުން ވަނީ މިރޭ އިބުރާގެ މަންދު ކޮލެޖް ކައިރިއަށް އެއްވެފައެވެ. ނަމަވެސް އެމީހުން އެއްވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފުލުހުން ނިކުމެ ވަނީ އެމީހުން ފައްސާލާފައެވެ.
އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުންނާއި ދެކޮޅަށް ސަރުކާރުން ފިޔަވަޅު ނާޅާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ