ފަތުރުވެރިކަމުގެ ހަޤީޤީ ނަފާ ލިބޭނީ ސިނާޢަތުގެ މަތީ މަޤާމްތަކަށް ދިވެހިން ގެނެސްގެން - ޑރ.މަޢުޞޫމް

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހަޤީޤީ ނަފާ ދިވެހިންނަށް ލިބޭނީ މިސިނާޢަތުގެ މަތީ މަޤާމުތަކަށް ދިވެހިން ގެނެސްގެންކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުޞޫމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކޮށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުކުރުމަށް ކުރިއަށްގެންދާ "މޯލްޑިވްސް ބޯޑަރ މައިލްސް" ޕްރޮގްރާމް ރަސްމީކޮށް ލޯންޗްކޮށްދެއްވައި ވާހަކަފުޅު ދައްކަަވަމުންނެވެ. މި ޕްރޮގްރާމް ލޯންޗްކޮށްފައިވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދިޔަ ޚާއްސަ ރަސްމިއްޔާތެއްގައެވެ.
"މޯލްޑިވްސް ބޯޑަރ މައިލްސް" ޕްރޮގްރާމް ލޯންޗްކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުޞޫމް ވިދާޅުވީ، މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިޢާރުކަމަށްވާ "ޓޫރިޒަމް އެންޑް ރޫރަލް ޑިވޮލޮޕްމަންޓް" ނުވަތަ ފަތުރުވެރިކަމާއި ރަށްފުށުގެ ތަރައްޤީ މި ޝީއާރަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުފުޅުތަކާއި، އެޖެންޑާ-19ގެ ސިޔާސަތުތަކާވެސް ގުޅިލާމެހިފައިވާ ޝިޢާރެއްކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާޢަތުގެ ހަޤީޤީ ނަފާ ދިވެހިންނަށް ލިބޭނީ ސިނާޢަތުގެ މަތީ މަޤާމުތަކަށް ދިވެހިން ގެނެސްގެންކަމަށާއި، ސިނާޢަތާއި ގުޅިލާމެހިފައިވާ އިތުރު ދާއިރާތައްވެސް ފުޅާކޮށްގެންކަމަށް މިނިސްޓަރ މަޢުޞޫމް ވިދާޅުވިއެވެ.
"ފަތުރުވެރިކަމުގެ މަންފާ ރައްޔިތުންނަށް އެންމެ ބޮޑަށް ލިބިގެންދާނީ ގިނަ ދިވެހިން ފަތުރުވެރިކަމުގެ ވެރިންނަށް ވެގެން. ރަށްރަށުގެ ކުދި ހޮޓާތަކާއި ގެސްޓް ހައުސްތައް އަދި ރާއްޖޭގެ އެހެން ޓޫރިސްޓް ޚިދުމަތްދޭ ތަންތަން ފައިދާއެއް ލިބޭގޮތަށް ހިންގައިގަނެގެން. ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިން އަދާކުރާ ހިތް ވާ ބޮޑެތި މުސާރަ ލިބޭ ވަޒީފާތައް ދިވެހިންނަށް ލިބިގެން. ފަތުރުވެރިކަމުގެ ސިނާޢަތުގައި އަންހެނުންގެ ހިއްސާ އިތުރުކޮށްގެން. ދަނޑުވެރިންނާއި މަސްވެރިންނާއި ފަންނުވެރިންނާއި ފަންނާނުންގެ ބައިވެރިވުން އިންޑަސްޓްރީގައި އޮތުމަށް ޖާގަ ލިބިގެން. އަޅުގަނޑުމެން ކަންކަން ބައްޓަންކުރާނީ މި ކަންތައްތައް ޙާޞިލުކުރުމަށް" މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް ވިދާޅުވިއެވެ.
ޖުލައިމަހުގެ 15 ދުވަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލުމަށް ނިންމެވި ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާ ނިންމެވި ވަރަށް މުހިއްމު އަދި އެހާމެ ހަރުދަނާ ނިންމެވުމެއްކަމަށް ޑރ.މަޢުޞޫމް ވިދާޅުވިއެވެ. އަދި މި ސިނާޢަތް ކުރިއަރުވާ ޤައުމުގެ އިޤްތިޞާދު ހިނގައިގަތުމަށް ކުރާ މަސައްކަތްތަކަށް ކުރިއެރުންތަކެއް ލިބެމުންދާކަމަށާ، 2021 ވަަނަ އަހަރާ ރާއްޖެއިން ކުރިމަތިލާނީ ކުރިއެރުންތަކަކާއެކު ކަމަށާއި، އިތުރު ކާމިޔާބީތަކެއް ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސައިން ވިދާޅުވީ، މި ޕްރޮގްރާމް ހަޤީޤަތަކަށް ހެދުމުގެ މަސައްކަތް ފަށައިގަތީ ބޯޑަރު ހުޅުވާލި ދުވަހުކަމަށާއި، މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިކަން ހަޤީޤަތަކަށް ހެދުނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު ކަމަށެވެ. އަދި މި ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމަކަށް ހެދުމަށް ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުން ލިބިގެންދާނެކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވިދާޅުވިއެވެ.
"މި ޒަމާނުގައި މި ސިނާޢަތް ކުރިއެރުވޭނީ އެންމެން އެއް ވިސްނުމެއް ގެންގުޅެގެން. އެއީ ޓޫރިސްޓުންނަށް ހިނިތުންވުމާ އުފާވެރިކަމާއެކު މަރުހަބާ ކިޔައިގެން. އެ ވިސްނުމުގައި މި ޕްރޮގްރާމް ކުރިއަށްގެންދާނީ. މިއީ ފަތުރުވެރިކަމާމެދު އައު ނަޒަރިއްޔާތަކުން ދެކުމަށް ހުޅުވާލެވޭ ދޮރެއް" ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސައިން ވިދާޅުވިއެވެ.
"މޯލްޑިވްސް ބޯޑަރ މައިލްސް" ޕްރޮގްރާމަކީ ރާއްޖެއަށް ދަތުރުކޮށްގެން ދުނިޔޭގެ އެކި ތަންތަނަށް ދަތުރުކުރުމުގައިވެސް އެކި އިނާޔަތްތަކެއް ފަތުރުވެރިންނަށް ލިބޭ ޚާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް މެދުވެރިކޮށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚާއްސަ ކަންތައްތަކެއް ތަޢާރަފުކުރެވިގެންދާނެއެވެ. އަދި ބޯޑަރު ހުރަސްކުރާއިރު ޕޮއިންޓް ލިބޭއިރު، ޚާއްސަ މުނާސަބަތުތަކުގައި އިތުރު ޕޮއިންޓް ލިބިގެންދާނެއެވެ. މި ޕޮއިންޓްތަކުގެ ސަބަބުން އެކި އޮފަރތަކާއި، ޓިއާ މަތިކުރެވޭނެއެވެ. މި ޓިއާތައް ބަހާލާފައިވަނީ 3 ގޮތަކަށެވެ. އެގޮތުން ބްރޮންޒް އަށް ދީފައިވާ ނަމަކީ "އައިދަ" އެވެ. ސިލްވަރ އަށް "އަންތަރަ" ކިޔާއިރު ގޯލްޑް އަށް ކިޔަނީ "އަބާރަނަ" އެވެ. މިއާއެކު ފަތުރުވެރިންނަށް ޚާއްސަ ޙިދުމަތްތަކެއް ލިބިގެންދާނެއެވެ. މި ޕްރޮގްރާމަށް ޢަމަލުކުރަންފަށާނީ އަންނަ ޑިސެމްބަރުމަހުގެ ފުރަތަމަ ދުވަހުންފެށިގެންނެވެ.
މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން ޓޫރިޒަމް މިނިސްޓްްރީއާއި ގުޅިގެން ތަޢާރަފުކުރި މި ޕްރޮގްރާމުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމް.އެމް.ޕީ.އާރް.ސީއާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލް ވަނީ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ