ރާއްޖެ އާއި ކިއުބާގެ ގުޅުން ބަދަހި ކުރަން ރައީސް މަޝްވަރާ ކުރައްވައިފި

ކިއުބާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު، ހަރ އެކްސެލެންސީ ހުވާނާ އެލޭނާ ރާމޯސް ރޮޑްރިގެޒް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ކުރެއްވި ޒިޔާރަތުގައި ދެގައުމުގެ ގުޅުން ބަދަހި ކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ ކިއުބާ ސަފީރު، ހަރ އެކްސެލެންސީ ހުވާނާ އެލޭނާ ރާމޯސް ރޮޑްރިގެޒް، ރައީސް ޞާލިޙާއި ބައްދަލު ކުރެއްވީ އިއްޔެ ރައީސް އޮފީހުގައި ކަމަށެވެ.
މިބައްދަލުވުމުގައި ރައީސް ޞާލިހް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާ ކިއުބާއާ ދެމެދުގައި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ގުޅިގެން ތަރައްޤީގެ މަޝްރޫޢުތައް ހިންގުމާއި، މަތީ ތަޢުލީމު ހާސިލުކުރުމަށް ބޭނުންވާ ދިވެހިންނަށް ކިއުބާއިން އިތުރު ސްކޮލަރޝިޕްގެ ފުރުޞަތު ތަނަވަސްކުރުމަށް ޝައުޤުވެރިވާކަމުގައި ވިދާޅުވެފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ރައީސް ވަނީ ކިއުބާގެ ސަފީރު ރާއްޖެ ވަޑައިގެންނެވުމާ ގުޅިގެން އެކަމަނާއަށް މަރުޙަބާ ވިދާޅުވެފައެވެ. ރައީސް ވިދާޅުވިގޮތުގައި ރާއްޖެއާއި ކިއުބާއާ ދެޤައުމުގެ ދެމެދުގައި އެއްގޮތް ގޮންޖެހުންތަކެއް އެބަހުއްޓެވެ. ޚާއްޞަކޮށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައި ވާކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
މީގެ އިތުރުން ކިއުބާ ސަރުކާރުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޚާއްޞަގޮތެއްގައި ޞިއްޙީ ދާއިރާއިން ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ކިއުބާ އިން މިހާރު ވެސް ސިއްހީ ދާއިރާ އިން ރާއްޖެއަށް ސްކޮލަޝިޕް ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ