އިސްކަންދަރު ސްކޫލްގެ ނަމޫނާ މަންޒަރަށް އެތައް ބައެއްގެ ތައުރީފް!

އިސްކަންދަރު ސްކޫލަކީ ތައުލީމީ ގޮތުން ރާއްޖޭގައި ފަވާލެވޭ އެއް ސްކޫލެވެ. އެ ސްކޫލް ކުދިންގެ އަހްލާގީ ފެންވަރު ރަނގަޅު ވާހަަކައަކީ އައު ވާހަކައަކަށް ނުވާނެއެވެ. އަދި ކިއެއްތަ އެ ސްކޫލުން، އެ ސްކޫލްގެ ދަރިވަރުން، ދީނީ ކަންކަމަށާއި، ވަކިން ހާއްސަކޮށް ނަމާދަށް ފަރުވާތެރި ކުރުވުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށްލަން ޖެހެއެވެ.
ދާދި ފަހުން މީސް މީޑިއާގައި ދައުރުވަމުންދިޔަ ފޮޓޯތަކުން ފެންނަނީ އެ ސްކޫލްގެ ގިނަ އަދަދެއްގެ ދަރިވަރުންތަކެއް، ސްކޫލް ގަޑީގައި ނަމާދު ކުރަން ތިބޭ މަންޒަރެވެ. މިއީ ވަރަށްވެސް އުފާވެރި މަންޒަރެކެވެ. އެތައް ބަޔަކަށް ހުރި ނަމޫނާއެކެވެ. ސްކޫލްގެ އެތައް ސަތޭކަ ކުދިން އެއްތަނަކަށް އެއްްވެ ނަމާދު ކުރަމުން އެދަނީ އެ ކުދިން ކިޔަވަންދާ ގަޑީގައެވެ.
މީސް މީޑިއާގައި ދައުރުވަމުންދަނީ، އެ ސްކޫލްގެ ކިޔަވާ ދަރިވަރުންގެ ތެރެެއިން މެންދުރު ފަހު ސްކޫލަށް ދާ ދަރިވަރުން ސްކޫލު ގަޑީގައި ދަރިވަރުންތައް އެއްވެގެން އަސްރު ނަމާދު ކުރަމުންދާ މަންޒަރެވެ.
މިގޮތަށް އެ ސްކޫލްގައި ނަމާދު ކުރާއިރު، އިމާމްވެ ނަމާދު ކުރަމުން ދަނީ އެ ސްކޫލްގެ ޓީޗަރަކެވެ. ނޫނީ އެ ސްކޫލްގައި މަސައްކަތު މީހެކެވެ. މިގޮތަށް އެ ސްކޫލުން ކަންތައް ކުރާތާ ވަރަށް ގިނަ ދުވަސް ވެދާނެ ކަމަށް އެ ސްކޫލްގެ ދަރިވަރަކު ބުންޏެވެ.
"ބައެއް ފަހަރު އެކްސްޓްރާ ގަޑިއަށް ސްކޫލަށް އައިސް، ނަމާދު ގަޑި ޖެހުނީމަ ނަމާދު ކުރަން ފޮނުވާނެ". އެ ސްކޫލްގެ ގްރޭޑް ނުވައެއްގައި ކިޔަވަމުންދާ ދަރިވަރަކު ބުންޏެވެ.
އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސައިން ސައީދު ވިދާޅުވީ، މީގެ ހަތަރު އަހަރު ކުރިން ފެށިގެން އެ ކުދިން ލައްވާ ޖަމާއަތުގައި ނަމާދު ކުރުވަމުންދާ ކަމަށެވެ. އަދި އެ ކުދިން ލައްވާ ނަމާދު ކުރުވަމުން ގެންދަނީ ސްކޫލްގެ ކޮމްޕައުންޑުގައިކަންވެސް ސައީދު ފާހަގަކުރިއެވެ.
"މިހާރު ހަތަރު އަހަރު މި ވަނީ. މިއީ އަހަރުމެން ހަމަ ރެގިއުލާކޮށް ކުރަމުން އަންނަ ކަމެއް. އަސްރު ނަމާދު މި އަންނަނީ ކުދިން ސްކޫލްގައި ތިބޭ ވަގުތު، ދެން އެގަޑީގައި ހަމަ ހުރިހާ ކުދިން އައިސް އެތާގައި އިމާމަކު ހުރެގެން ނަމާދު ކުރަމުން ދާނީ". ސައީދު ވިދާޅުވިއެެވެ.
ސައީދު ވިދާޅުވީ، އެ ސްކޫލްގެ ދަރިވަރުން ދީނީ ކަންތައްތަކަށް އަހުލުވެރިކުރުވުމަށް ކޮންމެ މަހަކު އެއްފަހަރު ދީނީ އިލްމުވެރިއެއް ގެނެސްގެން އެ ކުދިންނާއި މުހާތަބު ކުރުވާ ކަމަށެވެ. އަދި ސްކޫލްގެ އެސެމްބްލީ ނިންމާލާނީވެސް ދުއާއަކުންކަންވެސް އޭނާ ފާހަގަކުރިއެވެ.
"އޭގެ އިތުރަށް އިންޓަވަލް ނިމުނީމަވެސް ބެލްއެއް ނޫން އަޅުގަނޑުމެން ޖަހާނީ. އިންޓަވަލް ނިމުނީމަ ގުރުއާން ކިޔަވާނީ. ގުރުއާން ކިޔެވީމަ އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ ކުދިންގެ ހަމަހިމޭންކަން މާބޮޑުވާނެއޭ". ސައީދު ވިދާޅުވިއެވެ.
ސައީދު އިތުރަށް ފާހަގަކުރިގޮތުގައި، ކޮންމެ އަހަރަކުވެސް ކޮންމެ ގްރޭޑެއް ނިމިގެންދާއިރުވެސް އެ ކުދިންނަށް ނަމާދު ކުރަން އިނގޭތޯ އާއި ނަމާދު މަތީ އެއްޗެހި ކިޔަން އިނގޭތޯ ކަށަވަރު ކުރެއެވެ. އަދި މިކަމުގައި ބެލެނެވެރިންގެ ވަރަށް ބޮޑު އެއްބަރުލުމެއް ލިބޭކަންވެސް ފާހަަގަކުރިއެވެ.
އެ ސްކޫލް ތެރޭގައި ނަމާދު ކުރަނީ ފިރިހެން ކުދިން ވަކިން އަންހެން ކުދިން ވަކިންނެވެ.
މިއީ ރާއްޖޭގެ އެހެން ސްކޫލްތަކުންވެސް ނަމޫނާއަކަށް ބަލަންވީ ކަމަކެވެ. ނަމާދު ގަޑީގައި ބައެއް ސްކޫލްތަކުގައި އަދިވެސް ކިޔަވާދޭއިރު، ބައެއް ސްކޫލްތަކުގައި އެ ކުދިންނަށް ނަމާދު ކުރަން ފުރުސަތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ